މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަރބަން ގާޑަންއެއް ގާއިމްކުރުން

"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އާބަން ގާޑެނިން" މޮޑެލްއެއް ތަޢާރަފް ކުރުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުސްބިމެއް ނުވަތަ ޓެރަސްއެއް ފަދަ ތަނެއްގައެވެ. ތަޢާރަފް ކުރެވޭ މޮޑެލް ބިނާވާނީ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހޭ ތަނެއްގެ ބޮޑު ކުޑަމިނެއްގެ މައްޗަށެވެ. ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ  މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދާ އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ. މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ފޯރުކޮށްދޭނީ މިމިނިސްޓްރީގެ ފަރާތުންނެވެ.

މިޕްރޮގްރާމްގެ ދަށުން ޤާއިމްކުރާ މޮޑެލް ގާޑަން އެފަރާތެއްގެ އަމިއްލަ ބިމުގައި ނުވަތަ އިމާރާތުގެ ޓެރަސްގައި ޤާއިމްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެކު މިވާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު ފޮނުއްވާދެއްވުން އެދެމެވެ.

މޮޑެލް ގާޑަން ޤާއިމްކުރާނެ ބިމެއް ނުވަތަ ޓެރަސްއެއް ޚިޔާރުކުރުމުގައި މި މިނިސްޓްރީން ބަލާނެ މައިގަނޑު ކަންތައްތައް ތިރީގައި މިވަނީއެވެ.

  • ހުށަހަޅުއްވާ ބިމަށް ނުވަތަ ޓެރަސްއަށް ވަދެ ނިކުތުމަށް ފަސޭހަ މިންވަރު
  • ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްގެ ސެކިޔުރިޓީ ބަލަހައްޓާ މިންވަރު
  • މިނިސްޓްރީން ޤާއިމްކުރާ މޮޑެލް އާންމުންނަށް ދައްކާ ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތައް
  • ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއިން ޖާގަ ލިބެން އޮތް މިންވަރު
  • މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރު
  • މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު އަވައްޓެރިންނަށާއި އެހެނިހެން
  • އާންމުންނަށް ފަހިކޮށްދިނުމަށް ހުށަހަޅާ ގޮތް އަދި މިންވަރު
  • ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއަށް މޫދު ލޮނުގެ އަސަރުކުރާ މިންވަރު، އަވި ލިބޭ ނިސްބަތް

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަންފޯމް ހުށަހެޅުން (އެޕްލިކޭޝަން ފޯމު ދިވެހިސަރުކާރުގެ ގެޒެޓުން ލިބިލައްވާނެ)

ބިމެއްނަމަ ބިމުގެ ރަޖިސްޓްރީގެ ކޮޕީ، ޓެރަސްއެއްނަމަ އެ ޓެރަސްއެއް ހިމެނޭ އިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ

ހުށަހަޅުއްވާ ފަރާތަކީ ބިމުގެ ނުވަތަ އިމާރާތުގެ ވެރި ފަރާތް ނޫންނަމަ، މޮޑެލް ގާޑަން ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ބިން ނުވަތަ ޓެރަސް ބޭނުން ކުރުމަށް ވެރި ފަރާތުން އިއުތިރާޒު ނުކުރާ ކަމުގެ ލިޔުން

http://www.gazette.gov.mv  (ގެޒެޓުގެ އާއްމު އިޢުލާންގެ ބައިން)

ސުންގަޑި: 02 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން

10 މާރިޗު 2020
ހޯދާ