ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-I/30/2014/1
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 16:33
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހިސްޕިޑް ބީޓްލް ފެތުރުން ހުއްޓުވުމާބެހޭ

ރާއްޖެއަށް 1999 ވަނަ އަހަރުގައި ތަޢާރަފު ވެގެން ދިޔަ ހިސްޕިޑް ބީޓްލް ވަނީ އުތުރުގެ ގިނަ ރަށްތަކުގެ ރުއްތަކަށް ފެތުރިފައެވެ. އަދި އެކަމުގެ ސަބަބުން ރުއްތައް ދަނީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ. މިމަޑިއަކީ އެހާ ދުރަށް އުދުހެވޭ މަޑިއެއް ނޫންކަމުން، އެއްރަށުން އަނެއްރަށަށް މިމަޑި ފެތުރެން ދިމާވާ ސަބަބެއް ކަމަށް ބެލެވެނީ މިމަޑި އުޅޭ ރުކާއި ރުކުގެ ބައިތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުން ކަމުގައި ކަމަށް ބެލެވެއެވެ.

ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ވ) ގެ ދަށުން ގަސްގަހަށް ޖެހޭ މިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި އެބަލި އުޅޭ ސަރަޙައްދުތައް ކަރަންޓީނު ކުރުމަކީ މިނިސްޓްރީއަށް ލިބިގެންވާ ބާރެކެވެ. މިހެންކަމުން، މި މަޑި ކޮންޓްރޯލް ކުރުމަށްޓަކައި މިމަޑި ހުރިކަމަށް މިހާތަނަށް ރިކޯޑުކުރެވިފައިވާ އަތޮޅުތައް ކަމަށްވާ ނ، ރ، ކ، އއ، އދ، ގެ އަތޮޅުތަކުގެ އެއްވެސް ރަށަކުން ރުކާއި ރުކުގެ އެއްވެސް ބައެއް އެރަށުން ބޭރުކުރުމަކީ މަނާކަމެކެވެ. އަދި މިމަޑި އުޅޭ ރުކުގެ އެއްވެސް ބައެއް އެއްލާލަން ޖެހިއްޖެނަމަ ނުވަތަ ކުނީގެ ގޮތުގައި އުކާލަންޖެހިއްޖެނަމަ،  އެބައެއް އަންދާލައިގެން ނައްތާލުމަށްވެސް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ.

މީގެ އިތުރުން، މިމަޑި އުޅޭ ރަށްރަށުގައި މިމަޑި ކޮންޓްރޯލު ކުރުމަށްޓަކައި މިމަޑި އުޅޭކަމުގެ އެއްވެސް އަލާމާތެއް ރުކަކުން ފެނިއްޖެނަމަ ނުވަތަ މިމަޑި އުޅޭކަން ޝައްކުކުރެއްވިޖެނަމަ، މިމިނިސްޓްރީއަށް އެކަން އަންގަވައިދެއްވުން އެދެމެވެ.

15 ޖަނަވަރީ 2014