ދިވެހިރާއްޖެ
މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޤަވާޢިދުގެ ދަށުން ހަދާފައިވާ ރ. ހުޅުދުއްފާރުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލެވެ.
މިއުސޫލަށް ކިޔަނީ " ރ. ހުޅުދުއްފާރުގައި ކުނިއުކާލުމާއި ކުނި ނައްތާލުގެ" އުސޫލެވެ.
1 – ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދުގެ 3 ވަނަ މާއްދާގެ ދަށުން ކައުންސިލުން ކުނިގޮނޑު ކަމުގައި ކަނޑައަޅާ ސަރަޙައްދު ތައް
(ހ) ރަށުގެ އިރުދެކުނުކޮޅު ހޭޅިފަށުގައި އަލަށް ޢިމާރާތްކޮށްފައިވާ ރ. ހުޅުދުއްފާރު ކުނިމެނޭޖް ސެންޓަރ (މިކުނިކޮށްޓަށް އަޅާނީ ފަތްކުންޏާއި، ގޭބިސީ ތަކުގައި އުފެދޭ އެއްމެހައި ޢާއްމު ކުންޏެވެ.)
(ށ) ރަށުގެ ދެކުނުކޮޅުގައި މިހާރުވެސް ކުނި އުކާލަމުންގެންދާ ކުނިކޮށީގެ އެއްފަރާތް
(މިސަރަޙައްދަށް އަޅާނީ ރުއްގަހުގެ ބައިތަކާއި ގަސްލަކުޑީގެ ބައިތައް އަދި ޢިމާރާތްތައް ތަޅައިގެން އުފެދޭ ގައު ކުނޑީގެ ބާވަތްތަކެވެ.)
2 – ކުނި އުފުލުން
(ހ) އިޖްތިމާޢީ ސަރަޙައްދުތަކާއި ގޭބިސީތަކާއި މުޢައްސަސާތަކާއި ފިހާރަ/ހޮޓާ، ރެސްޓޯރަންޓް ތަކުންނާއި މިނޫންވެސް ތަންތަނުން އުފެދޭ ޢާއްމު ކުނީގެ ބާވަތްތައް ރަސްމީ ކުނިކޮށްޓަށް އުފުލާނީ ކައުންސިލުން ވަކިގޮތެއް ކަނޑަ ނާޅާހާ ހިނދަކު، ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާފަރާތަކުންނެވެ.
(ށ) މިއުސޫލުގެ 1 ވަނަ ނަންބަރުގެ (ށ) ގައި ބުނެފައިވާ ސަރަޙައްދަށް އުފުލަންޖެހޭ ކުނި އުފުލަންޖެހޭނީ އެކުންޏެއް އުފެއްދި ނުވަތަ އެކުންޏަކާއި ޒިންމާވާ ފަރާތަކުންނެވެ. ނަމަވެސް ރުއްގަހުގެ ބައިތަކާއި ގަސްލަކުޑީގެ ބައިތައް 2 ފޫޓަށްވުރެ ކުރުކޮށް ބުރިކޮށްފައިހުންނަނަމަ އެތަކެތި ކައުންސިލްގެ ފަރާތުން އުކާލަދޭނެއެވެ.
3 – ކުނި އެންދުން .
(ހ) މިއުސޫލުގެ 1 ވަނަ މާއްދާގެ ދަށުން ކުނިއުކާލަން ކަނޑައަޅާފައިވާ (ށ) މިމާއްދާގައި ކަނޑައަޅާފައިވާ ސަރަޙައްދު ތަކުގައި ކުނި އަންދަންވާނީ ހޭޅިއަށް ގެއްލުންނުވާ ގޮތެއްގެމަތީން އެފަރާތަކުންނެވެ.
(ށ) ކައުންސިލުން ވަކިގޮތެއް ކަނޑަނާޅާހާ ހިނދަކު މިމާއްދާގެ ދަށުން ކުނި އަންދަންޖެހޭ ސަރަޙައްދުތައް ފިޔަވާ އިތުރު ތަންތާގައި ކުނިއެންދުމަކީ މަނާކަމެކެވެ.
4 – ޢިޖްތިމާޢީ ސަރަޙައްދު ތަކާއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގައި ކުނިއެންދުން .
(ހ) މި އުސޫލަށް ޢަމަލުކުރަންފަށާ ތާރީޚުންފެށިގެން މީހުންދިރިއުޅޭ ގޭބިސީތަކާއި އިޖްތިމާޢީ ސަރަޙައްދުތަކާއި މިނޫންވެސް އެކިއެކި ބޭނުމަށް ދޫކޮށްފައިވާ ސަރަޙައްދުތަކުގައި ކުނިއެންދުމަކީ މަނާކަމެކެވެ.
