ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:07
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ އުޞޫލް

ހދ.ނޮޅިވަރަންފަރުގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ އުޞޫލް

 

1. ތައާރުފާއި ނަން:

(ހ). މިއުޞޫލަކީ ނޮޅިވަރަންފަރުގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ނޮޅިވަރަނަފަރުގައި އުޅުމާއި ބެހޭ އުޞޫލެވެ.

(ށ). މިއުޞޫލަށް ކިޔާނީ "ނޮޅިވަރަންފަރުގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ އުޞޫލެވެ".

2. އާއްމު ބައިތައް:

(ހ). މިއުޞޫލަށް އަމަލް ކުރަން ފެށުމުން މިހާރު ރަށުގައިތިބި ހުރިހާ ބިދޭސީން ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

(ށ). މިއުޞޫލަށް އަމަލްކުރަންފަށާތާ 15 ދުވަސް ތެރޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން ރަށުން ފޮނުވާލަން ވާނެވެ.

(ނ). އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން ބިދޭސީން ރަށަށް ގެނައުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯއްދުމަށް ޞައްޙަ ވޯރކް ޕާމިޓް ކާޑުގެ އަސްލާއި އެކު ކޮޕީ ހުށަހަޅަން ވާނެއެވެ.

(ރ). މިރަށަށް އަންނަ ބިދޭސީން ފެރީ، ލޯންޗް، ދޯނި، ޑިންގީ ފަދަ އުޅަނދަށް އަރުވަންވާނީ ޞައްޙަ ވޯރކް ޕާމިޓް ކާޑު ނުވަތަ ކައުންސިލުގެ ހުއްދަ ދެއްކުމުންނެވެ.

(ބ). ޤަވައިދުން ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ފަރުދުންގެ ވިޔާފާރިއެއް ނުވަތަ ކުންފުންޏަކުން ފިޔަވާ ބިދޭސީން ރަށަށްގެނެސް ސަރުކާރާއި އަމިއްލަ ފަރާތްކަކުގެ މަސައްކަތް ކޮންޓެކްޓް އިޞޫލުންނަގައި ބިދޭސީންލައްވާ ކުރުވުމަކީ މަނާކަމެކެވެ.

(ޅ). ސްކޫލް، ސިއްޙީ މަރުކަޒު ފަދަ ސަރުކާރުގެ މުއައްސަސާތައް ފިޔަވާ ބިދޭސީން މިރަށަށް ގެންނަންވާނީ ނުވަތަ އަންނަންވާނީ ޒިންމާވާނެ މިރަށުގެ އަމިއްލަ ފަރުންދެއް ނުވަތަ ކުންފުންޔެއްގެ ބެލުމުގެ ދަށުންނެވެ.

(ކ). ބިދޭސީން ރަށަށް ގެނައުމަށާއި ރަޖިސްޓްރީ ކުރުމަށް ހުށަހާޅާ ފޯމް ކައުންސިލުން ދޫކުރަން ވާނެއެވެ.

(އ). ބިދޭސީން ރަޖިސްޓްރީ ކުރުމަށްފަހު ދިގުމުއްދަތަކަށް ނުވަތަ ނާންނަގޮތަށް ގޮއްސިނަމަ ކައުންސިލް ރަޖިސްޓްރީން އުނިކުރަންވާނެއެވެ.

3. ބިދޭސީންނަށް މިރަށުގައި ކުރުން މަނާކަންތައް

(ހ). ރަށުގެ ވަލުތެރެއަށްވަދެ ކާށި، ދަރު، ފަން، އޮށްކެޔޮ މިބާވަތުގެ އެއްވެސް އެއްޗެއް ހޮވުން.

(ށ) ކައުންސިލްގެ އިޙްތިޞާސްގައިވާ އެއްވެސް ސަރަހައްދެއްގައި ދާ އަޅައިގެން ( ލާންދާ، ދިގުދާ )ގެ މަސްވެރިކަން ކުރުން.

(ނ) އިސްލާމް ދީނާއި ޚިލާފް އެއްވެސް އަޅުކަމެއް ނުވަތަ އަމަލެއް އާއްމުތަނެއްގައި ނުވަތަ އާއްމުން އެއްވެ އުޅޭ ސަރަޙައްދެއްގައި އާއްމުންނަށް ފެންނަގޮތަށް ކުރުން.

(ރ). ކައުންސިލްގެ އިޙްތިޞާސް ހިމެނޭ އެއްވެސް ސަރަހައްދެއްގައި ކައުންސިލުގެ ހުއްދަނެތި ދަނޑުވެރިކަން ކުރުން.

(ބ). ސަރުކާރާއި އަމިއްލަ ފަރުދުން ހުޅުވާލާ މަސައްކަތްތައް ބިދޭސީންގެ އަމިއްލަ ނަމުގައި އަގު   ހުށަހަޅައިގެން މަސައްކަތް ނެގައިގެން ކުރުން.

(ޅ) މީގެ އިތުރުން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވައިދުގެ ޖަދުވަލު 1 ގައިވާ މަސައްކަތްތައް.

4. ޖޫރިމަނާ:

މިއުޞޫލާ ޙިލާފަށް ބިދޭސީއަކު މިރަށަށް އައިއްސިނަމަ ނުވަތަ ގެނެއްސިނަމަ ތިރީގައިވާ ގޮތުގެމަތީން އެބިދޭސީއަކު ނުވަތަ ބިދޭސީ ގެންނަ މީހަކު ޖޫރިމަނާ ކުރެވޭނެއެވެ.

(ހ). ފުރަތަމަ ފަހަރަށް 500 ރުފިޔާއިން.

(ށ). ދެވަނަ ފަހަރަށް 1000 ރުފިޔާއިން.

(ނ). ތިންވަނަ ފަހަރަށް 2000 ރުފިޔާއިން.

(ރ). ތިންވަނަ ފަހަރަށްވުރެ އިތުރަށް ކުއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 2500 ރުފިޔާއާއި 5000 ރުފިޔާ އާއި ދެމެދު ޖޫރިމަނާ ކުރެވޭނެއެވެ. 

5. މާނަކުރުން:

(ހ). "ބިދޭސީން" ކަމުގައި ބުނެފައި އެވަނީ ރަށުގައި އެކިބާވަތުގެ ވަޒީފާ އަދާކުރުމަށް ގެންނަ ރާއްޖެއިން ބޭރު މީހުންނެވެ.

(ށ). "މިރަށް" ކަމުގައި ބުނެފައިއެވަނީ ހދ.ނޮޅިވަރަންފަރެވެ.

(ނ). "ވަޒީފާ" ކަމުގައި ބުނެފައިއެވަނީ އުޖޫރައަކަށް ނުވަތަ އުޖޫރައެ ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަށެވެ.

(ރ). " ކައުންސިލު" ކަމުގައި ބުނެފައިއެވަނީ ހދ.ނޮޅިވަރަންފަރު ކައުންސިލެވެ.

6. އަމަލުކުރަން ފަށާ ތާރީޚް:

(ހ). މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލް މި ކައުންސިލުން ފާސްކޮށް  އާއްމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެނެވެ.

(ށ). މިއުސޫލުގައި ނުހިމޭކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލް މަޝްވަރާއަށްފަހު މިކައުންސިލުންނެވެ.

30 އޮކްޓޫބަރު 2017