ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-A/410/2017/26
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:01
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި، އެކަންކަމަށް ފީ ނެގުމާބެހޭ ބެހޭ އުޞޫލު 2017

އިޢުލާން

މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި، އެކަންކަމަށް ފީ ނެގުމާބެހޭ ބެހޭ އުޞޫލު 2017 އާންމު ކުރުމާބެހޭ:

ދާންދޫގައި މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި، އެކަންކަމަށް ފީ ނެގުމާބެހޭ ބެހޭ އުޞޫލު 2017 މިއިއުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

މި އިއުލާނު ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 ޛުލްޤަޢިދާ 1438

20 އޯގަސްޓް 2017

 

މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި، އެކަންކަމަށް ފީ ނެގުމާބެހޭ ބެހޭ އުޞޫލު

2017

ތަޢާރަފް: 1

(1) މިއީ ޤާނޫނު ނަންބަރ 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ، މަގުމަތީގައި ގާޑިއާ ނުވަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއިބެހޭ ޤަޥާޢިދު (ޤަޥާޢިދު ނަންބަރ: 2014/R-246) ގެ 17ވަނަ މާއްދާއިން ބާރު ލިބިގެން އެޤަވާޢިދު ނަގަހައްޓާ ހިންގުމަށްޓަކާ ދާންދޫ ކައުންސިލުގެ 3 ވަނަ ދައުރުގެ 6ވަނަ ޢާންމުޖަލްސާއިން ފާސްކޮށް ޢަމަލުކުރުމަށް ހަދާފައިވާ މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ އުޞޫލުއެވެ.

 

(2) މި އުޞޫލުގައި ބަޔާން ކުރެވިފައިވާނީ ދާއިމީ ގޮތެއްގައި މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އަދި ވަގުތީ ގޮތުން މަގުމަތީގައި ގާޑިއާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ބެހޭ އުޞޫލުތަކެވެ.

 

ޢަމަލު ކުރަން ފަށާ ތާރީޚް: 2

(1) މި އުޞޫލު ދާންދޫ ކައުންސިލުން ޢާންމުކޮށް އަންގައި އިޢުލާންކޮށް ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފެށުނީއެވެ.

 

(2) މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު މީގެކުރިން ޢަމަލު ކުރަމުން އައި "މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ބެހޭ އުޞޫލު" ބާޠިލުވީއެވެ.

 

ދާއިމީ ގޮތެއްގައި މަގުމަތީގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުން: 3

(1) މަގުމަތީގައި ދާއިމީ ގޮތެއގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކުން، ގާޑިއަލުގައި ނުވަތަ މޭޒުމަތީގައި ވިޔަފާރިކުރާ ސަރަޙައްދު ބަޔާންކޮށް ކާބޯތަކެތީގެ ވިޔަފާރި އެތަނުގައި ކުރާކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގައި ނުވަތަ ދާންދޫ ޕަބްލިކް ހެލްތް ޔުނިޓާއި ބެހޭ ބައިގައި ރަޖިސްޓްރީ ކުރުމަށް އެކަމަށް އެދެންވާނެއެވެ.

 

(2) ގާޑިއާ ނުވަތަ މޭޒުފަދަ ތަކެތި މަގުމަތީގައި ބަހައްޓައިގެން އެ ތަންތަނުގައި ވިޔަފާރިކުރުމުގެ ހުއްދަ ހޯދުމަށް ދާންދޫ ކައުންސިލްގެ އިދާރާގައި އެދެންވާނީ ޕަބްލިކް ހެލްތް ޔުނިޓާއި ބެހޭ ބައިން ދޫކުރާ " ގާޑިއާ ނުވަތަ މޭޒުފަދަ ތަކެތީގައި އެ ތަންތަނުގައި ކާބޯތަކެތި ވިއްކާ ކަމުގެ ރަޖިސްޓްރީ " އާއެކު އެކަމަށް އެދޭ ފަރާތަކުން ދާންދޫ ކައުންސިލަށް ހުށަހެޅުމުން " މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ " ދާންދޫ ކައުންސިލްގެ އިދާރާއިން އެފަރާތަކަށް ދޭންވާނެއެވެ.

