ދިވެހިރާއްޖެ
ނަންބަރު:216MPAO/IUL/2018/41
އިޢުލާން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން މެންބަރުން ޢައްޔަންކުރުމާބެހޭ
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންނެވެ.
މިގޮތުން، މިހާރު ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 2 މެންބަރެއްގެ ދައުރު 2018 އޮކްޓޯބަރ އަދި ނޮވެމްބަރ މަހުގައި ހަމަވާތީ، މި ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ، މިކަމަށްޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ ނަންތައް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރެއްވުމަށްފަހު ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާއެވެ.
ފެންވަރު ނުވަތަ ޝަރުޠުތައް
-
ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުން.
-
މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
-
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންނަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
އިސްވެ ބަޔާންކުރި ޝަރުޠުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ހުށަހަޅުއްވަން ވާނެއެވެ.
-
ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.
-
މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު.
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ކޮޕީ.
-
ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް.
ވީމާ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް، މަތީގައި ދަންނަވާފައިވާ މަޤާމަށް ކުރިމަތިލައްވަން ޝަޢުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 4 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އިން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ މަސްޢޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ސިޓީ ސްކޮއަރ (8 ވަނަ ފަންގިފިލާ)،
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯނު ނަންބަރު: 1441
އީމެއިލް: [email protected]
16 އޮގަސްޓް 2018