އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް ރުއްގަސް އުފުރައިގެން އެއްރަށުން އަނެއް ރަށަށް ގެންދިއުމަކީ މަނާކަމެއްކަން ހަނދާން ކޮށްދިނުން

ނޫސް ބަޔާން

ޤަވައިދާ ޚިލާފަށް ރުއްގަސް އުފުރައިގެން އެއްރަށުން އަނެއް ރަށަށް ގެންދިއުމަކީ މަނާކަމެއްކަން ހަނދާން ކޮށްދިނުން

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޤުދުރަތީ ތިމާވެށްޓާއި، ދިރޭ ތަކެތީގެ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލިތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެއްކަމަށާއި، އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދުމަށް ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، ދިރޭ ތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ޤުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރު އަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރ 93/4) ގެ ދަށުން މި އޭޖެންސީއިން ނަގަންޖެހޭ ހުއްދަތައް ނުނަގައި، އެކި ރަށްރަށުން ގިނަ އަދަދަކަށް ރުއްގަސް ކަނޑައި އަދި ނަގަމުންދާކަން މި އޭޖެންސީއަށް ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ރިސޯޓް ތަރައްޤީ ކުރުން ފަދަ މަޝްރޫޢުތަކަށް ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާކަމުގެ މަޢުލޫމާތުވެސް ލިބެމުންދެއެވެ.   

މިގޮތުން "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ގަވާއިދު" ގެ 02 ވަނަ މާއްދާގެ (ށ) ގައި "ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުން ނުވަތަ އެއްރަށުން އަނެއްރަށަށް ގެންދެވޭނީ ކޮންމެހެން އެނޫންގޮތެއް ނެތިގެން ޟަރޫރީ ބޭނުމަކަށް" ކަމަށް ބަޔާން ކޮށްފައި ވެއެވެ. މީގެ އިތުރުން މިގަވާއިދުގެ ހަމަ މިމާއްދާގެ (ރ) ގައި "ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ރުއްގަސް ކަނޑައި، ކޮނެގެން ނަގައި އަދި އެރަށުން ބޭރުކުރާނަމަ ކެނޑޭ ނުވަތަ ރަށްރަށުން ބޭރުކުރެވޭ ކޮންމެ ރުކަކަށް ދެރުއް އަދި ކޮންމެ ގަހަކަށް ދެގަސް އެރަށެއްގައި އިންދައި ހައްދަން ޖެހޭނެ" ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ހަމަ އެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި "ފުޅާ ދާއިރާއެއްގައި ގިނަ އަދަދެއްގެ ރުއްގަސް ކަނޑައިގެން، އުފުރައިގެން ނުވަތަ ނަގައިގެން އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި، ދަނޑުވެރިކަމާއި، އިޖުތިމާއީ މަރުކަޒްތައް އެޅުމަށް ނުވަތަ އެނޫންވެސް ކަމަކު ބިންސާފު ކުރުމަށް ބޭނުންވެގެން ރުއްގަސް ނެގުމުގެ މަސައްކަތް ކުރިޔަށްގެންދަންވާނީ އެމަސައްކަތް ފެށުމުގެ ކުރިން އެކުރަން ބޭނުންވާ މަސައްކަތާ ބެހޭގޮތުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ. އައި. އޭ) ތައްޔާރު ކުރުމަށްފަހު، މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ހޯދުމަށްފަހުގައިކަން ބަޔާން ކޮށްފައިވެއެވެ. އަދި މީގެ އިތުރުން "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012" ގެ ޖަދުވަލު (ރ) ގައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ތަރައްޤީގެ މަޝްރޫޢުތަކުގެ ލިސްޓުގައިވެސް ގިނަ އަދަދަކަށް ރުއްގަސް ނެގުން" ވަނީ ހިމެނިފައެވެ. ވީމާ، ރުއްގަސް ނެގުމާއި، އެއްރަށުން އަނެއްރަށަށް ގެންދާނަމަ އެކަން ކުރަންވާނީ މަތީގައި ބަޔާން ކުރެވިފައިވާ ގޮތަށް މި އޭޖެންސީއިން ނަގަންޖެހޭ ހުއްދަތައްް ނަގައިގެންކަމުގައި ދަންނަވަމެވެ.

20 ޖުމާދަލްއާޚިރާ 1434

30 އޭޕްރިލް 2013
ހޯދާ