ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް
1. ޖަލްސާގެ ދަޢުވަތު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. ކުންފުނީގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 މެއި 30 ވާ އަންގާރަ ދުވަހުގެ ރޭ 10:00 ގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައެވެ.
2. ޖަލްސާގެ އެޖެންޑާ
- ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށްޓުން.
- ޗެއާމަންގެ މެސެޖް އިއްވުން.
- އެޖެންޑާ އައިޓަމްތަކުގެ ތަފްޞީލް ހުށަހެޅުން.
- ފާއިތުވި އަހަރު އެސްޓީއޯގެ ޕަރފޯމަންސް ހުށަހެޅުން.
- ޙިއްޞާދާރުންގެ އޮންލައިން ޕޯޓަލް އިފްތިތާޙްކުރުން.
- ފާސްކުރަން ހުށަހަޅާ އެޖެންޑާ އައިޓަމްތަކަށް ވޯޓަށް އެހުން؛
6.1 2016 ޖޫން 04 ގައި ބޭއްވި މިކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ.
6.2 2016 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް.
6.3 2016 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް.
6.4 ޑިރެކްޓަރުންގެ ބޯޑުން ޙިއްޞާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ.
6.5 2017 ވަނަ އަހަރަށް އައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ އެފަރާތުގެ އުޖޫރަ ކަނޑައެޅުން.
7. ކުރިޔަށް އޮތް އަހަރަށް ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން.
8. ޙިއްޞާދާރުންގެ ޚިޔާލުފާޅުކުރުން.
9. ޖަލްސާ ނިންމުން.
3. ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް
ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 2017 އޭޕްރިލް 30 ގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
4. "އަހަރީ ޢާންމު ޖަލްސާ 2016 އަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމް"
އަހަރީ ޢާންމު ޖަލްސާއަށް ޙާޟިރުވެ ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް "އަހަރީ ޢާންމު ޖަލްސާ 2016 އަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމު" މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިފޯމު ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
5. ޖަލްސާއަށް ރަޖިސްޓަރކުރުން
ޖަލްސާއަށް ޙާޟިރުވާން ބޭނުންފުޅުވާ ޙިއްޞާދާރުން 2017 މެއި 25 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ކުންފުނީގެ ވެބްސައިޓް www.sto.mv ގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ރަޖިސްޓްރޭޝަން ފޯމު [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3344533 ނަންބަރަށް ފެކްސް ކުރައްވައިގެން ނުވަތަ މިކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓްރީ ކުރެވިދާނެއެވެ. ރަޖިސްޓްރީކުރައްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުއްވުމަށް ހަދުމަކޮށްދެމެވެ.
އަހަރީ ޢާންމު ޖަލްސާ އަދި ރަޖިސްޓްރީ ކުރުމާގުޅޭ އިތުރު މަޢުލޫމާތު "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2016" ގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާނެއެވެ.
6. ޕްރޮކްސީ ހުށަހެޅުން
ޙިއްޞާދާރެއްގެ ބަދަލުގައި ޖަލްސާއަށް އެހެން ފަރާތެއް ފޮނުއްވަން ބޭނުންފުޅުވާނަ، "އަހަރީ ޢާންމު ޖަލްސާ 2016 އަށް ރަޖިސްޓަރކުމަށް އެދޭ ފޯމު" މެދުވެރިކޮށް 2017 މެއި 29 ވާ ހޯމަ ދުވަހުގެ ރޭ 10:00 ގެ ކުރިން ރަޖިސްޓަރކުރެއްވުން އެދެމެވެ. އެހެންނަމަވެސް، އިދާރީ ކަންކަމަށް ފަސޭހަ ކުރުމަށްޓަކައި 2017 މެއި 28 ވާ އާދިއްތަ ދުވަހުގެ ރޭ 10:00 ގެ ކުރިން ފޯމު ހުށަހެޅުއްވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.
"އަހަރީ ޢާންމު ޖަލްސާ 2016 އަށް ރަޖިސްޓަރކުމަށް އެދޭ ފޯމު" ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. މި ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3344533 ނަންބަރަށް ފެކްސް ކުރައްވައިގެން ނުވަތަ ކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް ހުށަހަޅުއްވައިގެން ރަޖިސްޓްރީކުރެވިދާނެއެވެ. ރަޖިސްޓްރީކުރައްވާއިރު ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުއްވުމަށް ހަދުމަކޮށްދެމެވެ.
