ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-A/249/2018/47
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 26 ނޮވެންބަރު 2018 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާއިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

އިޢުލާން

ހއ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

ހއ. ކެލާއިން 3000 އަކަފޫޓްގެ 68 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ، މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ގޯތި ދޫކުރާނީ މިރަށު ފަރިހިވަލުމަގުގެ އިރުން، ތޮށިމަތީމަގުގެ ދެކުނުން، އަމީނީމަގުގެ ހުޅަގުން، ރަށްދެބައިމަގުގެ އުތުރުން އޮތް ސަރަހައްދުންނެވެ.

ވީމާ، ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 26 ނޮވެމްބަރ 2018 ވާ ހޯމަދުވަހުގެ 14:00 ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ލިބެން ހުންނާނީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނާއި www.kelaa.gov.mv ވެބްސައިޓުންނެވެ.

 

ހއ. ކެލާއިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ  ޝަރުތުތައް

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރު ވެފައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން.  ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  6. އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން، ނުވަތަ މިފަދަތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ނުވަތަ އޮވެ އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިންކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއްބަލާ އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު"  ގެ 16ވަނަ މާއްދާގައިބުނާ ކޮމިޓީއަށް ފެނުން.

 

ގޯއްޗަށްއެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ގޮތުގެ މަތީން ޕޮއިންޓްދެވި އެންމެގިނަ ޕޮއިންޓްލިބޭ ފަރާތްތަކަށް އިސްކަންދީގެންނެވެ. ގޯއްޗަށްއެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލާއި ގޯތިލިބޭ ފަރާތްތައް ކަނޑައަޅާނެގޮތް ތިރީގައި އެވަނީއެވެ.

 

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު

1.      ގޯތީގެ ބައި:

(ހ) ގޯއްޗަށް އެދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނެތްނަމަ             25 ޕޮއިންޓް

 

2.     ކައިވެނީގެ ބައި:

(ހ) މީހަކާ އިނދެގެން ހުރިނަމަ                                       25 ޕޮއިންޓް

 

3.     ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ބައި:

(ހ) ޚާއްސައެހީއަށް ބޭނުންވާ މީހެއްނަމަ (ޚާއްސައެހީއަށް ބޭނުންވާ މީހެއްކަމަށް    

ބެލެވޭނީ ދައުލަތުން އިނާޔަތް ލިބޭފަރާތްތަކެވެ.)                              25 ޕޮއިންޓް

 

4.     ޢުމުރުގެ ބައި:

(ހ) ޢުމުރުން 18 އަހަރާ 25 އަހަރާ ދެމެދު ނަމަ                            05 ޕޮއިންޓް

(ށ) ޢުމުރުން 25 އަހަރުން މަތިނަމަ  ( ގިނަވެގެން ދެވޭނީ 07 ޕޮއިންޓް )            07 ޕޮއިންޓް

 

5.     ދަރިންގެ ބައި:

(ހ) މީހަކާ ނުއިނދެ ހުރި 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ                  10 ޕޮއިންޓް

(ށ) މީހަކާ ނުއިނދެ ހުރި 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން

 ތިބިނަމަ ކޮންމެ ކުއްޖަކަށް ( މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް )             04 ޕޮއިންޓް

(ނ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ      03 ޕޮއިންޓް

(ރ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ

ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް  ( ގިނަވެގެން ދެވޭނީ 08 ޕޮއިންޓް )           04 ޕޮއިންޓް

 

6.     މައިން ބަފައިންގެ ބައި:

(ހ) މަންމަ ބަލަމުން ގެންދާނަމަ                                       03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުން ގެންދާނަމަ                                       03 ޕޮއިންޓް

(ނ) މައިން ބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު

 ބަލަމުންގެންދާނަމަ                                               03 ޕޮއިންޓް

 

7.     ރަށްވެހިކަމުގެ ބައި:

(ހ) ރަށުގެ ރައްވެއްސެއްނަމަ                                         04 ޕޮއިންޓް

(ށ) ރަށުގައި ދިރިއުޅޭނަމަ  ( ރައްވެހިންނަށް އެކަނި )                         10 ޕޮއިންޓް

 

8.     ޕޮއިންޓް އުނިކުރުން:

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ

ހަމައެކަނި މީނާ ކަމަށްވާނަމަ                                         10 ޕޮއިންޓް

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ

 ހަމައެކަނި މީނާ ކަމަށްވާނަމަ                                        10 ޕޮއިންޓް

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ

އިތުރުވާ ކޮންމެގޯއްޗަކަށް                                           05 ޕޮއިންޓް

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ

އިތުރުވާ ކޮންމެގޯއްޗަކަށް                                            05 ޕޮއިންޓް

 

އިތުރު ތަފްޞީލް:

*  ނަމްބަރ 04 ގައިވާ ޢުމުރުގެ ބައި ބަލާނީ  ފޯމު ދޫކުރާ ތާރީޚަށެވެ.

*  ނަމްބަރ 05 ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައި ވިއަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ.    ( މިސާލަކަށް ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ. )

*    ނަމްބަރ 06 ގައިވާ މައިންބަފައިން ބަލަމުން ގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.

*     ނަމްބަރ 06 ގެ (ނ) ގައިވާފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށް ނޫޅެވޭފަދަ މީހަކު ބަލަމުންދާނަމައެވެ.

*  ނަންބަރ 07 ގެ (ށ) ގައިވާ ބަޔަށް ޕޮއިންޓްދޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން މިރަށުގައި ދިރިއުޅޭކަން އަންގައިދޭ ރަށު ކައުންސިލްގެ ރަސްމީ ލިޔުމެއް އެފަރާތަކުން ހުށަހަޅާފައިވާނަމައެވެ.

*    ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތިދޭ ތާރީޚަށެވެ.

 

ގޯތިލިބޭގޮތް:

*   ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުންތިބިނަމަ އޭގެތެރެއިން ގޯތިލިބޭމީހުން ކަނޑައަޅާނީ ދިރިއުޅުމުގެ ޙާލަތަށްބަލާ އެންމެ ބޮޑަށް ގޯއްޗެއް ބޭނުންވާނެ ކަމަށް ފެންނަ މީހުނަށް އިސްކަންދީގެންނެވެ.

*    ގޯތިލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ގޯތި ދިނުން.

*    ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.

26 ސެޕްޓެމްބަރ  2018

26 ސެޕްޓެންބަރު 2018