ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:51
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާއިދު

1. ތަޢާރުފާއި ނަން

(ހ)  މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން އެކުލަވާލާފައިވާ ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޤަވާޢިދެވެ.

(ށ) މި ޤަވާޢިދަށް ކިޔަނީ "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤަވާޢިދު" އެވެ.

2. ޢަމަލުކުރަން ފަށާ ތާރީޚު

މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

3. ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން

މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް މިޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.

4. ކުނިގޮނޑު ކަނޑައެޅުން

(ހ) މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު މި ޤަވާޢިދުގެ ބޭނުމަށްޓަކައި ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކުނި އުކާނޭ ކުނި ގޮނޑުތަކާއި، ކުނި ނައްތާލާނޭ ތަންތަން ރަށު ކައުންސިލުން ކަނޑައަޅަންވާނެއެވެ.

(ށ) ރަށުގެ ވަކި ތަނެއް އެއީ ކުނިގޮނޑު ކަމުގައި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

1-     ރަށުގެ ޖާގަ އޮތް މިންވަރަކުން މީހުން ދިރިއުޅޭ ސަރަޙައްދާ ވީ ވަރަކުން ދުރުތަނެއް ކަނޑައެޅުން.

2-     ކުނި އެންދުމަށް އެކަށީގެންވާ ތަނަކަށް އެތަން ވުން.

   3- އެތަނަށް ކުނި ޖަމާކުރުމުގެ ސަބަބުން ރަށުގެ ވެއްޓަށް އެކަމުން ކޮށްފާނޭ ނޭދެވޭ އަސަރު     އެންމެ ކުޑަވާނޭ ފަދަ ތަނެއް ކަނޑައެޅުން.

 

ވަކިބާވަތެއްގެ ކުނި އެޅުމަށް ކަނޑައެޅިފައިވާ ތަނަކަށް އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ ކުނި އުކަން ހަމަޖެހިފައިވާ ތަންނޫން އެހެން ތަނަކަށް ކުނިއެޅީކަމުގައި ބަލައި މިޤަވާޢިދުގެ 11 ވަނަ ނަންބަރުގެ ދަށުން ޢަމަލުކުރެވޭނެއެވެ.

 

 

 

5. ކުނި އުފުލުން

(ހ) ކުނި ގޮނޑަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ ޢާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވައިކުރެވިގެންނެވެ. މީހެއްގެ އަތުންވިޔަސް ނުވަތަ ކުނިއުލުފާ ޚާއްސަ އުޅަނދެއް، ނުވަތަ ލޯރީ ނުވަތަ ޕިކަޕު، ނުވަތަ ގާޑިޔާ، ވީލްބަރޯ ފަދަ އެއްޗެއްގައިވެސް ކުނި އުފުލާންވާނީ އެތަކެތި މަގުމައްޗަށް ނުފައިބާނެހެން ރައްކާތެރިކުރެވިގެންނެވެ.

(ށ) ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ ވީހާވެސް އަވަހަކަށް އެކަން ރަނގަޅުކުރަންވާނެއެވެ. އަދި އެކަން ރަނގަޅު ނުކޮށްފިނަމަ މިޤަވާޢިދުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ.

6. ކުނި އެންދުން

ކުނި އަންދަންވާނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

7. އަމިއްލަ ގޯތީގައި ކުނި އެންދުން

(ހ) މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު އެއްވެސް ގޯއްޗެއްގައި ނުވަތަ އަމިއްލަ ބިމެއްގައި ކުނި އަންދަންވާނީ ކައުންސިލުން އެކަމަށް ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލުގެ ހުއްދަ ހޯދުމަށް ފަހުއެވެ.

(ށ) މިނަންބަރުގެ (ހ) ގެ ބޭނުމަށް ކައުންސިލުން ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

1-     ކުނީގެ ބާވަތުން އެކުނި އެ ސަރަޙައްދެއްގައި އަންދައިފިނަމަ އެކަމުން ޢާންމުންނަށް އުނދަގޫވެދާނެތޯ.

ކުނި އެންދުމުގެ ހުއްދައަށް އެދިފައިވާ ގޯއްޗަކީ އެފަދަ ކަމެއް ކުރުމަށް އެކަށީގެންވާ ސަރަޙައްދެއްގައި އޮތް ގޯއްޗެއްތޯ.

1-     ކުނި އެންދުމުގެ ހުއްދައަށް އެދިފައިވާ ސަރަޙައްދުގައި ހުރި  ސަރުކާރާއި އަމިއްލަ މީހުންގެ ޢިމާރާތްތަކަށް ނުވަތަ އެތަނުގައި އުޅޭ މީހުންނަށް ކޮށްފާނޭ އަސަރު.

