ޢާންމު މަޢުލޫމާތު
ނަންބަރު: 266/CIR/2017/1
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:55
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކުން އަމަލުކުރާނެ އުސޫލު

1. ތަޢާރަފާއި ނަން:

( ހ ) މިއީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކަނޑާ ފަރާތްތަކުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލެވެ.

( ށ ) މި އުސޫލަށް ކިޔަނީ " ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކަނޑަން ބޭނުންވާ ފަރާތްތަކުން  އަމަލުކުރާނެ އުސޫލު " އެވެ.

 

2. މަސްމާރުކޭޓްގައި މަސްކެނޑޭނެ ފަރާތްތައް

ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދެވޭނީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ  ފަރާތެއްގެ ގޮތުގައި ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

3. ޚިދުމަތަށް އެދުން

މަސްކެނޑުމުގެ ޚިދުމަތްދިނުމަށް އެދެވޭނީ މިޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލުމުންނެވެ.

 

4. ޚިދުމަތްދޭނެ ބަޔަކު ކަނޑައެޅުން

ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެކަމަށް މީހުން ކަނޑައަޅާނީ ތިރީގައިވާ ހަމަތަކުގެ މަތިންނެވެ.

1 – ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސްކެނޑުމުގެ ޚިދުމަތް މިހާރު ދެމުންދާ ފަރާތްތަކަށް އިސްކަންދިނުން

2 – ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސްކެނޑުމުގެ ޚިދުމަތް މިހާރު ދެމުންގެންދާ ފަރާތްތަކުގެ ޢަދަދު ޖާގައަށްވުރެ އިތުރުވާނަމަ އެފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން މީހުން ހޮވުން

3 – ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސްކެނޑުމުގެ ޚިދުމަތް މިހާރު ދެމުންގެންދާ ފަރާތްތަކުގެ ޢަދަދު ޖާގަތަކަށްވުރެ މަދުނަމަ އެފަރާތްތަކަށް ޖާގަ ދޫކުރުމަށްފަހު އަލަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާކީ ޖާގަތަށް ގުރުއަތުލައިގެން މީހުން ހޮވުން

4 – މަސްކެނޑުމުގެ ޚިދުމަތުން (އެއްބަސްވުމާއި ޚިލާފްވެގެން) އެކަހެރިކުރެވިފައިވާ ފަރާތެއް ކުރިމަތިލައިފިނަމަ އެފަރާތަކަށް ގުރުއަތުގައި ބައިވެރިވެވޭނީ ޚިދުމަތުން އެކަހެރި ކުރެވުނު ދުވަހުން ފެށިގެން މީލާދީ 2 އަހަރުވެފައިވާނަމައެވެ.

 

5. ރަޖިސްޓަރީކުރުން

ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

 

6. ފީނެގުން

މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ ފަރާތެއްގެ އަތުން ތިރީގައިވާ ގޮތުގެމަތިން ފީނެގޭނެއެވެ.

( ހ ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/50ރ

( ށ ) މަހަކަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ރޭޓުން މަހުފީއެއް ނެގޭނެއެވެ.

( ނ ) މަހުފީގެ ގޮތުގައި ދައްކާ ފައިސާ އެމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ. މިމުއަދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެން ފައިސާ ބަލައިގަނެވޭނީ -/100ރ ގެ ޖުރުމަނާއަކާ އެކުގައެވެ. 10 ވަނަ ދުވަސް ބަންދުދުވަހަކަށް ވެއްޖެނަމަ ދެން ހުޅުވޭ ފުރަތަމަ ދުވަހު ފައިސާ ދައްކައިފިނަމަ ޖުރުމަނާއަކާ ނުލައި ފައިސާ ބަލައިގަނެވޭނެއެވެ.

 

7. މުއްދަތު އަދި އެއްބަސްވުން

( ހ ) މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތެއް ރަޖިސްޓަރީ ކުރެވޭނީ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލް އިދާރާއާއި އެފަރާތަކާއިދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

8. ކަރުގޮހޮރުނަގާ ތަންސާފުކުރުން

      ( ހ ) މަސްކަނޑާއިރު އުކާލެވޭ މަހުގެ ބައިތަށް ތަނުގައި ބެހެއްޓިފައި ވާ ޑަސްބިންތަކަށް އަޅަންވާނެއެވެ.

      ( ށ ) މަސް ކަނޑާނިމިގެން މަސްކަނޑާއަށި ރަނގަޅަށް ސާފުކުރަންވާނެއެވެ.

      (ނ) މަސްމާރުކޭޓާއި ސަރަހައްދުގެ ސާފުތާހިރުކަން ގެއްލޭގޮތަށް މަސްކަނޑާ ފަރާތްތަކުން އަމަލުކޮށްގެންނުވާނެއެވެ.

 

9. ޤަވައިދާ ޚިލާފްވުން

      މި ޤަވައިދާ ޚިލާފަށް މަސްމާރުކޭޓްގައި ޢަމަލުކުރާ ފަރާތްތައް ތިރީގައި ދަންނަވާފައިވާ އުޞޫލުން ޖުރުމަނާ ކުރެވޭނެއެވެ.

      ( ހ ) ޤަވައިދާ ޚިލާފްވާ ފުރަތަމަ ފަހަރު އެކަން ސާބިތުވެއްޖެނަމަ -/1000ރ (އެއްހާސްރުފިޔާ) އިން ޖުރުމަނާކުރުން

      ( ށ ) ޤަވައިދާ ޚިލާފްވާ ދެވަނަ ފަހަރު އެކަން ސާބިތުވެއްޖެނަމަ -/5000ރ (ފަސްހާސްރުފިޔާ) އިން ޖުރުމަނާ ކުރުން

      ( ނ ) ޤަވައިދާ ޚިލާފްވާ ތިންވަނަ ފަހަރު އެކަން ސާބިތުވެއްޖެނަމަ -/10000ރ (ދިހަހާސްރުފިޔާ) އިން ޖުރުމަނާ ކުރުން. އަދި ތިންވަނަ ފަހަރަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު -/15000ރ (ފަނަރަހާސްރުފިޔާ) އިން ޖުރުމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

      ( ރ ) ޤަވައިދާ ޚިލާފްވާ ފަރާތަކީ މަސްކެނޑުމަށް ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ އެފަރާތެއް ޖުރުމަނާ ކުރުމާއެކު އެފަރާތެއްގެ ހުއްދަ ބާޠިލްކުރެވޭނެއެވެ. އަދި ދެން އެފަރާތަކަށް މަސްކެނޑުމުގެ ހުއްދަ ދެވޭނީ ހުއްދަ ބާޠިލްކުރާ ދުވަހުން ފެށިގެން މީލާދީ 2 އަހަރު ހަމަވުމަށްފަހުގައެވެ.

 

10 . ޚިދުމަތް ދިނުމުގެ އުޞޫލް

      ( ހ ) މަސްކެނޑުމުގެ ޚިދުމަތަށް އެދި އަންނަ ކޮންމެ ފަރާތަކަށް ޚިދުމަދޭންވާނީ ހަމަހަމަކަމާއެކު ޖިންސުގެ ތަފާތުކުރުމެއްނެތި އަންނަ ތަރުތީބުގެ މަތިންނެވެ.

      ( ށ ) މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކުން އެކަމުގެ އަގު ނަގަންވާނީ އެންމެންނަށް އެއްހަމައެއްގެމަތިން ތަފާތުކުރުމެއްނެތިއެވެ.

04 އޮކްޓޫބަރު 2017