ޢާންމު މަޢުލޫމާތު
ނަންބަރު: 198-L/2018/62
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 14:19
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭ

ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތްތަކުގައި، ފަސޭހަކަމާއެކު އެކަން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމުގެގޮތުން، ތަރުޖަމާނުންގެ ދަފްތަރެއް މި ޑިޕާޓްމަންޓްގައި ވަނީ ޤާއިމުކުރެވިފައެވެ. ދެ ޖަދުވަލެއްގެ މައްޗަށް އެކުލަވާލެވިފައިވާ މި ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނެނީ، ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓެވެ. އަދި ޖަދުވަލު 2 ގައި ހިމެނެނީ އަޑުއިވުމާއި، ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓެވެ.

މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. މެޖިސްޓްރޭޓް ކޯޓުތަކުގައި ކުރެވޭ ޝަރީޢަތްތަކަށް ފަސޭހަކަމާއެކު ތަރުޖަމާނުން ހަމަޖެއްސުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ އެއްބާރުލުން މިކަމަށް ލިބުމުގެ މުހިންމުކަން ފާހަގަކުރަމެވެ.

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމަނާނީ، އެކަމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައި، ތަރުޖަމާކުރުމުގެ ޤާބިލުކަން އެކަށޭނެ މިންވަރަކަށް ހުރި ފަރާތްތަކެވެ.

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުޢީ ކޯޓަކުން ހޯދައިފިނަމަ، ގަޑިއަކަށް -/400 (ހަތަރު ސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އިޤްރާރު، www.judiciary.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. އަދި [email protected] އަށް އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

27 ޛުލްޤަޢިދާ 1439

09 އޮގަސްޓް 2018