(ށ) މި އުސޫލުގެ ދަށުން އަލަށް ދޫކުރެވޭ ގޯތިތައް އިސްތިސްނާ ވާނެއެވެ. އަލަށް ދޫކުރެވޭ ގޯތިތައް ސާފުކުރުމުގެ މަރުޙަލާގައި ކައުންސިލް އިދާރާގެ ހުއްދަލިބިގެން ގޯތިތެރޭގައި ކުނި އެންދިދާނެއެވެ.
(ނ) ގޭސް ރައްކާކުރެވޭ ތަކެއްޗާއި ޕްލާސްޓިކް، ބެޓެރީ އަދި ފައިބަރ ފަދަ ތަކެއްޗާއި، އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައި އަސަރެއް ކޮށްފާނެ ނުވަތަ ނުބައިވަހެއް ދުވާފާނެ ތަކެތި ގޯތިތެރޭގައި އެންދުމަކީ މަނާކަމެކެވެ.
(ރ) ގޯތިތެރޭގައި ކުނި އަންދާއިރުވެސް އަންދާ ކުނީގެ ސަބަބުން ޢާއްމު ރައްޔިތުންނަށް އުނދަގޫ ވާނަމަ އެފަދަ ކުނިވެސް އަންދައިގެންނުވާނެއެވެ.
5 – ދަނޑު ބިންތަކާއި އަމިއްލަ ބޭނުމަށް ދޫކުރެވޭ އެހެނިހެން ބިންތަކުގައި ކުނި އެންދުން .
އަލަށް ދޫކުރެވޭ ދަނޑުބިންތަކާއި، އޮޑި ހަރުގެ ފަދަ އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތައް ސާފުކުރުމުގެ މަރުޙަލާގައި އުފެދޭ ކުނި ކައުންސިލްއިދާރާގެ ހުއްދަލިބިގެން އެންދިދާނެއެވެ. ނަމަވެސް މަސައްކަތު ސައިޓްގައި އުފެދޭ ކުނި އެ ސައިޓް ތަކުގައި އެންދުމަކީ މަނާކަމެކެވެ.
6 – ކުނި ޖަމާކޮށްފައި ބެހެއްޓުން .
މި އުސޫލުގެ ދަށުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯތި ތެރޭގައާއި ފިހާރަ، ސައިހޮޓާ / ރެސްޓޯރަންޓް، އިޖްތިމާޢީ ސަރަޙައްދު، ސަރުކާރުގެ މުޢައްސަސާތައް އަދި މިނޫންވެސް މިފަދަ ތަންތަނުގައި ކުނި ޖަމާކުރަން ޚާއްޞަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން އެއްވެސް ތަނެއްގައި ކުނި ޖަމާކޮށްފައި ބަހައްޓައިގެން ނުވާނެއެވެ. މިގޮތުން ކުނި ޖަމާކުރަންޖެހޭ ތަން ނޫން އެހެންތަންތަނަށް ކުނިޖަމާކޮށްފައި ބެހެއްޓުމަކީ މަނާކަމެކެވެ.
7 – ކުނި ބައިބަޔަށް ވަކި ކުރުން
ކުނިއުކާލެވޭ އެންމެހައި ތަންތަނުން 6 ބަޔަކަށް ކުނި ވަކިކުރުން. އެއީ:
ބަދިގެއިން އުކާލެވޭ ކާބޯތަކެތީގެ ބާވަތްތައް، ފަތްކުނީގެ ބާވަތްތައް، ޕްލާސްޓިކްގެ ބާވަތްތައް، ދަގަނޑުގެ ބާވަތްތައް، ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ކުނި ވަކިކުރަންވާނެއެވެ. އަދި މިގޮތަށް އެއްކޮށް އުކާލެވޭ ބައިތައް ކުނިކޮށީގައި އިތުރު ބައިތަކަކަށް ވަކިކުރެވޭނެއެވެ.
8 – ފީނެގުމާއި ފީ ދެއްކުން އަދި ޖޫރިމަނާ .
