ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2018/7
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:12
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާބެހޭ:

އިޢުލާނު

ބަނދަރު ބެލެހެއްޓުމާބެހޭ:

 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 7/2010) ގެ 151 ވަނަ މާއްދާއިން ލިބިދޭބާރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެމަތިން އެކުލަވާލައި ޤާނޫނީ ބާރު ލިބިފައިވާ، މިރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާޢިދު 2017 ޖޫން 6 ގައި ވާނީ ޢާއްމުކޮށްފައެވެ. ނަމަވެސް ވަރަށް މަދު ފަރާތަކުންނޫނީ ޤަވާޢިދާ އެއްގޮތަށް ޢަމަލެއް ނުކުރެއެވެ. އެހެންވުމުގެ ސަބަބުން ބަނދަރު ބޭނުންކުރައްވާ ފަރާތަކަށް ވަރަށްބޮޑަށް ދަތިވެގެން ގިނަ ފަރާތްތަކުން ޝަކުވާ ކުރައްވައެވެ. ވުމާއެކު ބަނދަރު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުގެ ލުއި ފަސޭހައާއި ރައްކައުތެރި ކަމަށްޓަކައި ފިޔަވަޅު އަޅަން ޖެހެއެވެ.

 

ބަނދަރާއި ބަނދަރު ސަރަޙައްދު ބޭނުން ކުރުމުގައި މަނާ ކަންތައްތައް:

 

1.                 ލަފާ ފުރާ އުޅަނދުތައް އެވަގުތައް ބޭނުންކުރަން ނޫންގޮތެއްގައި ބަނދަރުގެ އެއްވެސް ސިޑިއެއް ކައިރީގައި އަޅާފައި ބޭއްވުން.

2.                  މުދާ އަރުވާ ބޭލުމާއި ދަތުރުވެރި އަރައި ފޭބުމަށް ނޫންގޮތެއްގައި ބަނދަރުގައި ތޮށި ދިގަށް އުޅަނދު އަޅާފައި ބޭއްވުން.

3.                 ބަނދަރަށް ވަދެ ނުކުމެ ހަދާ އުޅަނދު ފަހަރަށް ދަތިވާގޮތަށް ތޮއްޓަށް ވައު އެއްސުން.

4.                 ބަނދަރު ތެރެއަށާއި ބަނދަރުގެ އެއްގަމު ތޮށިމައްޗަށާއި ބަނދަރުގެ އެއްގަމުގެ އެއްވެސް ސަރަޙައްދަކަށް ހަޑިވާ ޒާތުގެ އެއްޗެތި އެޅުމާއި އެއްޗެތި ބެހެއްޓުން.

5.                 އެ އުޅަނދެއް އެޅުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ނޫން ސަރަޙައްދެއްގައި އުޅަނދު ފަހަރު އެޅުން.

6.                 ބަނދަރުގެ އެއްގަމުގައި ހަދާފައިވާ ގަސްގާފޮޅުތެރޭގައި އެއްވެސް އެއްޗެއް ބެހެއްޓުން.

7.                 ބަނދަރު ސަރަޙައްދުގައި އެއްޗެތި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ތަންތަންނޫން އެހެން ތަންތަނުގައި އެއްޗެތި ބެހެއްޓުން.

8.                 ބަނދަރުތެރޭގެ އެއްވެސް ސަރަޙައްދެއްގައި އެންކޮށި، ފާނަކޮށިފަދަ އެއްވެސް އެއްޗެއް ބެހެއްޓުން.

9.                 ބަނދަރުގެ އެއްވެސް ސަރަޙައްދެއްގައި، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ވައު އަޅައި ބޮއި ހަރުކުރުން.

