ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ހުޅުލެ/ދިވެހިރާއްޖެ
ސާކިއުލާރ
މި ކޮމާންޑުން ހަދައި ވިއްކާ ފާހުގެ އަގު ނެގުން މި ހިނގާ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މީރާއާއި ހަވާލުކުރުމަށް ވަނީ ނިންމަވާފައެވެ. މި ކޮމާންޑްގެ ސެންޓްރަލް ޕާސް އެޑްމިނިސްޓްރޭޝަން އިން ޕްރިންޓްކޮށް ވިއްކާ އެއަރޕޯޓް ސެކިއުރިޓީ ފާހަށް އަގުނެގުން މީރާއާއި ހަވާލުކުރުމަށް ފަހު ފާސް ވިއްކުމުގެ އުސޫލަށް އަންނާނޭ ބަދަލުތައް ތިރީގައި އެވަނީއެވެ.
ތަޢާރަފް
އެއަރޕޯޓް ސެކިއުރިޓީ ފާހަކީ ވަކި ފަރުދަކަށް ދޫކުރެވޭ ފާހެއް ނަމަވެސް މި ފާސް ދޫކުރެވޭ ފަރާތަކީ ސަރުކާރުގެ އިދާރާއަކަށް ނުވަތަ ކޮމްޕެނީއަކަށް ރަޖިސްޓްރީވެ ވަޒީފާގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައި ވާން ވާނެއެވެ. މީގެ އިތުރުން ވޯކް ޕާމިޓް އޮންނަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވިފައިވާ ނުވަތަ ބިޒްނަސް ވިސާގައި މަސައްކަތް ކުރާ ފަރާތަކަށް ވާން ވާނެއެވެ.
އޭވިއޭޝަން ސެކިއުރިޓީ ފާހަށް އެދި ފޯމް ހުށަހެޅުން
އެއަރޕޯޓް ސެކިއުރިޓީ ފާސް ހެދުމަށް ބޭނުންވާ ފޯމް ފުރިހަމަކޮށް ހުށައަޅަންވާނީ މިހާރުވެސް ފޯމް ހުށައަޅާގޮތުގެ މަތީން މި ކޮމާންޑްގެ އެޑްމިނިސްޓްރޭޝަން ބިލްޑިންގް ގެ ސެންޓްރަލް ޕާސް އެޑްމިނިސްޓްރޭޝަންގެ އޮފީހަށެވެ. ފޯމް ޕްރޮސެސް ކުރުމަށް 03 (ތިނެއް) ދުވަހުގެ މުހުލަތެއް ބޭނުން ވާނެއެވެ. މިގޮތުން ކްލިއަރ ނުވާ ފޯމްތަކުގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ފާސް ހަދަން ހުށަހަޅާފައިވާ ފަރާތުގެ ސަމާލުކަމަށް ގެނެވޭނެއެވެ.
ޕޭމަންޓް
އެއަރޕޯޓް ސެކިއުރިޓީ ފާހަށް އެދޭ ފޯމް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސެންޓްރަލް ޕާސް އެޑް މިނިސްޓްރޭޝަންއަށް ހުށަހަޅާތާ 03 (ތިނެއް) ވަނަ ދުވަހުން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައި އެއަރޕޯޓް ސެކިއުރިޓީ ފާހަށްވާ އަގު މީރާއަށް ދައްކައި 03 މަސް ފާއިތުވުމުގެ ކުރިން ފާސް ހައްދަވަން ވާނެއެވެ. ފޯމް ހުށައަޅާތާ 03 މަސް ވުމަށްފަހު އެފޯމް ބާތިލް ވާނެއެވެ. ފާހަށް ފައިސާ ދެއްކުމަށް މީރާއަށް ވަޑައިގަންނަވާއިރު ފާސް ބޭނުންފުޅުވާ މުވައްޒަފުގެ މަޢުލޫމާތު އަދި ދައްކަންޖެހި ވަޑައިގަންނަވާ ފައިސާގެ ޖުމްލަ އަދަދު މީރާގެ ސިސްޓަމުން ފެންނަން ހުންނާނެއެވެ. މިގޮތުން ފައިސާ ދެއްކުމަށް ފަހު މީރާއިން ދޫކުރެވޭ ރިސިޕްޓް ހިފައިގެން ސެންޓްރަލް ޕާސް އެޑްމިނިސްޓްރޭޝަންއަށް އައުމުން އެބޭފުޅެއްގެ ފޮޓޯނަގައި ފާސް ޕްރިންޓްކުރުމަށް ފަހު ވަގުތުން ފާސް ދޫކުރެވޭނެއެވެ.
މަސައްކަތުގަޑި
މިކޮމާންޑުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އާއި 14:30 އާއި ދެމެދު އެއަރޕޯޓް ސެކިއުރިޓީ ފާހަށް އެދި ހުށަހަޅާ ފޯމް ބަލައި ގަންނާނެއެވެ. އަދި 8:30 އާއި 14:00 އާއި ދެމެދު ސެކިއުރިޓީ ފާހަށް ފޮޓޯނަގައި ފާސް ދޫކުރެވޭނެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 17:00 އާއި ދެމެދު މީރާއިން އެއަރޕޯޓް ސެކިއުރިޓީ ފާހުގެ ޕޭމަންޓް ބަލައި ގަންނާނެއެވެ.
04 އޮކްޓޯބަރ 2017