(ހ) ޚިދުމަތް ލިބިގަންނަ އެއްމެހައި ގޭބިސީތަކާއި މުޢައްސަސާތަކާއި ފިހާރަ، ހޮޓާ/ރެސްޓޯރަންޓް، ސިނާޢީ ސަރަޙައްދުތަކާއި، އިޖްތިމާޢީ ސަރަޙައްދުތަކުން ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން މިއުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ފީދައްކަންވާނެއެވެ. އެމުއްދަތުގެކުރިން ފީނުދައްކާ ފަރާތްތަކަށް، ފޯރުކޮށްދޭ ޚިދުމަތް ފީ ދައްކަންދެން ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލެވޭނެއެވެ. ދެން ޚިދުމަތް ދޭންފަށާނީ އެމަހުގެ ފީ (ޖޫރިމަނާއާއިއެކު) ދެއްކުމުންނެވެ. ޖޫރިމަނާގެ ގޮތުގައި ނެގޭނީ 5.00 ރުފިޔާ އެވެ. މިގޮތުން ޚިދުމަތް މެދުކަނޑާލުމުގެ ސަބަބުން ކުނިއުކާނުލެވޭ ދުވަސްތަކުގައި އުފެދޭ ކުނި، ކުނިކޮށްޓަށް ގެންދިއުމަކީ އެފަރާތްތަކުގެ ޒިންމާއެކެވެ. އަދި ކުނިކޮށްޓަށް ގެންދެވޭ ކުނި، ކުނިކޮށްޓަށް ވެއްދުމަށް ގޭޓްފީ އެފަރާތްތަކުން ނެގޭނެއެވެ.
(ށ) މިއުސޫލުގެ ދަށުން ނަގާފީތައް ދައްކާނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލުން ކަނޑައަޅާފަރާތަކަށެވެ.
9 – ޚިދުމަތް ހޯދާފަރާތްތަކުން ދައްކަންޖެހޭ ފީގެ ތަފްޞީލް
(ހ) ޚިދުމަތް ހޯދާފަރާތްތަކުން ބަޔާންކުރެވިފައިވާ ފީތައް ދައްކަންވާނެއެވެ.
(ށ) ޚިދުމަތްހޯދާ ފަރާތްތަކުން ދައްކަންޖެހޭ ފީގެ މިންވަރު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
| 
 #  | 
 ތަފްޞީލް  | 
 ރޭޓް  | 
| 
 1  | 
 ގޭބިސީތަކުން  | 
 -/100  | 
| 
 2  | 
 ފަޅުގޯތި / އަލަށް ޢިމާރާތްކޮށް ދިރިއުޅެން ނުފަށާ ގޯތި  | 
 -/60  | 
| 
 3  | 
 ކައުންސިލްގެ އިދާރާ  | 
 -/600  | 
| 
 4  | 
 ވިޔަފާރިތައް  | 
 -/ 100  | 
| 
 5  | 
 ވޯކްޝޮޕްތައް  | 
 -/ 100  | 
| 
 6  | 
 ވަޑާންގެތައް  | 
 -/100  | 
| 
 7  | 
 ޞިއްޙީ މަރުކަޒު  | 
 -/600  | 
| 
 8  | 
 ސްކޫލް  | 
 -/600  | 
| 
 9  | 
 އިންޖީނުގެ  | 
 -/600  | 
| 
 10  | 
 މިސްކިތްތައް  | 
 -/600  | 
| 
 11  | 
 ދިރާގު ސައިޓް  | 
 -/ 600  | 
| 
 12  | 
 އުރީދޫ ސައިޓް  | 
 -/ 600  | 
| 
 13  | 
 ފުޓްބޯޅަދަނޑު  | 
 -/100  | 
| 
 14  | 
 ޕާކުތައް  | 
 -/100  | 
| 
 15  | 
 މެޖިސްޓްރޭޓް ކޯޓް  | 
 -/600  | 
| 
 16  | 
 ޕްރީސްކޫލް  | 
 -/100  | 
| 
 17  | 
 ކްލަބް ޖަމްޢިއްޔާ  | 
 -/100  | 
| 
 18  | 
 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ  | 
 -/100  | 
| 
 19  | 
 ބޭސްފިހާރަ  | 
 -/200  | 
| 
 20  | 
 ކޮންސްޓްރަކްޝަން މަސައްކަތު ސައިޓް ( މަސައްކަތްކުރާނަމަ)  | 
 -/200  | 
| 
 21  | 
 އިޖްތިމާޢީ ސަރަޙައްދު  | 
 -/500  | 
| 
 22  | 
 ވީލްބަރޯގައި ކުނިގެންދާނަމަ ދަތުރަކަށް ( ގޭޓް ޗާޖް )  | 
 -/25  | 
| 
 23  | 
 އަތްގާޑިޔަލުގައި ކުނިގެންދާނަމަ ދަތުރަކަށް ( ގޭޓް ޗާޖް )  | 
 -/50  | 
| 
 24  | 
 ޕިކަޕްގައި ކުނިގެންދާނަމަ ދަތުރަކަށް ( ގޭޓް ޗާޖް )  | 
 -/ 60  | 
| 
 25  | 
 ގެސްޓް ހައުސް  | 
 -/200  | 
10 – ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ކުނި އުކާލެވޭނެ ދުވަސްތައް
ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ކުނި އުކާލެވޭނީ ހުކުރުދުވަހުގެ ހެނދުނު 8:00ން 11:00 އަށެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު 8:00 ން 11:00 އަށް އަދި މެންދުރުފަހު 2:00 ން ހަވީރު 4:00އަށެވެ. ނަމަވެސް ބަދިގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި އެޅުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކުނިކޮށީ ބޭރުގައި ޑަސްބިނެއް ބެހެއްޓިފައި ހުންނާނެއެވެ. އެނޫން ތަނަކަށް އެފަދަ ތަކެތި އެޅުމަކީވެސް މަނާ ކަމެކެވެ.
