ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-D/30/2017/45
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:40
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

ނަންބަރު: IUL)30-D/30/2017/45)        

 

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

 

ސިޓީ ހުށަހެޅުމުގެ ދަޢުވަތު

 

ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 100 މޭލު ފާހަގަކޮށް، އެ އިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ  ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައާއި އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި (އެއްވެސް ޤައުމެއްގެ އިޚްތިޞާޞް ތެރޭގައި ނުހިމެނޭ ސަރަޙައްދުގެ ތެރޭގައި) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް މި މިނިސްޓްރީގެ ފަރާތުން ދަޢުވަތު އަރުވަމެވެ. އިސްވެ ދެންނެވުނު ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ [ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދު] އާއި [ބޭރުކަނޑުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރުމުގެ އުޞޫލު]ގެ ދަށުންނެވެ. މިގަވާއިދު އަދި އުޞޫލު މިނިސްޓްރީގެ ވެބްސައިޓް (www.fishargi.gov.mv) އިން ލިބިވަޑައި ގަންނަވާނެއެވެ.

 

ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދު

 

2017 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2018 ވަނަ އަހަރުގެ މެއި 31 ގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައި ވަނީ  200'14 (ސާދަހާސް ދުއިސައްތަ) މެޓްރިކް ޓަނުގެ ކޯޓާއެވެ. ކޯޓާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން މިއަދަދަށްވުރެ ގިނައިން ކޯޓާއަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުޞޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ.

 

ކޯޓާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިއެކިއުންތައް

 

ކޯޓާއަށް އެދިލައްވާ ފަރާތްތަކުން ކޯޓާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތަކުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

  1. ކޯޓާއަށް އެދި ހުށަހަޅުއްވާ ސިޓީ

-       ސިޓީ ހުށަހަޅުއްވާ ފަރާތުން ލޭނު މަސްވެރިކަމަށް ނެރުމަށް ގަސްދުކުރާ އުޅަނދުގެ އަދަދާއި އެއުޅަނދަކުން އަހަރެއްގެ މައްޗަށް ބޭނޭނެ ކަމަށް އަންދާޒާކުރާ މިންވަރު އަދި ކޯޓާގެ ގޮތުގައި އެކުންފުނީގެ ހުރިހާ އުޅަނދަކަށް އެއްކޮށް ބޭނުންވާ މިންވަރު މެޓްރިކް ޓަނުން ސާފުކޮށް ޖައްސަވަން ވާނެއެވެ.

-       ކޯޓާގެ ދަށުން ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ހިމެނޭނެ ނިސްބަތް (އިން ސައްތައިން) ސިޓީގައި ބަޔާން ކުރަންވާނެއެވެ. އިސްވެ ދެންނެވުނު ލޭނު މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ލޭނު މަސްވެރިކަމުގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ އެންމެ މަތީ ނިސްބަތަކީ އެއުޅަނދެއްގައި ޙަރަކާތްތެރިވާ ޖުމުލަ ފަޅުވެރިންގެ 80 އިން ސައްތައެވެ. ނަމަވެސް މިމާއްދާގެ ދަށުން މި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިތުރު ފީއަކާ އެކު ލޭނުމަސްވެރިކަން ކުރާ އުޅަނދުގައި ބިދޭސީން ގެންގުޅުމުގެ ނިސްބަތް 90 އިން ސައްތައަށް އިތުރު ކުރެވިދާނެއެވެ.

  1. ކޯޓާއަށް އެދި ހުށަހަޅުއްވަނީ ދިވެހި ފަރުދެއްނަމަ އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ކޯޓާއަށް އެދި ހުށަހަޅަނީ ޕާޓްނަރޝިޕަކުންނަމަ، އެޕާޓްނަރޝިޕެއްގެ ރަޖިސްޓްރީ އާއި ޕާޓްނަރޝިޕް އެއްބަސްވުން އަދި ހުރިހާ ބައިވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓްގެ ކޮޕީ، އަދި ޕާޓްނަރޝިޕްގެ މަޤްޞަދުތަކުގެ ތެރޭގައި ލޭނު މަސްވެރިކަމުގައި ސިނާޢާތުގައި ޙަރަކާތްތެރިވުން ހިމެނިފައި އޮންނަން ވާނެއެވެ.
  3. ކޯޓާއަށް އެދި ހުށަހަޅަނީ ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރަޖިސްޓްރީއާ ކުންފުނީގެ އަސާސީ ގަވާއިދު އަދި އެވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުން އެނގޭނެހެން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއިން ދޫކޮށްފައިވާ ލިއުމަކާއި ހުރިހާ ހިއްސާދާރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯރޓްގެ ކޮޕީ، ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި މަސްވެރިކަމުގައި ސިނާޢަތުގައި ޙަރަކާތްތެރިވުން ހިމެނިފައި އޮންނަން ވާނެއެވެ.

 

ކޯޓާއަށް އެދި ހުށަހެޅުން

 

ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 15 މެއި 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ނަމަވެސް މިމުއްދަތުގައި ކޯޓާއަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 14,200  މެޓްރިކް ޓަނަށް ވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 31 މެއި 2018 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައި ވެއެވެ.

މިގޮތުން ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި [ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި] ޖައްސަވަން ވާނެއެވެ. ސިޓީ އެޑްރެސް ކުރައްވާނީ ތިރީގައިވާ ގޮތަށެވެ.

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ،

ވެލާނާގެ، 7 ވަނަ ފަންގިފިލާ، އަމީރުއަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

 

މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މިމިނިސްޓްރީގެ 3339252 ނުވަތަ 3339294 ނަންބަރު ފޯނަށެވެ.

 

6 ޝައުބާން 1438

2 މެއި 2017

02 މޭ 2017