ކުންފުނީގެ ހިންގާ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުން، ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެމްބަރުންގެ ޕްރޮކްސީއެވެ. ޕްރޮކްސީ އައްޔަނުކުރުމާގުޅޭ އިތުރު މަޢުލޫމާތު މިކުންފުނީގެ "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2016" ގައި ބަޔާންކޮށްފައިވާނެއެވެ.
7. ޕްރޮކްސީ ބާޠިލްކުރުން ނުވަތަ ކެންސަލްކުރުން
ޕްރޮކްސީ ބާޠިލްކުރައްވަން ބޭނުންފުޅުވާ ޙިއްޞާދާރުން 2017 މޭ 30 ވާ އަންގާރަ ދުވަހުގެ ރޭ 09:00 ގެ ކުރިން "ޕްރޮކްސީ ބާޠިލްކުރަން އެދޭ ފޯމު" މެދުވެރިކޮށް [email protected] އީމެއިލް އެޑްރެހަށް އަންގަވަން ވާނެއެވެ.
އިތުރު މަޢުލޫމާތު މިކުންފުނީގެ "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2016" ގައި ބަޔާންކޮށްފައިވާނެއެވެ.
8. ޙާޟިރީ މާކުކުރުން
ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ހާޟިރީ މާކުކުރުމަށް ހަމަޖެހިފައިވަނީ 2017 މޭ 30 ވާ އަންގާރަ ދުވަހުގެ ރޭ 09:00 އިން އެ ރޭގެ 09:45 އަށް ދަރުބާރުގެ ބިއްލޫރި މާލަމުގައެވެ.
ހާޟިރީ މާކުކުރުމަށް ވަޑައިގަންނަވާއިރު، ރެޖިސްޓްރޭޝަންގައި ހަވާލުކުރެވޭ އެޑްމިޝަން ކާޑު އަދި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
ޖަލްސާގައި ބައިވެރިވެވޭނީ މިދެންނެވި ސުންމިނެޓްގެ ކުރިން ޙާޟިރީ މާކުކުރައްވާ ފަރާތްތަކަށެވެ.
9. ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2016
މިފޮތް ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިފޮތް ކޮންމެ ޙިއްޞާދާރަކުވެސް ކިޔުއްވުމަށް އިލްތިމާސްކުރަމެވެ.
10. 2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ
2016 ޖޫން 04 ވަނަ ދުވަހު ބޭއްވުނު ކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު 2017 އޭޕްރީލް 13 ވީ ބުރާސްފަތި ދުވަހު މިކުންފުނީގެ ނަންބަރު 60-އޭޑީއެމް/92/2017 އިޢުލާނުން ވާނީ ހުޅުވާލެވިފައެވެ.
އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު 2017 މެއި 14 ވާ އާދިއްތަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހަމަވާނެއެވެ. ޔައުމިއްޔާއަށް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.
11. 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
މިކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް 2017 އޭޕްރީލް 30 ވީ އާދިއްތަ ދުވަހު ކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކުރެވިފައެވެ.
