އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކަނޑަށް ތެލާއި، ކުނި އެޅުން އެއީ މަނާ ކަމެއްކަން ހަނދާން ކޮށްދިނުމާ ބެހޭ ސަރކިއުލަރ 2013

"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނުނޫ" (4/93 ޤާނޫނު ނަންބަރ) ގެ 7 ވަނަމާއްދާގެ (ހ) ގައި "ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކަށް، ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މާލޭގެ ފަޅުތެރެއާއި ކަނޑުގެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ގިނަ އަދަދަކަށް ކުންޏާއި، ތެޔޮ އުކަމުންދާކަން މި އޭޖެންސީއަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިގޮތަށް އުކާލާ ކުންޏާއި، ތެޔޮގަނޑު މާލޭ ފަޅުތެރެއަށާއި އަދި ކައިރި ރަށްރަށުގެ ފަޅުތެރެއަށްވެސް ވަންނަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ އިތުރުން ރިސޯޓްތަކާއި، މީހުން ދިރިއުޅޭ ރަށްރަށާއި، ބައެއް ކަހަލަ ސިނާއީ މަސައްކަތް ކުރާ ރަށްރަށުގެ ބިމުގެ ފެންފަށަލައަށް ތެޔޮއެޅި ތަޣައްޔަރު ވަމުންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ޚިލާފަށް ހިންގާ ޢަމަލުތަކެއް ކަމުގައި ދަންނަވަމެވެ. ތިމާވެށި ޤާނޫނާއި ޚިލާފަށް މިބާވަތުގެ ކަންކަން ކުރާ ފަރާތްތަކަށް ޤާނޫނުގައި ހަރުކަށި ފިޔަވަޅުތައް ކަނޑައަޅާފައިވެއެވެ. މިގޮތުން މިޤާނޫނުގެ 9 ވަނަމާއްދާގެ (ށ) ގައިވާގޮތުން މި ޤާނޫނާއި ޚިލާފަށް މިފަދަ ބޮޑެތި  ކުށްތައް ކުރާ ފަރާތްތައް، އެކަމެއްގެ ކުޑަ ބޮޑުމިނުގެ ނިސްބަތުން -/100,000,000 (ސަތޭކަ މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ކުންޏާއި، ތެޔޮ މޫދަށް އެޅުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށާއި، ތިމާވެށްޓަށް އަދި އެހެނިހެން ދިރުންތަކަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި މީގެ އިތުރުންވެސް މިކަންތައްތަކުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށްވެސް ނުރައްކާތެރި ހާދިސާތައް ދިމާވަމުން ދެއެވެ. ވީމާ މިކަންކަމަކީ މި އޭޖެންސީން ނުހަނު ކަންބޮޑުވާ އަދި ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކަށް ނުހަނު ގެންލުންދެނިވި ކަންކަމަށްވާތީ، މިފަދަ ކަންތައްތައް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުތަކުގައި ކަނޑައެޅިފައިވާ ގޮތަށް ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއާޚިރާ 1434

30 އޭޕްރިލް 2013
ހޯދާ