ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި، ސަގާފީ މަސައްކަތްތެރިންނާއި، ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރުކޮށް، ގިންތިކުރުމުގެ މަސައްކަތް މިވަނީ މި މަރުކަޒުން ފަށާފައެވެ. އެގޮތުން ރަށްތަކުގައި ކުރަމުންދާ އެކިއެކި ދިވެހި ސަގާފަތާއި އާދަކާދަ އާއި ގުޅުން ހުރި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެއްކޮށް، މިފަދަ މަސައްކަތްކުރާ މަސައްކަތްތެރީންނާއި އަދި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި، ސަގާފަތް ދައްކުވައިދިނުމަށް އެކިއެކި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މި ދަނީ މި މަރުކަޒުން ކުރަމުންނެވެ. މި މަޢުލޫމާތުތައް އެއްކޮށް، ދަފްތަރުކޮށް ބެލެހެއްޓުމާއި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ މި މަރުކަޒާ އެކު އެންމަހައި ފަރުދުންގެ ޒިންމާއެކެވެ.  

ވުމާއެކު، ސަގާފީ މަސައްކަތްކުރައްވާ މަސައްކަތްތެރީންނާއި އަދި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި، ސަގާފަތް ދައްކުވައިދިނުމަށް އެކިއެކި މަސައްކަތް ކުރައްވާ ފަރާތްތަކުން 2020 މެއި 12 ގެ ކުރިން މި މަރުކަޒުގައި ރަޖިސްޓްރީވެވަޑައިގެންނެވުމަށް އެދެމެވެ. އަދި މަޢުލޫމާތު އެއްކުރުމަށް ތައްޔާރުކޮށްފައިވާ "ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި، ސަގާފީ މަސައްކަތްތެރިންނާއި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި ދަފްތަރު ކުރުމަށް އެދޭ ފޯމު" ފުރުއްވައި މި މަޢުލޫމާތު މި މަރުކަޒަށް ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ. މި ފޯމު[email protected]  އަށް ނުވަތަ [email protected] އަށް އީމެއިލް ވެސް ކުރެއްވިދާނެއެވެ. ނޫންނަމަ، 7947266 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށްވެސް ފޮނުއްވިދާނެއެވެ. އަދި ސަގާފީ މަސައްކަތްތެރީންނާއި ސަގާފީ ކުޅިވަރު ކުޅުއްވާ ފަރާތްތަކާއި ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން http://bit.ly/NCCHRegistration ލިންކު މެދުވެރިކޮށް އޮންލައިންކޮށްވެސް ދަފްތަރު ކުރެއްވޭނެއެވެ.

04 މޭ 2020
ހޯދާ