މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕްރެސް ސްޓޭޓްމެންޓް - ރެގިއުލަރައިޒޭޝަން

ޕްރެސް ސްޓޭޓްމެންޓް - ރެގިއުލަރައިޒޭޝަން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އެފަރާތްތައް ގަވާއިދަށް ފެއްތުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް"، 19 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލެވިފައެވެ. "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" ކުރިއަށް ދާނީ ސިވިލް ސަރވިސް ކޮމިޝަންގެ އޮފީސް ހިންގަމުންދާ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި، އެކަމަށް ޚާއްޞަ ކުރެވިފައިވާ މި މިނިސްޓްރީގެ އިދާރާގައެވެ.

މި ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ވެވޭނީ އެއްވެސްއިރެއްގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކޮށްފައިވާ ބިދޭސީންނަށެވެ. އެއްވެސްއިރެއްގައި "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް މިޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެއެވެ. ކާކުކަން އަންގައިދޭ ލިޔުމެއް އޮތް ފަރާތެއްގެ ގޮތުގައި ބެލެވޭނީ ޕާސްޕޯޓްގެ އަސްލު، ޕާސްޕޯޓް ކޮޕީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދައިގެ ކޮޕީ، ވިސާ ކާޑްގެ އަސްލު ނުވަތަ ކޮޕީ ނުވަތަ ދިވެހިރާއްޖޭގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ އަސްލު ނުވަތަ ކޮޕީއެއް އޮތް ފަރާތެކެވެ.  

ވަޒީފާ  ދޭނެ  ފަރާތެއް  ލިބި، ރެގިއުލަރައިޒްވާން  އެދޭ  ބިދޭސީން ރެގުއުލަރައިޒްކުރުމަށް  ހުށަހަޅާނީ، "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން، ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއްނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުންނުކޮށް ބާކީއޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެއެވެ. އަދި ކޯޓާ ނެތް ފަރާތްތަކުންވެސް  ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެއެވެ.

ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން، ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީ އަށް ޙާޟިރުވެ، "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފުތަރު" ގައި ރަޖިސްޓްރީވާން ވާނެއެވެ. އަދި ވަޒީފާދޭ ފަރާތެއް ލިބި ރެގިއުލަރައިޒޭޝަނަށް ހުށަހަޅާ ފަރާތްތައްވެސް މި ދަފްތަރުގައި ރަޖިސްޓްރީވުމަކަށް މި ޕްރަގޮރާމް ހުރަހެއް ނާޅައެވެ."ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފުތަރު" ގައި ރަޖިސްޓްރީވުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މިގޮތުން  ރަޖިސްޓްރީވާ  ބިދޭސީންނަށް 6 މަސް ދުވަހުގެ  މުއްދަތެއް  އޮތް  "ރެގިއުލަރައިޒޭޝަން ރަޖިސްޓްރޭޝަން ކާޑް"                                                         

އެއް  ދޫކުރެވޭނެއެވެ. މި ކާޑުގެ  ޞައްހަކަން  ބެލުމަށް އެއްވެސް ފަރާތަކުން ބޭނުންވެލައްވާނަމަ "އެކްސްޕެޓް  އޮންލައިން  ސިސްޓަމް" އިން  މިކަމަށް  ޙާއްސަކުރެވިފައިވާ Regularization Registry Verification ގައި  "ރެގިއުލަރައިޒޭޝަން  ރަޖިސްޓްރޭޝަން ކާޑް"ގެ ނަންބަރާއި  ބިދޭސީ މީހާގެ ނަން ޖެހުމުން ކާޑް ގެ ސައްޙަކަން ކަށަވަރު ވެގެން ދާނެއެވެ. "ރެގިއުލަރައިޒޭޝަން ރަޖިސްޓްރޭޝަން ކާޑް" ގެ މުއްދަތަކީ 6 މަސްދުވަހެވެ. ވަޒީފާދޭ ފަރާތްތަކުން، "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފުތަރު" ގައިވާ ބިދޭސީންގެ ތެރެއިން ބިދޭސީންނަށް ވަޒީފާދޭން ބޭނުންވާނަމަ، "އެކްސްޕެޓް އޮންލައިން ސިސްޓަމް" އިން މިކަމަށް ޙާއްސަ ކުރެވިފައިވާ Occupation List ން ރެގިއުލަރައިޒް ވުމަށް އެދިފައިވާ ބިދޭސީން ރަޖިސްޓްރީވެފައިވާ މަޤާމްތަކާއި، މަޤާމްތަކަށް ބިދޭސީން ރަޖިސްޓްރީކޮށްފައިވާ ޢަދަދު އެނގިގެންދާނެއެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވާ ބިދޭސީއަކަށް ވަޒީފާ ދޭން ބޭނުންވާނަމަ، މި ކަމަށް ޙާއްސަ ކުރެވިފައިވާ ކައުންޓަރަށް ވަޑައިގަތުމުން، މިނިސްޓްރީން ކަނޑާއަޅާ އުޞޫލެއްގެ ތެރެއިން ވަޒީފާ ގުޅުވައި ދިނުމަށް މަގުފައި ކޮށްދީ، އެބިދޭސީން ރެގިއުލަރައިޒްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

ރެގިއުލަރައިޒްކުރަން ބޭނުންވާ ފަރާތްތަކަށްވެސް އައު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. މިފަދަ ފަރާތްތަކުގެ ޑިޕޮސިޓާ ބެހޭ އެންމެހާ ކަމެއް ކުރިއަށް ދާނީ މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ މަތިންނެވެ.

މި ޕްރޮގްރާމަށް ރެގިއުލަރައިޒްވުމަށް އެދި ހުށަހަޅާ ބިދޭސީންގެ ތެރެއިން ރެގިއުލަރައިޒް ނުވާ ބިދޭސީންނާމެދު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ. ރެގިއުލަރައިޒް ވުމަށް އެދި ހުށަހަޅާ ބިދޭސީންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ރެގިއުލަރައިޒް ކޮށްދެވެން ނެތް ބިދޭސީންގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާ ބަލަހަންޓަމުން ގެންދާނެއެވެ. ރެގިއުލަރައިޒްވުމަށް ދެވޭ ފުރުސަތުގެ ތެރެއިން ރެގިއުލަރައިޒް ނުވެ ތިބޭ ބިދޭސީން ލައްވާ އެއްވެސް ފަރާތަކުން މަސައްކަތް ކުރުވުމަކީ މަނާކަމެވެ.

19  މުޙައްރަމް  1441

18 ސެޕްޓެންބަރު 2019
ހޯދާ