ދިވެހިރާއްޖެ
ނަންބަރު:(PR)203-PROREC/1/2018/1
ނޫސްބަޔާން
ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުން ވެލިނެގުމާ ގުޅޭ
މިހާރަކަށް އައިސް، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ މިއޭޖެންސީއަށް ލިބެމުންދެއެވެ.
މިފަދައިން ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދެއެވެ. ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ޚަރަދު ބޮޑު އެހާމެ އުނދަގޫ ކަމަކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ ޤާނޫނު ނަންބަރު 77/78 "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު" އާއި ޤަވާއިދު ނަންބަރު: 2013/R-15 " ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން މި އެޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އާއްމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރި ކުރުމުގެ ބޭނުމުގައި މަތީގައި ބަޔާކޮށްފައިވާ ފަދަ ތަން ތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި ވެލި ނަގަން ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް މިއެޖެންސީއިން ކަނޑައަޅާ މިމަޢުލޫމާތު ވާނީ ކައުންސިލްތަކާއި ހިއްސާކުރެވިފައެވެ.
ވީމާ، އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި، މިއެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެ އުސޫލުތަކުގެ މަތިން ވެލި ނެގުމަށް އިލްތިމާސް ކުރަމެވެ. އަދި ދަންނަވަމެވެ. ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ޤާނޫނު ނަމްބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު:2012/R-9 (ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ އެންގީމެވެ. މިގޮތުން، މި ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
05 ރަޖަބު 1439
22 މާރޗް 2018