11 – ޕިކަޕް ދަތުރު
(ހ) ހުޅުދުއްފާރުގެ ގޭގެއިން ކުނިއުފުލުމުގެ ޕްލޭންގެ ދަށުން މި ޕްރޮގްރާމްގައި ބައިވެރިވާ ގޭބިސީ ތަކުންނާއި، ސަރުކާރުގެ މުޢައްސަސާތަކުންނާއި އެހެނިހެން ތަންތަނުން ދުވާލަކު 1 (އެކެއް) ފަހަރު ކުނި ނަގަންވާނެއެވެ.
(ށ) ކުނީގެ މަސައްކަތް ނުކުރާ ވަގުތުތަކުގައި ކައުންސިލުން ކަނޑައަޅާފައިވާ އަގުތަކަށް ޢާއްމު ރައްޔިތުންނަށް ދަތުރުކޮށްދިނުމުގެ ޚިދުމަތް ދެވިދާނެއެވެ.
(ނ) ޕިކަޕް ދަތުރު ކޮށްދިނުމަށް ހަމަޖެހިފައިވާ އަގުތަކަކީ :
1 – ލުއި ދަތުރެއް 40.00 ރުފިޔާ އަށް
2 - ބަރު ދަތުރެއް 50.00 ރުފިޔާ އަށް
(ރ) ވޭސްޓް މެނޭޖުމަންޓްގެ ތެރެއިން ކުރަމުންދާ ދަތުރުގެ އިތުރުން ޢާއްމު ފަރުދުންނަށް ކޮށްދެވޭ ދަތުރުތައް ކުރުމަށްފަހު އަގު އެނގޭ ފަދަ ބިލެއް ނުވަތަ ސްލިޕެއް، އެދަތުރެއް ނެގިފަރާތަށް ދޭންވާނެއެވެ. މި ސްލިޕް އެފަރާތާއި ޙަވާލު ކުރުމަކީ ޑްރައިވަރުގެ ޒިންމާއެކެވެ.
(ބ) ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލް އިދާރާއަށް ދަތުރު ކުރުވި ފަރާތުން ފައިސާ ދައްކަން ވާނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެން ފައިސާ ބަލައިގަނެވޭނީ ބިލްގައިވާ ޢަދަދުގެ ގެ ޖޫރިމަނާއަކާއެކުއެވެ.
(ޅ) ދަތުރު ކުރުވުމަށްފަހު ބިލްގައިވާ މުއްދަތު ތެރޭ ފައިސާ ނުދައްކާ ފަރާތްތަކަށް ދަތުރު ކޮށްދެވޭނީ ކުރިން ކުރި ދަތުރުގެ ފައިސާ ދެއްކުމަށްފަހުގައެވެ.
12- ޢާމްދަނީ ފައިސާ
(ހ) މި ޕްރޮގްރާމްގެ ތެރެއިން ހުޅުދުއްފާރު ވޭސްޓްމެނޭޖްމަންޓް ސެންޓަރުން ތައްޔާރުކުރާ ގަސްކާނާ ވިއްކައިގެންނާއި ޕިކަޕް ދަތުރުތައް ކޮށްގެން ލިބޭ އެންމެހާ އާމްދަނީއެއް ޖަމާކުރަންވާނީ ހުޅުދުއްފާރު ކައުންސިލްގެ (1343 ރެވެނިއު 1) އެކައުންޓަށެވެ.
(ށ) މިގޮތުން ލިބޭ އާމްދަނީގެ އެންމެހައި ފައިސާ ބޭނުންކުރަންވާނީ ހެޔޮގޮތުގައި ކުނި މެނޭޖުކުރުމަށް ކުރެވޭ ކަންކަމުގައެވެ.
(ނ) މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އާމްދަނީއާއި ޚަރަދުގެ މާލީ ހިސާބު، ރިޕޯރޓެއްގެ ސިފައިގައި ކޮންމެ 6 މަހަކުން ރަށު ކައުންސިލް އިދާރާއިން އާއްމުކުރަންވާނެއެވެ.
13 – އުޞޫލްތަކާއި ޚިލާފުވުން
މި އުސޫލާއި ޚިލާފުވާ ފަރާތްތަކާއިމެދު ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދާއި އުސޫލުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.