ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާ ކުކުޅު ބިހާއިގުޅޭ
ޕްރޮސަސް ނުވަތަ ޓްރީޓްނުކޮށް ތާޒާ ކުކުޅުބިސް އޭގެ އަސްލު ނުގެއްލޭ ގޮތަށް ފިނިކޮށް (5°C އަށްވުރެ ދަށުގައި) ރައްކާކުރެވޭ މުއްދަތަކީ 3 ހަފުތާއާއި 5 ހަފްތާއާ ދެމެދެވެ. މިޔަށް ވުރެ ދިގުމުއްދަތަށް ފެންވަރަށް ބަދަލެއް ނާންނަގޮތަށް ބެހެއްޓޭނީ އިތުރު ޓްރީޓްމެންޓެއް ދީގެންނެވެ. ނަމަވެސް ދިގުމުއްދަތު ޖަހައިގެން ޓްރީޓްމެންޓް ނުދީ ފިނިނުކޮށް ހުންނަ ކުކުޅުބިސް ދަނީ ވިއްކަމުންނެވެ. އަދި ރާއްޖެއަށް އެތެރެކުރާ ބައެއް ކުކުޅުބިހުގެ ބޭރުތޮށިގަޑުގައި ނަޖިސްފަދަ ތަކެތި ހަރުލާފައި ހުރުމާއި މިނޫންވެސް ގޮތްގޮތަށް ނުސާފުވެފައި ހުންނަކަން ވެސް ދަނީ ފާހަގަ ކުރެވެމުންނެވެ. މިކަންކަމަކީ އާއްމު ޞިއްޙަތަށް ނުރައްކާވުމުގެ ފުރުޞަތުއޮތް ކަންކަމެވެ.
ވީމާ، 15 ޖަނަވަރީ 2018އިން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރާ ކުކުޅު ބިހުގެ މުއްދަތު ހަމަވާ ތާރީޚް 5 ހަފްތާއަށްވުރެ ދިގުނަމަ، ދުވަސްހަމަވާ މުއްދަތު ދިގު ކުރުމަށްޓަކައި ކޮށްފައިވާކަމެއް ބަޔާންކުރާ، އެ ގައުމެއްގެ ފުޑް ސޭފްޓީ އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ރާއްޖެއަށް އެތެރެކުރާ ބިހާބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ސެޓްފިކެޓް އޮފް އޮރިޖިންގެ އިތުރުން ހެލްތު ސެޓްފިކްޓްވެސް ހުށަހެޅުމުން ކަމުގައި އާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
މީގެއިތުރުން ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ. އަދި ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއިބިހުގެ ބާވަތްތައް ހުންނަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަޑު " ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަޑު " MFDA-FCD STAN 4-2014(Rev. 1- 2016)އަށް ކަމުގައި ވެސް އާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
23 ޞަފަރު 1439ހ.