ދިވެހިރާއްޖެ
ބ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން
ބ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 3 ވަނަ ދައުރުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު 25 ފެބްރުއަރީ 2019 ގައި އިސްތިއުފާ ދެއްވާފައިވާތީ، ބ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން 27 މާރޗް 2019 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކުންކުރެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 2019 ފެބްރުއަރީ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2019 މާރޗް 13 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
- ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) އެރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
(ށ) އެރަށެއްގައި ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.
(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.
(ރ) ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
(ޅ) އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން.
(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.
(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.
(ވ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.
(މ) ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި، ބ.މާޅޮހު އިލެކްޝަން ކޮމިޓީއަށް ހުށަހަޅަން ވާނެއެވެ.
(ހ) ފުރިހަމަ ނަން.
(ށ) އުފަން ތާރީޚް.
(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު. (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު)
(ރ) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް)
(ބ) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް.
(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
(އ) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން.
(ވ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ބ.މާޅޮހު އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤުރާރުވެ، އެ އިޤްރާރު.
ބ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2019 މާރޗް 27 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ން މެންދުރުފަހު 13:30 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ.
22 ޖުމާދަލްއާޚިރާ 1440
27 ފެބްރުއަރީ 2019