ޢާންމު މަޢުލޫމާތު
ނަންބަރު: (A)DB-2013/690
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 17:42
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އިންތިޚާބުގައި ކެމްޕޭންކުރުމާބެހޭ

ޤާނޫނު ނަންބަރު 11/2008 "އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު" ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ.

ވީމާ، 2013 ނޮވެންބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2013 ގެ ދެވަނަ ބުރާއި ގުޅިގެން މި އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 2013 ނޮވެންބަރު 15 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ން ފެށިގެން 2013 ނޮވެންބަރު 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

10 މުޙައްރަމް 1435

14 ނޮވެންބަރު 2013