ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:29
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރަޖިސްޓްރަރއާއި ގުޅޭ ގަވާއިދު

 

ތަޢާރުފާއި ނަން

1.

(ހ)

މިއީ، ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 84 ވަނަ މާއްދާގެ (ނ) ގެ ދަށުން، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރާރަކު ހުންނާންޖެހޭތީވެ، އެ ކައުންސިލަށް ރަޖިސްޓްރާރަކު ޢައްޔަންކުރުމާއި، ވަކިކުރުމާއި، އޭނާގެ ޒިންމާއާގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި، އިސްވެ ބަޔާންކުރެވުނު ޤާނޫނުގެ 98 ވަނަ މާއްދާގެ(ހ) ގެ 03 ވަނަ ނަންބަރުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

 

 

 

(ށ)

މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރަޖިސްޓްރާރ އާއި ގުޅޭ ގަވާއިދު" މިހެންނެވެ.

 

ރަޖިސްޓްރާރއަކު ޢައްޔަން ކުރުން

2.

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރަޖިސްޓްރާރު ޢައްޔަންކުރާނީ ކައުންސިލުންނެވެ.  އެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ޢާންމު އިޢުލާނެއްކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އެ މަޤާމަށް އެންމެ ޤާބިލު  ކައުންސިލުން ކަނޑައަޅާ ފަރާތެކެވެ.

 

ރަޖިސްޓްރާރުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

3.

(ހ)

ކައުންސިލްގެ ރަޖިސްޓްރާރުގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.

 

 

 

(1)

ދިވެހި ރައްޔިތެއް ކަމުގައިވުން؛

 

 

 

 

(2)

ކައުންސިލުގެ ރަޖިސްޓްރާރުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން؛

 

 

 

 

(3)

އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

 

 

 

 

(4)

ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

 

 

 

 

 

(5)

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން؛

 

 

 

 

(6)

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛

 

 

 

 

(7)

ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛

 

 

 

 

(8)

ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛

 

 

 

 

(9)

ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން؛

 

 

 

 

(10)

ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން؛

 

 

 

 

(11)

ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައިނުވުން.

 

މަޤާމުގެ ޝަރުޠު

4.

ކައުންސިލްގެ ރަޖިސްޓްރާރގެ މަޤާމަށް އައްޔަންކުރެވޭ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން މެނޭޖްމަންޓް ނުވަތަ  އެލައިޑް ހެލްތްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވުމާއެކު، މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވާންވާނެއެވެ.

 

މަޤާމުގެ މުއްދަތު

5.

ރަޖިސްޓްރާރުގެ ދައުރުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. އަދި ދައުރު ހަމަވުމާއެކު، އެ މަޤާމަށް އިޢުލާނުކޮށްގެން އެހެން ފަރާތެއް ނެގުން ނުވަތަ އިޢުލާނުކުރުމަކާނުލައި ރަޖިސްޓްރާރުގެ މަޤާމުގައި ހުރި ފަރާތް އިތުރު ދައުރަކަށް ޢައްޔަންކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ރަޖިސްޓްރާރުގެ މަޤާމަށް އައްޔަންކުރެވޭ އެއްވެސް ފަރާތަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް 02 (ދޭއް) ދައުރަށްވުރެ ގިނަ  ދައުރު ރަޖިސްޓްރާރުގެ މަޤާމެއް ނުފުރޭނެއެވެ.

މުސާރައާއި ޢިނާޔަތްތައް

6.

ރަޖިސްޓްރާރުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެ މަތިން މިނިސްޓްރީ އޮފް ހެލްތުންނެވެ.

 

ހާޒިރީ އަދި ސަލާމާއި ޗުއްޓީ

7

ރަޖިސްޓރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއެވެ. މަސައްކަތައް ހާޞިރުވުމާއި ގަޑިޖެހުމާއި، އިތުރުގަޑީގައި މަސައްކަތްކުރުމާއި، ސަލާމްބުނުމާއި، ޗުއްޓީނެގުންފަދަ ކަންކަމުގައި ޢަމަލުކުރާނީ ރަޖިސްޓްރާރުގެ ވަޒީފާގެ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިންނެވެ. ސަލާމާއި ޗުއްޓީ ނެގުމުގައި، ކައުންސިލްގެ މަސައްކަތައް ބުރުނާރާނެ ގޮތަކަށް ސަލާމާއި ޗުއްޓީ ނެގުމަށް ރަޖިސްޓްރާރު މަސައްކަތް ކުރަންވާނެއެވެ.

ކައުންސިލް އިދާރީ ގޮތުން ހިންގުން

8.

ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތީން ކައުންސިލް އިދާރީގޮތުން ހިންގާނީ ރަޖިސްޓްރާރެވެ. އަދި ކައުންސިލް ހިންގުމުގައި ރަޖިސްޓްރާރު ޖަވާބުދާރީ ވާންވާނީ ކައުންސިލަށާއި، ކައުންސިލްގެ ރައީސަށް ނުވަތަ އެއިރަކު ކައުންސިލާ ޙަވާލުވެހުރި ފަރާތަކަށެވެ.

 

ޒިންމާއާއި މަސްއޫލިއްޔަތުތައް

9.

ކައުންސިލުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

 

 

 

(1)

ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛

 

 

 

(2)

ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތަކާއި ރެކޯޑުތައް ބެލެހެއްޓުން؛

 

 

 

(3)

ކައުންސިލުގެ އިޚްތިޞާޞް ހިނގާ ދާއިރާގެ މަސައްކަތްތެރިންގެ ރަޖިސްޓަރީއާއި ރެކޯޑުތައް ބެލެހެއްޓުން؛

 

 

 

(4)

ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި ސެޓްފިކެޓްފަދަ ލިޔުންތައް ދޫކުރުން؛

 

 

 

(5)

ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން؛

 

 

 

(6)

ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުން؛

 

 

 

(7)

ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ބެލެހެއްޓުން؛

 

 

 

(8)

ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން؛

 

 

 

(9)

ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ލަސްކުރުމެއްނެތި ފޯރުކޮށްދިނުން؛

 

 

 

(10)

 

އިދާރީގޮތުން ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކައުންސިލް މެންބަރުންގެ ބައްދަލުވުމަކުން ފާސްވުމުން، ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛

 

 

 

(11)

ކައުންސިލްގެ މެންބަރުންގެ މަޝްވަރާއާއެކު ކައުންސިލްގެ ކުރިއެރުމާއި،ތަރައްޤީއަށް ދުރު ރާސްތާ އާއި، މެދު ރާސްތާ އާއި، ކުރު ރާސްތާގެ ކައުންސިލްގެ ސްޓްރޓަޖިކް ޕްލޭންތައް އެކުލަވާލުމާއި ހިންގުމާއި މޮނިޓަރކުރުން؛

 

 

(12)

މިނިސްޓްރީ އޮފް ހެލްތަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި، އިދާރީ ގޮތުން، އެކަމުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން؛

 

 

 

(13)

ކައުންސިލްގެ އިދާރީ އޮނިގަނޑު އެކުލަވާލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ޙަވާލުކޮށް، ލިޔެކިޔުންތައް ބަލަހައްޓައި، އަދި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު  ވަޒަންކުރުމުގެ ކަންކަން ބެލެހެއްޓުން.

 

 

 

(14)

ކައުންސިލް ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ބެޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖައްސުން؛

 

 

 

(15)

މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ޙައްލުކޮށް، މަސައްކަތުގެ މާޙައުލުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް މަސައްކަތްކުރުން؛

 

 

 

(16)

އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާންގައި ކަންކުރާގޮތް ބަލައި، ކައުންސިލަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތަޢާރުފުކުރުމާއި، މަސައްކަތަށް ފަސޭހަ، ޚަރަދުކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލިޖީ ހޯދައި ތަޢާރުފްކުރުން؛

 

 

 

(17)

ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ޙިއްޞާކޮށް ހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ޙިއްޞާކުރުން؛

 

 

 

(18)

ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ޙަވާލުކުރެވޭ އެހެނިހެން ޒިންމާތައް އަދާކުރުން؛

 

މަޤާމު ހުސްވުން

10.

ކައުންސިލްގެ ރަޖިސްޓްރާރުގެ މަޤާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ޙާލަތްތަކުގައެވެ.

 

 

 

(1)

ރަޖިސްޓްރާރުގެ މަޤާމުގެ ދައުރު ހަމަވުމުން؛

 

 

 

(2)

އިސްތިޢުފާދިނުމުން؛

 

 

 

(3)

މަރުވުމުން؛

 

 

 

(4)

ރަޖިސްޓްރާރުގެ ކިބައިގައި މިޤަވައިދުގެ ދަށުން ހުރުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން؛

 

 

 

(5)

ރަޖިސްޓްރާރުގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދޭކަމަށް ކައުންސިލުން ނިންމުން؛

 

 

 

(6)

ރަޖިސްޓްރާރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތަޢާރުޟުވާފަދަ އަމިއްލަ މަޞްލަޙަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ޙާލަތެއް މެދުވެރިވެއްޖެކަމަށް ކައުންސިލުން ނިންމުން؛

 

 

 

(7)

ރަޖިސްޓްރާރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެއްޖެކަމަށް ކައުންސިލުން ނިންމުން.

 

ވަގުތީގޮތުން ރަޖިސްޓްރާރުގެ މަޤާމު އަދާކުރުން

11.

(ހ) ރަޖިސްޓްރާރގެ މަޤާމު ހުސްވެއްޖެ ހިނދެއްގައި، އެ މަޤާމަށް މީހަކު ޢައްޔަންކުރެވެންދެން، ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކައުންސިލުގެ ރައީސް ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން ޢައްޔަނުކުރެވޭ މެންބަރަކީ ޞިއްޙީ ޚިދުމަތުގެ ފަންނުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

(ށ) ރަޖިސްޓްރާރ ޗުއްޓީގައި ހުންނަ ދުވަސްވަރުގައި ނުވަތަ ރަސްމީ ދަތުރުތަކުގައި އުޅުއްވާ ދުވަސްވަރުގައިވެސް ކައުންސިލްގެ ރެޖިސްޓްރާރ ގެ ޒިންމާ އަދާކުރާނީ މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.

ގަވާއިދަށް ޢަމަލުކުރަންފަށާ ތާރީޚު

12.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން މި ގަވާއިދު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

މާނަކުރުން

13.

"ކައުންސިލު" ކަމަށް ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު)ގެ 41 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް" އަށެވެ.

           

 

17 އޭޕްރިލް 2017