ޢާންމު މަޢުލޫމާތު
ނަންބަރު: (A)EA-2017/67
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 02 މާރިޗު 2017 00:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޓްރިވަންޑްރަމް އަދި ކޮލޮމްބޯގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

ނަންބަރު:A)EA-2017/67)

އިޢުލާން

ޓްރިވަންޑްރަމް އަދި ކޮލޮމްބޯގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މިހާރު ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޓްރިވެންޑްރަމް އަދި ކޮލޮމްބޯގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 2017 ފެބުރުވަރީ 19 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ 2016 ނޮވެންބަރު 07 ވީ ހޯމަ ދުވަހުން ފެށިގެން 2016 ޑިސެންބަރު 14 ވީ ބުދަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިންނާއި އެސް.އެމް.އެސް (VR (Space) IDNO Send to 1414) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.  

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ރަޖިސްޓަރީ ކުރުން އޮންނާނީ 2017 ފެބުރުވަރީ 19 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ. އަދި ބަންދު ދުވަސް ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22  ޖުމާދަލްޢޫލާ  1438

19 ފެބުރުވަރީ 2017