ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2019/23
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 21 ފެބުރުވަރީ 2019 16:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CA-2019/23)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2019 އެޕްރީލް 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ޤާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން 2018 ޑިސެމްބަރު 30 ވީ އާދީއްތަ ދުވަހު މިކޮމިޝަނުން ޢާންމުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓުގައި ކަނޑައަޅާފައިވާ 87 (އަށްޑިހަ ހަތެއް) ދާއިރާއަށް ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ވާގޮތުގެ މަތީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2019 ޖަނަވަރީ 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 8:30 ން ފެށިގެން،2019 ފެބްރުއަރީ21 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހިރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ށ)   ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

(ނ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްބުގައި ބައިވެރި ނުވެވޭނެއެވެ.

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

1) ފުރިހަމަ ނަން 

2) އުފަން ތާރީޚް 

3) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު(ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު) 

4) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް) 

5) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް) 

6) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން 

7) އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު) 

8) ކުރިމަތިލާ މީހާގެ އީމެއިލް އެޑްރެސް 

9) ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ (ކުލަ) 

10) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން 

11) އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް 

12) ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހިރައްޔިތެއްކަން އަންގައިދޭ   މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު) 

13) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/5،000 (ފަސް ހާސް) ރުފިޔާގެ އިދާރީ   (ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީކޮށްފައިވާ ޗެކަކުން) 

14) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި،  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ސޮއި، ފޯނު ނަންބަރު އަދި އައި.ޑީ ކާޑު ކޮޕީ ހިމެނޭ ލިޔުން 

15) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީގެ ޤަރާރު 

16) އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރު. 

17) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ 

18) އެމީހަކު ވޯޓުކަރުދާހުގައި ޙާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ ("2x"2 ސައިޒުގައި) 

19) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ވެފައިވާ ކަން އަންގައިދޭ ކަމާބެހޭ ރަސްމީ ފަރާތުގެ ލިޔުން. 

20) މި އިޢުލާންގެ 1 ވަނަ ނަންބަރުގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށް ދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

21) މި އިޢުލާންގެ 1 ވަނަ ނަންބަރުގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށް ދިނުމަށްޓަކައި، ކްރިމިނަލް ކޯޓުން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ރެކޯޑު ސާފުކޮށްފައިވާ ފޯމު. 

22) މި އިޢުލާންގެ 1 ވަނަ ނަންބަރުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދަރަނީގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

23) މި އިޢުލާންގެ 1 ވަނަ ނަންބަރުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ކްރިމިނަލް ކޯޓުން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު. 

24) މި އިޢުލާނުގެ 1 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށް ދިނުމަށްޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދޫކޮށްފައިވާ ފަނޑިޔާރެއް ނޫން ކަމުގެ ލިޔުން. 

25) ސީޑީ (ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒު ކުލަ ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ލޯގޯ، ވޯޓު ކަރުދާހުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ލޯގޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި)، އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއް ނަމަ، ތާއީދު އޮތްކަން ހާމަކުރާ 50 މީހުންގެ ފުރިހަމަނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު (އެކްސެލް ފޯމެޓްގައި، ތާނައިން)

 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2019 ޖަނަވަރީ 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 8:30 ން ފެށިގެން، 2019 ފެބްރުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00  އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގައެވެ. ހުކުރު ދުވަސް ފިޔަވައި، އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 ން ހަވީރު 4:00 އާ ހަމަޔަށެވެ. ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 ން ހަވީރު 5:30 އަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ  ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2019 އެޕްރީލް 06 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2019 އެޕްރީލް 13 ވާ ހޮނިހިރު ދުވަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް މި ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 ޖުމާދުލްއޫލާ 1440

29 ޖަނަވަރީ 2019