 

މުދާ އަރުވައި ބޭލުމާއި ވެލި ބޭލުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު

1. މުދާ އަރުވައި ބޭލުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަކީ ބަނދަރުގެ އިރުމަތީ ތޮށީގެ ސަރަޙައްދެވެ. ވުމާއެކު މުދާ އަރުވާނީ އެ ސަރަޙައްދުންނެވެ. އަދި މުދާ ބާލާފައި ބަހައްޓާނީވެސް އެ ސަރަޙައްދުގައެވެ.

2. ވެލިބާލާފައި ވަގުތުން ވެލި ނުގެންދާނަމަ ވެލި ބަހައްޓާނީ ބަނދަރުގެ ހުޅަނގު ކޮޅުގައި ވެލި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައެވެ.

އުޅަނދު ފަހަރު އެޅުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތައް

1.                 ސަރުކާރުގެ ލާންޗުތައް އެޅުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަކީ ބަނދަރުގެ އިރުމަތީ ސިޑީގެ އިރުމަތީ ފަރާތެވެ.

2.                 އަމިއްލަ މީހުންގެ ކުދި ލާންޗާއި ޑިންގީތައް އެޅުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަކީ ބަނދަރުގެ ހުޅަނގު ތޮށީގެ މެދުން ފެށިގެން އުތުރަށެވެ.

3.                 ވެލިބޭލުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަކީ ބަނދަރުގެ ހުޅަނގު ތޮށީގެ މެދުން ފެށިގެން ދެކުނަށެވެ.

4.                 މަތީގައި ފާހަގަކޮށްފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތައް ޚާއްޞަކޮށްފައިވަނީ ބަނދަރު ބޭނުންކުރާ އެހެނިހެން އުޅަނދު ފަހަރަށެވެ.

 

އޮޑިދޯނި ފަހަރުގެ ތަކެތި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތައް

އޮޑިދޯނި ފަހަރުގެ ތަކެތި ބަހައްޓަންވާނީ ބަނދަރުގެ ހުޅަނގު ފަރާތުގައި މަސްމާރުކޭޓުގެ ދެކުނުން ފާހަގަ ކޮށްފައިވާ ސަރަޙައްދުގައެވެ.

ޤަވާޢިދާޚިލާފަށް ހުރިކަންތައްތައް ޤަވާޢިދާ އެއްގޮތަށް ބަދަލުކުރުން:

ޤަވާޢިދާ ޚިލާފަށްހުރި ކަންތައްތައް 2018 ޖަނަވަރީ 25 ވަނަ ދުވަހުގެ ނިޔަލަށް ޤަވާޢިދާއެއްގޮތަށް ބަދަލުކުރުމަށް އަންގަމެވެ.

ވީމާ، ބަނދަރު ބޭނުން ކުރައްވާ ހުރިހާ ފަރާތްތަކުންވެސް މަތީގައި ދަންނަވާފައިވާ ގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ. އެއާއި ޚިލާފަށް ޢަމަލު ކުރައްވާ ފަރާތްތަކާމެދު ބަނދަރު ބެލެހެއްޓުމުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. ޤަވާޢިދުގައިވާ ގޮތުން ޤަވާޢިދާ ޚިލާފަށް ޢަމަލުކޮށްފިނަމަ،

ފުރަތަމަ ފަހަރު ނަޞޭޙަތް ދިނުން، ދެވަނަފަހަރު ކުށް ތަކުރާރު ކޮށްފިނަމަ، 500/- (ފަސްސަތޭކަ) ރުފިޔާއާއި 1,000/- (އެއްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ، 1,000/- (އެއްހާސް) ރުފިޔާއާއި 3,000/- (ތިންހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ، 3,000/- (ތިންހާސް) ރުފިޔާއާއި 5,000/- (ފަސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން؛ އަދި ހަތަރު ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000/- (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރަން ޖެހެއެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

05 ޖުމާދަލްއޫލާ 1439

22 ޖަނަވަރީ    2018

                                            މުޙައްމަދު ޖަލީލު

                                      ފ. ނިލަންދޫ ކައުންސިލްގެ ރައީސް

22 ޖަނަވަރީ 2018