ދިވެހިރާއްޖެ
"ވެށިފަހިމާލެ" ޕްރޮގްރާމްގެ ދަށުން ދިރިއުޅުމަށްޓަކައި ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގައި، ހުޅުމާލޭގެ ރީތިކަމާއި ސާފުތާހިރުކަން ގެއްލޭގޮތަށް، ކުނިއެޅުމާއި ބައު ދަގަނޑާއި، ބައު ވެހިކަލްފަދަ ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން ޢާއްމުންގެ ޝަކުވާ ލިބެމުންދާކަމާއި އަދި މިކަމުގެ ސަބަބުން ޢާއްމު ޞިއްޙަތަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށް ވިދާޅުވެ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ މި މިނިސްޓްރީގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން މިދުވަސްވަރަކީ މުޅި ރާއްޖޭގައި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފަދަ ބަލިތައް ވަރަށް ބާރަށް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ޢާއްމު ސާފުތާހިރުކަމަށް ސާމާލުކަން ދެއްވުމަށް ދަންނަވަމެވެ. އަދި ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯތިތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެތަންތަން ޙަވާލުކޮށްފައިވާ ފަރާތްތަކުގެ ފުރިހަމަ ޒިންމާއެއްކަމަށް ވެސް ދަންނަވަމެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެޒިންމާ ފުރިހަމައަށް އަދާނުކުރުމުގެ ސަބަބުން އެތަންތަނުގެ ޢާއްމު ސާފުތާހިރުކަން ގެއްލިފައިވާތީ، "ވެށިފަހިމާލެ" ޕްރޮގްރާމްގެ ދަށުން ދިރިއުޅުމަށްޓަކައި ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިސްވެ ދެންނެވިދިޔަ ގޮތަށް ކުނިއަޅާފައިވާ ތަންތަން 26 މާރިޗު 2017 ވަނަ ދުވަހުގެ ކުރިން ސާފުކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.