މިރިޕޯޓް ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
12. ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން ޢައްޔަންކުރުން
ކުރިޔަށް އޮތް އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރައްވާފައިވާ ފަރާތްތަކަކީ؛
- އަލްފާޟިލް ޙުސެއިން ސާލިމް މުޙައްމަދު / ދަފްތަރު ނަންބަރު ރސ 7483
- އަލްފާޟިލް އަޙްމަދު ޝަހީރު / މ. ލާލްބާޣު
- އަލްފާޟިލް މުޙައްމަދު މިހާދު / ފިނޮޅު، ހއ. ކެލާ
- އަލްފާޟިލް ޢާމިރު މަންޞޫރު / މއ. މަނަސް
- އަލްފާޟިލާ ޢާއިޝަތު ރަފިއްޔާ / މ.ވޭވިންގ ލައިޓް
- އަލްފާޟިލާ ޢާއިޝަތު ރަޔާޙީން ޝަރީފް / މުޝްތަރީގެ، ގދ. ތިނަދޫ
ކުރިޔަށް އޮތް ދައުރަށް، ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޙާބުކުރާ ޑިރެކްޓަރުކަމަށް 3 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. މިފަރާތްތައް ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު، ނިންމަވާފައިވަނީ މިމަޤާމަށް ކުރިމަތިލެއްވި 3 ބޭފުޅުންވެސް އަހަރީ ޢާންމު ޖަލްސާގައި ވާދަކުރުމަށް ޝަރުތު ހަމަވާކަމަށެވެ. މިމަޤާމަށް ކުރިމަތިލައްވާ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަކީ؛
- އަލްފާޟިލް މުޙައްމަދު ފަރުޞަތު / ހ.ޓޫހަރޓްސް
- އަލްފާޟިލް އަޙްމަދު އަބޫބަކުރު / ދަފްތަރު ނަންބަރު 95-698
- އަލްފާޟިލާ ޢާއިޝަތު ފަޒީނާ / ބިލަތްމާގެ، ގދ.ގައްދޫ
މިފަރާތްތަކުގެ ވަނަވަރު، "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2016" ގައި ހިމެނިފައިވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްގައި ފެންނަން ހުންނާނެއެވެ
12. 2016 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބަހަން ހުށަހަޅާ ޢަދަދު
ކުންފުނީގެ 2016 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބަހަން ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ ޙިއްޞާއަކަށް 51.00ރ (ފަންސާސް އެކެއް) ރުފިޔާ އެވެ.
13. 2016 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު
2017 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފާރމްތަކުން އަގު ހޯދިފައިވެއެވެ. މިފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތަކަކީ؛
އޮޑިޓް ފާރމް |
ހުށަހެޅުއްވި އަގު ޔޫއެސް ޑޮލަރުން |
ފާއިތުވި އަހަރު ކުންފުންޏާއެކު މަސައްކަތެއް ކުރައްވާފައިވާނަމަ އެކަން |
ކޭޕީއެމްޖީ |
45,580.00 |
ފާއިތުވި އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން |
ޕްރައިސްވޯޓަރހައުސްކޫޕަރސް |
50,350.00 |
|
އަރނެސްޓް އެންޑް ޔަންގު |
51,410.00 |
މިފްކޯގެ ޑިއު ޑިލިޖެންސް އަދި ވެލުއޭޝަން ހެދުން |
މިފަރާތްތަކުގެ ތެެރެއިން 2017 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާ ފަރާތަކީ ކޭޕީއެމްޖީއެވެ.
14. އަހަރީ ޢާންމު ޖަލްސާގައި ވޯޓު ދިނުން
ކުންފުނީގެ ހިންގާ ޤަވާޢިދުގެ 45 ވަނަ މައްދާގެ (ށ) ގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓުދޭނަމަ، ކޮންމެ މެމްބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ.
ކުންފުނީގެ ރައުސްމާލުގެ ޙިއްޞާގެ ތަމްޘީލްކުރާ މެމްބަރުން އެދިއްޖެނަމަ ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެމެމްބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ދެވޭނެއެވެ.
ކުންފުނީގެ ހިންގާ ޤަވާޢިދުގެ 46 ވަނަ މާއްދާގައިވާގޮތުގެ މަތީން، ވޯޓު އެއްވަރު ވެއްޖެނަމަ، މެމްބަރެއްގެ ޙައިޘިއްޔަތުން ޗެއާމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާމަންއަށް ދެވިދާނެއެވެ.
އަދި، 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެމަތިން މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ޞައްޙަކައިމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.
ވޯޓާއިބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ "ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2016" ގައި ބަޔާންކުރެވިފައިވާނެއެވެ. ހަމަމިއާއެކު، ވޯޓާބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.
2018-2017 ވަނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މިމަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ފަރާތްތަކާބެހޭ މަޢުލޫމާތު
2018-2017 ވަނަ އަހަރަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 3 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. 2017 އޭޕްރީލް 03 ގައި ހުޅުވާލެވުނު މިފުރުޞަތު ހަމަވީ 2017 އޭޕްރީލް 25 އަށެވެ.
މިމަޤާމަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތައް ކުންފުނީގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ވަޒަންކުރެއްވުމަށްފަހު، ނަން ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތަކީވެސް މިމަޤާމަށް އިންތިޙާބްކުރުމަށް ޤާބިލް ފަރާތްތަކެއްކަމަށް ބޯޑުން ވަނީ ފާސްކުރައްވާފައެވެ.
