ނޫސްބަޔާން
ނަންބަރު: (PR)30-B3/30/2018/1
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:16
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ނޫސް ބަޔާން

"ކޮލަމާފުއްޓާއި، ދެއްވަދޫ ބޮއި ކެނޑިފަ ހުންނަތާ 3މަސް ދުވަސް"

       މި ސުރުޚީގެ ދަށުން 9 ޖެނުވަރީ 2018 ވަނަދުވަހު ރާއްޖެ.އެމް.ވީ ގައި ޝާއިޢު ކޮއްފައިވާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ.

       މިމިނިސްޓްރީން 1981 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން ކަނޑައިގެންދާ ކަނދުފަތިތައް އަލުން އެޅުމުގައި އަމަލު ކުރަމުންދާ އުސޫލަކީ އެކަނދުފައްޗެއް ކަނޑައިގެން ދިއުމުން މަސްވެރިން ރަށު ނުވަތަ އަތޮޅު ކައުންސިލަށް އެންގުމުން، އެހެން ދޯނި ފަހަރުގެ މަސްވެރިން މެދުވެރިކޮށް ކަނޑައިގެން ދިޔަކަން ކަށަވަރުކޮށް ރަށު ނުވަތަ އަތޮޅު ކައުންސިލަކުން މިމިނިސްޓްރީއަށް އެންގުމެވެ. މިގޮތަށް އަމަލުކުރަމުން މިގެންދަނީ ބައެއް ފަރާތްތަކުން ދޭ މަޢުލޫމާތުގެ މައްޗައް ބިނާކޮށް ކަނޑައިގެން ދިޔަ ކަމަށް ބުނާ ކަނދުފަތި އަލުން ހަރުކުރުމަށް ދާއިރު އެޕޮޒިޝަންގައި ކަނދުފަތި އޮންނަ ހާލަތްތަކާ ގިނަފަހަރު ދިމާވުމުން ޚަރަދާއި ވަގުތު ބޭކާރުވަމުން ދާތީއެވެ. 

އެވްރެޖްކޮށް އަހަރަކު ކަނޑައިގެން ގޮސްގެން އަލުން ހަރުކުރެވޭ 20 ވަރަކަށް ކަނދުފަތި އެޅުމަށްފަހު އެކަނދުފައްޗެއް ނިސްބަތްވާ އަތޮޅު ކައުންސިލްގެ އިދާރާއަށް މިދަންނަވާ މައުލޫމާތު އަތޮޅުގެ މަސްވެރިންނަން ހިއްސާ ކޮށްދެއްވުމަށް އެދި އަދި މިގޮތަށް އަމަލުކޮށް ދެއްވުމަށް އެދި ފެކްސް ނޯޓަކުން ދަންނަވަމުން ގެންދެވެއެވެ. އޮއިވާލި ކަނދުފައްޗަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ވަރަށް ބުރަ މަސައްކަތުން އަޅައިދީފައިވާ ކަނދުފަތި ތަކެއްކަމުގައި ވާތީވެ، ކަނދުފައްޗާ މެދު ސަމާލުވުމާ، ބެލެހެއްޓުމުގެ އިންތިޒާމް މަސްވެރިން މެދުވެރި ކުރައްވައިގެން ހަމަޖެއްސުވުމާއި، ކަނދުފައްޗަށް ލިބޭ ގެއްލުން ލަސްނުކުރައްވައި މިމިނިސްޓްރީއައް އެންގެވުމަށާއި އަދި ކަނދުފަތީގެ ބޮޔާއި، ބޮޔާއެކު ހޮވި ތަކެއްޗާއި އަދި ކަނޑައިގެން ގޮސްފައި ހުރީ ވަލުގެ ކިހާ ހިސާބަކުންކަން އެނގޭ ތަފްސީލު މަޢުލޫމާތު ލަސްނުކޮށް މިމިނިސްޓްރީއަށް އެންގެވުމަށް ތަކުރާރުކޮށް ވާނީ އިލްތިމާޒް ކުރެވިފައެވެ. 