 

(3) މަގުމަތީގައި މި އުޞޫލާއެއްގޮތަށް ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކުން، ވިޔަފާރިކުރަން ބޭނުންވާ ސަރަޙައްދު ބަޔާންކޮށް އެކަމަށް އެދުމުން އެތަނުގައި ކާބޯތަކެތި ވިއްކާކަމަށް ދާންދޫ ކައުންސިލްގެ އިދާރާގައި މިކަމަށް ޚާއްޞަކުރެވޭ ދަފްތަރުގައި އެފަރާތް ރަޖިސްޓްރީކުރަންވާނެއެވެ.

 

(4) މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުން މަހު ފީ ނަގަމުން ގެންދާނީ އެފަރާތަކަށް ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން މީލާދީ މަސްތަކަށް ބަލައިގެންނެވެ. މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނަގާ ފަރާތްތަކުން ދައްކަންޖެހޭ މަހު ފީ  އެފަރާތަކުން ދައްކަންޖެހޭނީ ދާންދޫ ކައުންސިލްގެ އިދާރާއަށެވެ.

 

(5) މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދުގެ 14 ވަނަ މާއްދާގައިވާގޮތުން ކައުންސިލުން ކަނޑައަޅަންޖެހޭ ފީއަކީ،  އެ ޤަޥާޢިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކަމަށް ބޭނުންކުރާ ބިމުގެ ބޮޑުމިނަށް ބޭނުން ކުރެވޭ ކޮންމެ އަކަފޫޓަކަށް މަހަކަށް -/5ރ (ފަސްރުފިޔާ) އެވެ. މިގޮތުން އެންމެ ކުޑަވެގެން ދޫކުރެވޭނީ، 50 އަކަފޫޓު ('5×'10) ގެ އޭރިޔާއެކެވެ.  

 

(6) މިގޮތުން ދައްކަންޖެހޭފީ ވިދިވިދިގެން ނުދައްކާތާ 2 މަސް ފާއިތުވެއްޖެ ނަމަ މި އުޞޫލުގެ ދަށުން ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުވާނެއެވެ. ހުއްދަ ބާޠިލުކުރެވިފައިވާ ފަރާތަކަށް ދެން އަލުން ހުއްދަ ދޫކުރެވޭނީ ފީ ނުއްދަކާ މަސްތަކުގެ ފައިސާ އެއްފަހަރާ ދެއްކުމުންނެވެ. އަދި ފީނުދައްކައި ހުއްދަ ބާޠިލުކުރެވިފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފީ ޝަރުޢީ ކޯޓެއް މެދުވެރިކޮށްގެން ނަމަވެސް ދާންދޫ ކައުންސިލްގެ އިދާރާއަށް ހޯދޭނެއެވެ.

 

(7) މިއުޞޫލުގެ ދަށުން ވިޔަފާރި ކުރާފަރާތްތަކުން ސަރަހައްދު ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ.

 

ވަގުތީ ގޮތުން މަގުމަތީގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުން: 4

(1) މި އުޞޫލުގެ ދަށުން މަގުމަތީގައި ނުވަތަ އާންމުތަނެއްގައި ވަގުތީގޮތުން ވިޔަފާރި ކުރާ ފަރާތްތަކުން އެކަމަށް އެދި ދާންދޫ ކައުންސިލަށް ސިޓީއަކުން އެދި އެކަމަށް ހުއްދަ ހޯދައިގެންނޫނީ މިފަދަ ފިޔަފާރި އެއް ދާންދޫގެ އެއްވެސް އާންމުތަނެއްގައި ނުކުރެވޭނެއެވެ.

 

(2) މި މާއްދާގެ ދަށުން ދާންދޫގެ މަގުމަތީގައި ނުވަތަ ޢާންމު ތަނެއްގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ތަނެއްގައި އިމްޕޯރޓް މުދާ ވިއްކަން ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމަށް ދާންދޫ ކައުންސިލަށް ފޮނުވާ ސިޓީ އާއެކު އެފަރާތަށް ލިބިފައިވާ އިމްޕޯރޓްމުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ ހުށަހަޅަންވާނެއެވެ. ނަމަވެސް ރާއްޖޭގައި އިންދާ ހައްދާ އެއްވެސް ބާވަތެއްގެ ތަރުކާރީ، މޭވާ ނުވަތަ ގޮވާމުގެ ބާވަތަކާއި، އަދި ރާއްޖޭގެ އަމިއްލަ އުފެއްދުންތައް (ލޯކަލް ވިޔަފާރި) ވިއްކަން ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމަށް ހުށަހަޅާ އިރު އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ އެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

