ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)458/458/2018/02
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:41
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
1439ވަނަ އަހަރުގެ ރަމަޟާން އިނާޔަތް ދިނުމާއި ގުޅޭ

 

               އިޢުލާން

 

ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން މިއޮތޯރިޓީން ކުރާ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވެއެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެއިނާޔަތް ދެމުން ނުދާކަންވެސް ފާހަގަ ކުރެވިފައިވެއެވެ.       

ޤާނޫނު ނަންބަރު 2008/2 (ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި ވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި  މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި  ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000/- (ތިން ހާސް) ރުފިޔާ ދޭންވާނެއެވެ. 

އަދި އެމާއްދާގެ (ނ) ގައި ވަނީ ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ. މިއިޚްތިޔާރުގެ ދަށުން ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނީ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ. އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރަނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުގެ މަތިންނެވެ.

ވީމާ، ވަޒީފާދެއްވާ އެންމެހާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް ދެންނެވީމެވެ.

03 މޭ 2018