ޢާންމު މަޢުލޫމާތު
ނަންބަރު: (A)CB-2018/165
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 14 އޮގަސްޓް 2018 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018 އޮބްޒާވްކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2018/165)

އިޢުލާން

ރިޔާސީ އިންތިޚާބު 2018 އޮބްޒާވްކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

23 ސެޕްޓެމްބަރ 2018ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތައް) 2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ ހެނދުނު 08:00 ން ފެށިގެން 2018 އޮގަސްޓް 14 ވާ އަންގާރަ ދުވަހުގެ ހަވީރު 03:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ. 

މި ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހަކުކަމުގައި ނުވުން.
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  4. ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން. 

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެ ތަކެތި ހުށަހަޅަންޖެހޭ ގޮތް މި ދަންނަވަނީއެވެ.

  1. ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓަށެވެ.
  2. ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާއަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީން ނުވަތަ އެ ޖަމްޢިއްޔާއަކުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކާއިއެކު ހުށަހަޅަންވާނެއެވެ. އަދި އޮބްޒާވް ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ލިސްޓުގެ ހާޑު ކޮޕީ އަކާއި އެކްސް.އެލް ފޯމެޓްގައި ސޮފްޓް ކޮފީއެއް ސީޑީގައި (ފުރިހަމަ ނަން (އިނގިރޭސި އަދި ދިވެހި ބަހުން)، ދާއިމީ އެޑްރެސް، އައި.ޑީ ކާޑު ނަންބަރ، ގުޅޭނެ ފޯނު ނަންބަރ، ޕާސްޕޯޓު ފޮޓޯ (JPEG ފޯމެޓުގައި) ) އިލެކްޝަންސް ކޮމިޝަނަށް  ހުށަހަޅަންވާނެއެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ. މިގޮތުން މިކޮމިޝަނުން ބާޠިލްކުރާ ފޯމު، މުއްދަތު ހަމަވުމުގެ ކުރިން، ފުރިހަމަ ކުރުމަށްފަހު އަލުން މިކޮމިޝަނަށް ހުށަހެޅިދާނެއެވެ.

އޮބްޒާވަރުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 2018 ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 14 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 03:00 އަށެވެ.

ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ. އެ ޢަދަދަށްވުރެ އިތުރުވާ ފޯމުތައް ބާޠިލް ވާނެއެވެ.

މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޛުލްޤަޢިދާ 1439

23 ޖުލައި 2018