       ހުވަދުއަތޮޅު އުތުރުބުރީ އެއްވެސް ކައުންސިލްގެ އިދާރާއަކުން ގއ.ކޮލަމާފުއްޓާއި އެއަތޮޅު ދެއްވަދޫގެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާކަމަށް މިމިނިސްޓްރީއައް އަންގާފައި ނުވާކަން ފާހަގަކުރަމެވެ. އަދި މިކަން ޔަޤީންކޮށްދިނުމަށް އެދި އަތޮޅު ކައުންސިލަށް މިހާރު ވާނީ ދަންނަވާފައެވެ.

       މަތީގައި ހަވާލާދީފައިވާ ރާއްޖެ.އެމް.ވީ ޚަބަރުގައި އެއަތޮޅު ފަރުތަކުގައިވާ ބައްތިތައް ނުދިއްލޭތާ 6 މަސްދުވަސް ވެފައިވާކަން ފާހަގަކުރަވާފައި ވާތީވެ އެމައްސަލައާއި ބެހޭގޮތުން ދަންނަވެމެވެ.

       ކަނޑުދަތުރުކުރާ ފަރާތްތަކަށް ރައްކަލަކަށް ބައްތި ޖެހުމަކީ މިމިނިސްޓްރީން ކުރާކަމެއް ނޫނެވެ. އަދި މިމިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މަސައްކަތެއްވެސް ނޫނެވެ. ނަމަވެސް، މަސްވެރިންނަށް މުހިންމު ކަމަކަށްވެ މަސްވެރިންނަށް ނުރައްކައުވާ ކަމަކަށްވާތީ އެކިފަހަރުމަތިން ބައްތިޖެހުމަށް މިމިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާނެއެވެ.  މިގޮތުން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ނަންބަރު : 341-B/2017/4 (04 ޖުލައި 2017) ސިޓީން އެއަތޮޅުގެ އިރުމަތީ ބިތުން ކޮލަމާފުއްޓަށް ދަތުރުކުރާ ލައިންގައި ޖަހާފައިވާ ބައްތިތަކުގެ ތެރެއިން ގިނަބައްތިތައް ނެތުމުން މަސްވެރިންނަށް ނުރައްކާވާކަމަށް ބުނެ މަސްވެރިން މިނިސްޓްރީގެ އެހީތެރިކްން ނިހާޔަތަށް ބޭނުންވާކަން ފާހަގަކުރުމުން، 9 ބައްތިއެއް ޖެހުމައް ބޭނުންވާ 87500.00 (އައްޑިހަ ހަތްހާސް ފަސްސަތޭކަ ރުފިޔާ) ފައިސާ ވޭތުވެދިޔަ އަހަރުވާނީ ހުވަދުއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލްގެ އިދާރާގެ އެކައުންޓައް ޖަމާކޮއްދީފައެވެ.

       ވީމާ، މިމިނިސްޓްރީން މަސްވެރިންނައް ފޯރުކޮއްދެމުންދާ ޚިދުމަތްތަކާމެދު، މަސްވެރިންގެ އިހްތިރާމް ގެއްލޭނޭފަދައިން އާއްމުކޮށްފައިވާ މިޚަބަރު މިމިނިސްޓްރީން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމުގައި ދަންނަވަމެވެ.

       އަދި ޚަބަރު ފޯރުކޮއްދޭ އެކިއެކި ފަރާތްތަކުން މިމިނިސްޓްރީއާ ގުޅުންހުރި ޚަބަރުތައް ސާއިޢު ކުރުމުގެ ކުރިން އެޚަބަރެއްގެ ތަފްސީލު މަޢުލޫމާތު މިމިނިސްޓްރީއިން ހޯއްދެވުމަކީ މިމިނިސްޓްރީން ވަރަށްބޮޑަށް އެދޭކަމެއްކަމުގައި ދެންނެވީމެވެ.

10 ޖަނަވަރީ 2018