2-     އެންދުމުގެ ހުއްދައަށް އެދިފައިވާ ކުނީގެ ގިނަމަދުމިން.

 

8.އަމިއްލަގޯތީގައި އެންދުން މަނާތަކެތި

ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކު އަދި ފައިބަރުފަދަ ތަކެއްޗާއި، އެއެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވައިފާނޭ ތަކެތި، އަމިއްލަ ގޯތީގައި އެންދުމުގެ ހުއްދަ ދީގެންނުވާނެއެވެ.

9. އަމިއްލަ ގޯތީގައި ކުނި ޖަމާކުރުން

(ހ)މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ގޯތީގައި އަވައްޓެރިންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކުރުމަކީ، ނުވަތަ އުކައިނުލައި ގިނަކުރުމަކީ މަނާކަމެކެވެ.

(ށ) ކުނީގެ ތެރެއިން ނުބައިވަސްދުވާ ތަކެއްޗާއި، އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ތަކެތި އުކައިނުލައި އަމިއްލަ ގޯތީގައި ބަހައްޓާނަމަ، އެކަމަކީ މިޤަވާޢިދުގެ ދަށުން މަގުމައްޗަށް ކުނިއެޅުމާ އެއްފަދަ ކަމެއްކަމަށްބަލައި އެފަދަ ފަރާތްތަކާމެދު މިޤަވާޢިދުގެ 10 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޢަމަލު ކުރަންވާނެއެވެ.

10.ކުނި ގޮނޑު ފިޔަވައި އެހެން ތަނަކަށް ކުނި އެޅުން

ކައުންސިލުން ކުނި އުކުމަށް ކަނޑައަޅާފައިވާ ކުނި ގޮނޑު ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ އެކަން ކުރި ފަރާތަކާއި މެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ހ) މި ޤަވާޢިދާއި ޚިލާފަށް ޢަމަލުކުރާ ފުރަތަމަ ފަހަރަށްނަމަ އެމީހަކަށް އެކަން ރަނގަޅު ކުރުމަށް

އެންގުމާއެކު-/50 (ފަންސާސް) ރުފިޔާއާއި -/250 (ދުއިސައްތަ ފަންސާސް) ރުފިޔާއާ ދޭތެރޭ އަދަދަކަށް ޖޫރިމަނާ ކުރުން ދެވަނަ ފަހަރަށް ނަމަ، އެކަން ރަނގަޅު ކުރުމަށް އެންގުމާއެކު -/250 (ދުއިސައްތަ ފަންސާސް ރުފިޔާ)އާއި -/500(ފަސްސަތޭކަރުފިޔާ)އާއި ދެމެދު ޢަދަދަކަށް އެފަރާތެއް ޖޫރިމަނާ ކުރުން، ދެފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް އެކަން ރަނގަޅު ކުރުމަށް އެންގުމާއެކު -/1000 (އެއްހާސް ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ށ) މިނަންބަރުގެ (ހ) ގައިވާ ކަންތައްތައް ކައުންސިލުން ރަނގަޅު ކުރަން ޖެހިއްޖެނަމަ އެކަމަކަށް ދިޔަ ޚަރަދު އެކަންކުރި ފަރާތެއްގެ ދޭންވާނެއެވެ.

11. ކުނީގެ ބޭނުން ހެއުގޮތުގައި ހިފުން

ކުނި ގޮނޑަށް އުކާލާ ތަކެތީގެ ތެރެއިން ކައުންސިލުގެ ނަޒަރުގައި ބޭނުން ހިފޭނޭ ތަކެތި ނަގައިގެން އެތަކެތި ވިއްކައި ނުވަތަ ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

12. ޤަވާޢިދާއި ޚިލާފުވުން

(ހ) މިޤަވާޢިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑުމިނަށް

ބަލައި -/50 (ފަންސާސް) ރުފިޔާއާއި -/500 (ފަސްސަތޭކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލް ތަކަށް ލިބިގެންވެއެވެ.

(ށ) މިޤަވާޢިދުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ އެޖޫރިމަނާކުރި ކައުންސިލަކަށެވެ.

13. މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް

މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި، މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.

14. މާނަ ކުރުން

(ހ) ކައުންސިލް:  މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ ރަށުކައުންސިލެވެ.

(ށ) ކުނި ގޮނޑު:  މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކުނިގޮނޑުގެ މާނައަކީކޮންމެ ރަށެއްގެވެސް ރަށު ކައުންސިލުން އެރަށެއްގައި ކުނި އަޅާނޭ ތަން ކަމުގައި ކަނޑައަޅާ ތަންތަނެވެ.

30 ސެޕްޓެންބަރު 2018