ނޫސްބަޔާން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 14:51
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު ތަންފީޒުކުރުމާބެހޭ

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު:  58-R/ފ2013) 5 އޮގަސްޓު 2013 ގައި ވަނީ ގެޒެޓްކުރެވިފައެވެ. މިތާރީޚުގައި ގަވާއިދު ގެޒެޓް ކުރެވިފައިވީ ނަމަވެސް، ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން މި ގަވާއިދު ތަންފީޒުކުރަން ފަށާ ތާރީޚު ކަމުގައި ކަނޑައަޅާފައިވަނީ 5 ފެބުރުވަރީ 2014 އެވެ.

މި ގަވާއިދުގައި، އެއްގޮތަކަށްވެސް ކުނި އުކައިގެން ނުވާނެ ސަރަޙައްދުތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކުރެވިފައިވާ އަދި ޤާއިމުކުރަމުންދާ ކުނިކޮށިތައް ހިންގައި ބަލަހައްޓާނެ ގޮތްތަކާއި، ކުނި އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި، އެކި ފަރާތްތަކުން ކުނި މެނޭޖްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި އަދި މިނޫންވެސް ތަފާތު ގިނަ ކަންތައްތަކެއް، ބަޔާންކޮށްފައިވާނެއެވެ. އަދި މި ގަވާއިދުގައި ބުނެފައިވާ ގޮތާ ޚިލާފުވެއްޖަނަމަ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެއެވެ. މީގެ އިތުރުން، މި ގަވާއިދަކީ މުޅިރާއްޖެއަށް އަމާޒުކޮށް އެކުލަވާލައި ގެޒެޓްކުރެވިފައިވާ ގަވާއިދެއްކަމުގައިވާތީ، މި ގަވާއިދުގައި ސިޓީ އަދި ރަށު ކައުންސިލްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތަކާއި، ގޭބިސީތަކުންނާއި އަދި ޢާންމު ފަރުދުން ކުރަންޖެހޭ ކަންތައްތައްވެސް ބަޔާންކޮށްފައިވާނެއެވެ.

ވީމާ، 5 ފެބުރުވަރީ 2014 އިންފެށިގެން "ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު" މި އޭޖެންސީ އިން ތަންފީޒުކުރަން ފަށާނެކަމުގައި ޢާންމުކޮށް އަންގަމެވެ. އަދި މިތާރީޚުން ފެށިގެން މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ގަވާއިދުގައި ބުނެފައިވާ ފިޔަވަޅުތައް މި އެޖެންސީއިން އަޅަމުންގެންދާނެވާހަކަވެސް އަންގަމެވެ. އެހެންކަމުން މި ގަވާއިދު ތަންފީޒުކުރަން ކަނޑައަޅާފައިވާ ސުންގަޑި ކައިރިވަމުންއަންނާތީ މިކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ދެންނެވީމެވެ. މި ގަވާއިދު މި އެޖެންސީގެ ވެބްސައިޓް www.epa.gov.mv ގައި ޝާއިޢުކޮށްފައިވާނެއެވެ.

01 ޞަފަރު 1435

04 ޑިސެންބަރު 2013