ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރަމުން ގެންދާ ރަށްރަށުގައި ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނެ މީހުން ބިނާ ކުރުމަށްޓަކައި ފީލްޑް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ޔުނިވާސަލް އެންޓަރޕްރައިސަސްގެ އެހީތެރިކަމާއެކު ހިންގުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.
އިންޑިއާ ނުވަތަ ސްރީލަންކާގެ ކަމާގުޅޭ ޔުނިވާރސިޓީއެއްގައި 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ތަމްރީންދެވޭނެ ދާއިރާތަކުގެ ތެރޭގައި، އެގްރިބިޒްނަސް މެނޭޖްމަންޓް، ޕެސްޓް އެންޑް ޑިޒީޒް މެނޭޖްމަންޓް، އެގްރިކަލްޗަރަލް ޓެކްނޮލަޖީޒް، ލައިވްސްޓޮކް އަދި ޕްލާންޓް ޕޮރޮޑަކްޝަންގެ މައުލޫމާތު ހިމެނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ދަނޑުވެރިކަން ކުރާ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ދާއިމީ މުވައްޒަފުންނަށެވެ.
ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން އިންޑިއާ ނުވަތަ ސްރީލަންކާގެ ހުރުމާއި، ދަތުރުފަތުރު، ކެއުން އަދި އެލަވަންސް ފަދަ އެންމެހާ ޚަރަދުތަކެއް ދެއްވުމަށް ހަމަޖެހިފައިވަނީ ޔުނިވާސަލް އެންޓަރޕްރައިސަސްގެ ފަރާތުންނެވެ.
ވީމާ، މިޕްރޮގްރާމްގެ ދަށުން ފީލްޑް އޮފިސަރެއް ތަމްރީން ކުރައްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ރަށު ކައުންސިލްތަކުން، ބައިވެރި ކުރައްވަން ނޮމިނޭޓްކުރާ މުވައްޒަފެއްގެ ވަނަވަރު ހިމެނޭގޮތައް 24 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދެމެވެ.
މި ޕްރޮގްރާމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ނަމްބަރ 3339264 އަދި 3339202 އަށް ގުޅުއްވުން އެދެމެވެ.