(3) ދާންދޫގެ މަގުމަތީގައި ނުވަތަ ޢާންމު ތަނެއްގައި ރަށުން ބޭރު މީހުން ވަގުތީގޮތުން ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ތަނެއްގައި އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ހުއްދަދެވޭނީ ދުވަހަކަށް 500.00ރުފިޔާގެ ފީއެއް އަދި ލޯކަލް ވިޔަފާރި ކުރާ ފަރާތްތަކަށް ދުވަހަކަށް 50.00ރުފިޔާގެ ފީއެއް ދާންދޫ ކައުންސިލަށް ދެއްކުމުންނެވެ. އަދި މީގެ އިތުރުން މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކުން ބާއްވާ ޕްރޮމޯޝަންތަކާއި ވިޔަފާރިތަކާއި ގުޅިގެން މަގުތަމީގައި ހިންގާ ވިޔަފާރި ހަރަކާތްތަކަށް ހުއްދަ ދެވޭނީ ދާންދޫ ކައުންސިލް އަށް ދުވަހަކަށް 800.00ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(4) ދާންދޫގެ މަގުމަތީގައި ނުވަތަ ޢާންމު ތަނެއްގައި ރަށުގެ ވިޔަފާރިވެރިން އެމީހުންގެ އަމިއްލަ ވިޔަފާރި ވަގުތީގޮތުން ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ތަނެއްގައި އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ހުއްދަދެވޭނީ ދުވަހަކަށް 100.00ރުފިޔާގެ ފީއެއް އަދި ލޯކަލް ވިޔަފާރި ކުރާ ފަރާތްތަކަށް ދުވަހަކަށް 25.00ރުފިޔާގެ ފީއެއް ދާންދޫ ކައުންސިލަށް ދެއްކުމުންނެވެ.

 

(4) މި އުޞޫލުގެ ދަށުން ވިޔަފާރި ކުރާ ސަރަހައްދު ކަނޑައެޅޭނީ ވިޔަފާރި ކުރާ ފަރާތާއި މަޝްވަރާކުރުމަށްފަހު މަގުގައި ހިގައިބިގާވާ މީހުންނާއި އެއްގަމުގައި ދުއްވާ އެއްޗިއްސަށް ދަތި ނުވާގޮތަށް، ދާންދޫ ކައުންސިލް އިންނެވެ. މިއުޞޫލުގެ ދަށުން ކުރެވޭ ވިޔަފާރީގެ މުޢާމަލާތާއި ގުޅިގެން ސަރަހައްދަށް އެޅޭ ކުނިބުނިތައް ނަގައި ސާފުތާހިރު ކުރުމަކީ އެވިޔަފާރިކުރާ ފަރާތުގެ ޒިންމާއެކެވެ.

 

އިސްތިސްނާ ފަރާތްތައް: 5

ސަރުކާރުގެ މުއައްސަސާތަކުން ރާވާ ހިންގާ ހަރަކާތްތަކާއި، ދާންދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމުޢިއްޔާ ޖަމާޢަތްތަކުން ރާވާ ހިންގާ ވިޔަފާރި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައިވެސް މިއުޞޫލުގެ ދަށުން ހުއްދަ ހޯދަންވާނެއެވެ. ނަމަވެސް ކައުންސިލަށް އެފަދަ ފަރާތްތަކުން ފީއެއް ނުނަގާނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ހިންގޭ ވިޔަފާރި ހަރަކާތްތަކުން އެފަރާތްތަކަށް ކަނޑައެޅޭ ފީއެއް އެފަރާތަކުން ނެގުމަކަށް މި އުޞޫލު ހުރައެއް ނާޅައެވެ. މިފަދަ ހަރަކާތްތައް ހިންގަންވާނީ މަގުގައި ހިގައިބިގައި އުޅޭމީހުންނަށް ދަތިނުވާގޮތަށެވެ. މިފަދަ ހަރަކާތެއްގެ ތެރެއިން ދިމާވާ އެންމެހާ ކަންކަމުގެ ފުރިހަމަ ޒިންމާ އެފަރާތަކުން އުފުލަންވާންވާނެއެވެ.

