ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-AS/1/2017/29
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 30 ޖޫން 2017 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފު ކޮށްދޭގޮތަށް ހަމަޖައްސައިފީމެވެ.

ނޫސް ބަޔާން

 

13 އެޕްރީލް 2017 (ބުރާސްފަތި)                 ރިފަރެންސް ނަންބަރު: IUL)220-MTR/1/2017/29)

 

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފު ކޮށްދޭގޮތަށް ހަމަޖައްސައިފީމެވެ. މިއީ، މި އޮތޯރިޓީން ޖޫރިމަނާ މަޢާފު ކުރުމުގައި މިހާރު ޢަމަލު ކުރަމުންދާ ޢާއްމު އުޞޫލުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ދެވޭ ޚާއްޞަ ޢިނާޔަތެކެވެ. އަދި އެ ފަދަ ފަރާތްތައް މި ނިޒާމުގެ ތެރެއަށް އެނބުރި އައުމަށްޓަކައި އެހީތެރިވެ ދިނުމުގެ ގޮތުން 30 ޖޫން 2017 ގެ ނިޔަލަށް ދެވޭ ފުރުޞަތެކެވެ.

މި އުސޫލުގެ ދަށުން މަޢާފު ކޮށްދެވޭނީ، އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން، ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީ.ޕީ.ޓީ) އަދި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އާ ގުޅިގެން، 31 މާރިޗު 2017 ގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތަކެވެ. އެ ފަދަ ފަރާތްތަކުން މިކަމަށް އެދި MIRA910 ފޯމު ކަނޑައެޅިފައިވާ މުއްދަތުގައި މި އޮތޯރިޓީއަށް ހުށަހެޅުމަށް އިލްތިމާސް ކުރަމެވެ.

ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މި އަހަރުގެ ތެރޭގައި މި އޮތޯރިޓީން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އޭގެތެރޭގައި އަމިއްލަ ފަރުދުން އަދި ޑީމްޑް ޕާރޓްނަރޝިޕް ތަކުން މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމުގައި ބަލާ އާމްދަނީގެ ޝަރުތު، އެވްރެޖްކޮށް މަހަކަށް 40,000 ރުފިޔާއަށް އިތުރު ކުރުމާއި، އެ ފަދަ ފަރާތްތަކުން އަހަރެއްގެ ތެރޭގައި 1 މިލިއަން ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭނަމަ ނުވަތަ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާ އަށްވުރެ އިތުރު ނުވާނަމަ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން އަހަރެއްގެ ތެރޭގައި 10 މިލިއަން ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް، ހިސާބުތައް ބެލެހެއްޓުމުގައި "ކޭޝް ބޭސިސް" އިޚުތިޔާރު ކުރުމުގެ ފުރުޞަތު ދިނުމާއި، މި އޮތޯރިޓީއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހުންފަދަ ލުއިތައް ވެސް ވަނީ ދެވިފައެވެ.

16 ރަޖަބު 1438

13 އޭޕްރިލް 2017