ދެންނެވުން
ނަންބަރު: 427-BUR/CIR/2013/15
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 17:48
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުން

ސަރކިއުލަރ

އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުން

ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެމްޕޭނުކުރުން މަނާ ގަޑިތަކުގައި ވަކި ކެނޑިޑޭޓުންނަށް ތާއީދުކޮށް، ބައެއް ބްރޯޑްކާސްޓަރުން ކޮންޓެންޓް ފޮނުވާކަމުގެ ޝަކުވާ އަދި، އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ބައެއް ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އުނިކަން އަންނާނޭ ފަދަ ކޮންޓެންޓް ފޮނުވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ވަނީ މި ކޮމިޝަނަށް އަންގަވާފައެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން، އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެންނުވާނެ ކަމަށާއި އަދި އެހެން ކެނޑިޑޭޓަކާ ބެހޭ ގޮތުން އެއްވެސް ދޮގު މަޢުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ދެ މާއްދާއާ ހިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ޤާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށް އަންގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މި ކަމަށް އިތުރަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

09 މުޙައްރަމް 1435

13 ނޮވެންބަރު 2013