 

ވިޔަފާރި ކުރުމުގެ ވަގުތު:6

މި އުޞޫލުގެ ދަށުން މަގުމަތީގައި ދާއިމީ ނުވަތަ ވަގުތީ ގޮތެއްގައިވެސް ވިޔަފާރި ކުރެވޭނީ، ހުކުރުދުވަސްތައް ފިޔަވައި އެހެންދުވަސްތަކުގައި ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އަށެވެ. އަދި ހުކުރުދުވަހު މެންދުރު 11:00 އިން ފެށިގެން 13:30 އާއި ދެމެދު ވިޔަފާރި ކުރުމަކީ މަނާކަމެކެވެ.

 

އުޞޫލާއި ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅު:7

(1) މި އުޞޫލާއި ޚިލާފުވާ ފަރާތްތަކާއިމެދު އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި ފުރަތަމަ ފަހަރަށް ނަޞީޙަތް ދިނުމަށްފަހުގައި މި އުޞޫލާއި ޚިލާފަށް ކުރާ ކުށްތަކުރާރުކޮށްފި ނަމަ އެކުރި ކަމެއް އިސްލާޙު ކުރުމަށް އެންގުމާއެކު ފުރަތަމަ ފަހަރު 500.00ރ އިން ޖޫރިމަނާ ކުރުން، ދެވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 1000.00ރ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 3000.00ރ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000.00ރ އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ދާންދޫ ކައުންސިލް އަށް ލިބިގެން ވެއެވެ.

 

ޖޫރިމަނާ ފައިސާ ބަލައިގަތުން:8

(1) މި އުޞޫލާއި އަދި މަގުމަތީގައި ގާޑިއާ ނުވަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއިބެހޭ ޤަޥާޢިދާއި ޚިލާފުވެގެން ނެގޭ އެންމެހާ ޖޫރިމަނާފައިސާ ދައްކާނީ ދާންދޫ ކައުންސިލްގެ އިދާރާއަށެވެ. ޖޫރިމަނާ ފައިސާ ދާންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމަށް ފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.

 

(2) ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާ ދުވަހުން ފެށިގެން ރަސްމީ 7ދުވަހެވެ.

(3) އެއްވެސް ފަރާތަކަށް، ޖޫރިމަނާ ކޮށް ޗިޓު ހަވާލުކޮށްފިނަމަ ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިއްޓުގެ އަސްލު ހަވާލުކުރުމަށް ފަހު ޗިޓުގެ 1 ކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ހަވާލުކުރަން ވާނެއެވެ. އަދި އަނެއްކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.

 

(4) ޖޫރިމަނާ ޗިޓު އޮންނާނީ މި އުޞޫލުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ނަމޫނާއާއި އެއްގޮތަށެވެ.

 

ޝަރީޢަތުން ބަދަލު ހޯދުން: 9

މި އުޞޫލާއި ޤަޥާޢިދާއި ޚިލާފުވެގެން ޖޫރިމަނާ ޗިޓް ލިބިފައިވާ ފަރާތުން ދާންދޫ ކައުންސިލަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، އެއްވެސް ޙާލަތެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ކޯޓްގައި ދައުވާކޮށްގެން އެ ފައިސާ ދާންދޫ ކައުންސިލުން އެމީހެއްގެ އަތުން އެއްފަހަރާހޯދޭނެއެވެ.

 

އުޞޫލާއި އެއްގޮތަށް ޢަމަލުކުރުން: 10

ދާންދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ މި އުޞޫލު ބާޠިލު ނުކުރާހާ ހިނދަކު މި އުޞޫލާއި އެއްގޮތަށް މި އުޞޫލާއި ޤަވާޢިދު ތަންފީޒް ކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން ނަންބަރ: 2014/R-246 ޤަޥާޢިދުގެ ދަށުންދާންދޫ ކައުންސިލުގެ މައްޗަށް ލާޒިމުކުރެއެވެ.

 

އުޞޫލަށް ބަދަލު ގެނައުން: 11

މި އުޞޫލަށް ބަދަލު ގެނެވޭނީ ދާންދޫ ކައުންސިލުން ކަނޑައަޅާ ޤަވާޢިދު ކޮމިޓީ އިން ދިރާސާކޮށް ގެންނަންޖެހޭ ބަދަލެއް ދާންދޫ ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

 

 

20 އޮގަސްޓް 2017