އެގޮތުން މިފަރާތްތަކާބެހޭ މަޢުލޫމާތު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 1.3 (e) ގެ ދަށުން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
ކެނޑިޑޭޓް ނަންބަރު 1 – އަލްފާޟިލް މުޙައްމަދު ފަރުޞަތު / ހ.ޓޫހާރޓްސް
ތަޢުލީމީ ފެންވަރު
- އެގްޒެކެޓިވް ޑިޕްލޮމާ އިން ޑައިރެކްޓަރޝިޕް - ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ، ސިންގަޕޯރ (2015)
- ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ސަރޓިފިކޭޓް - އިންްސްޓިޓިއުޓް އޮފް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް، ދިވެހިރާއްޖެ (2014)
- މާސްޓަރސް އިން ޓޫރިޒަމް މެނޭޖްމަންޓު – ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ، ޔޫކޭ (2006)
- ބީއޭ (އޮނާސް) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން - ޔުނިވަރސިޓީ އޮފް ނޮދަމްބްރިއާ، ޔޫކޭ (2005)
- ޑިޕްލޮމާ އޮފް ހަޔަރ އެޑިއުކޭޝަން – މިޑަލްސެކްސް ޔުނިވަރސިޓީ، ޔޫކޭ (2004)
- ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ – ޔުނިވަރސިޓީ އޮފް ވޮލޮންގޮންގ، އޮސްޓްރޭލިޔާ (2001)
މީގެ އިތުރުން އޭނާ ވަނީ ސަރުކާރު އަދި ޕްރައިވެޓް ކުންފުނިތަކުގެ އިސް މަޤާމްތައް ފުރުއްވާ، ޕަބްލިކް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރކަން އަދި ޑިރެކްޓަރުންގެ ބޯޑުގެ ކޮމިޓީތަކުގެ ޗެއަރމަންކަން ކުރައްވާފައެވެ.
ތަޖުރިބާ
- މިހާރު ވަޒީފާ އަދާކުރައްވަމުން ދަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމް ގައި
- 2016 އިން ފެށިގެން ގްލެކްޓިކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު އަންނަނީ ފުރުއްވަމުން
- 2016-2012 އެސްޓީއޯގެ ބޯޑު ޑިރެކްޓަރކަން އަދާކުރައްވާފައިވޭ
- 2012-2011 އަށް އަދި 2015 އިން އަދާ ހަމައަށް އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރކަން ދަނީ އަދާކުރައްވަމުން
- 2013-2009 ވަނަ އަހަރަށް ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރކަން އަދި ފައިނޭންޝަލް ކޮންޓްރޯލަރކަން އަދާކުރައްވާފައިވޭ
- 2009-2006 އަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިިލް އޭވިއޭޝަންގައި އެސިސްޓަންޓް ޑައިރެކްޓަރގެ މަޤާމް އަދާކުރައްވާފައިވޭ
އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން
އެފަދަކަމެއް ނެތް
ފާއިތުވި 10 އަހަރުގެ ތެރޭގައި ކެނޑިޑޭޓާމެދު ޤާނޫނީ ނުވަތަ އަޙްލާޤީ ފިޔަވަޅެއް އެޅިފައިވާނަމަ އެކަން
ނެތް
އެސްޓީއޯގައިވާ ޙިއްޞާގެ ޢަދަދު
50 ޙިއްޞާ
ކެނޑިޑޭޓް ނަންބަރު 2 – އަލްފާޟިލް އަޙްމަދު އަބޫބަކުރު / ދަފްތަރު ނަންބަރު 95-698
ތަޢުލީމީ ފެންވަރު
- ސެކަންޑަރީ ލެވަލް ސްކޫލް ނިންމަވާފައި
- އެގްޒެކެޓިވް ޑިޕްލޮމާ އިން ޑައިރެކްޓަރޝިޕްގެ ބައެއް މޮޑިއުލް ވަނީ ފުރިހަމަކުރައްވާފައި - ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ، ސިންގަޕޯރ
- ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ސަރޓިފިކޭޓް - އިންްސްޓިޓިއުޓް އޮފް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް، ދިވެހިރާއްޖެ (2013)
ތަޖުރިބާ
- މިހާރު އަދާކުރައްވަމުން ދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ މަޤާމް
- 1997 އިން މިހާތަނަށް ޑެނިކޮން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕވޓ ލޓޑ ގެ ޑިރެކްޓަރެއް
- 2001 އިން މިހާތަނަށް ޑައިނަމިކް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރކަން
- 2011 އިން މިއަދާއި ހަމަޔަށް ޔޫ ޓުއަރސް މޯލްޑިވްސް ޕވޓ ލޑޓ ގެ މެނޭޖިންގ ޑިރެކްޓަރކަން
- 2012 އިން 2013 އަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕލކ ގެ ބޯޑު ޑިރެކްޓަރކަން އަދާކުރައްވާފައިވޭ
މީގެ އިތުރުން އޭނާ ވަނީ މެނޭޖްމަންޓް އަދި އެކައުންޓިންގެ އިސް ވަޒީފާތަކުގައި 33 އަހަރަށް ވުރެ ގިނަ ދުވަސް ޚިދުމަތް ކުރައްވާފައެވެ.
އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން
އެފަދަކަމެއް ނެތް
ފާއިތުވި 10 އަހަރުގެ ތެރޭގައި ކެނޑިޑޭޓާމެދު ޤާނޫނީ ނުވަތަ އަޙްލާޤީ ފިޔަވަޅެއް އެޅިފައިވާނަމަ އެކަން
ނެތް
އެސްޓީއޯގައިވާ ޙިއްޞާގެ ޢަދަދު
17 ޙިއްޞާ
ކެނޑިޑޭޓް ނަންބަރު 3 – އަލްފާޟިލާ ޢާއިޝަތު ފަޒީނާ / ބިތަލްމާގެ، ގދ. ގައްދޫ
ތަޢުލީމީ ފެންވަރު
- އޭސީސީއޭ ސީއޭޓީ (2006) ފުރިހަމަކުރައްވާފައި
- ބެޗެލަރ އޮފް ސައެންސް އިން އެޕްލައިޑް އެކައުންޓިންގ - އޮކްސްފޯރޑް ބުރޫކްސް ޔުނިވަރސިޓީއިން ފުރިހަމަކުރައްވާފައި (2009)
- އޭސީސީއޭ އެފްލިއޭޓް (2014 އިން ފެށިގެން)
ތަޖުރިބާ
- މިވަގުތު ވަޒީފާއެއްގައި ނުއުޅުއްވާ
- 2015 އިން 2016 އަށް މެޕްސް ކޮލެޖްގައި ވިޒިޓިންގ ލެކްޗަރަރއެއް
- 2011 އިން 2012 އަށް ވިލާ ކޮލެޖްގައި ވިޒިޓިންގ ލެކްޗަރަރއެއް
- 2009 އިން 2011 އަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ޕްރޮޖެކްޓް އޮފިސަރއެއް
- 2007 އިން 2009 އަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އެއް
- 2004 އިން 2007 އަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ޕްރޮޖެކްޓް އޮފިސަރ ޓްރެއިންގ އެއް
އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން
އެފަދަކަމެއް ނެތް
ފާއިތުވި 10 އަހަރުގެ ތެރޭގައި ކެނޑިޑޭޓާމެދު ޤާނޫނީ ނުވަތަ އަޙްލާޤީ ފިޔަވަޅެއް އެޅިފައިވާނަމަ އެކަން
ނެތް
އެސްޓީއޯގައިވާ ޙިއްޞާގެ ޢަދަދު
1 ޙިއްޞާ
ސަރުކާރުގެ ފަރާތުން ބޯޑަށް ޢައްޔަންކުރައްވާފައިވާ އެއްވެސް ބޭފުޅަކަށް ބަދަލެއް ނާންނަކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުންފުންޏަށްވަނީ އަންގަވާފައެވެ. ބޯޑުގައި ސަރުކާރު ތަމްޘީލްކުރައްވާ މެމްބަރުންގެ ވަނަވަރު އަހަރީ ރިޕޯޓް 2016، ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2016 ގައި ހިމެނިފައިވާނެ އަދި ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ވީމާ މިކަންކަން ކުންފުނީގެ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އެންގީމެވެ.
09 މޭ 2017