ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-RPR/1/2013/102
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2013
ޕަބްލިޝްކުރި ގަޑި: 10:03
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ފައިސާ ދެއްކި ކަމުގެ ލިޔުން ނުވަތަ ޕޭމަންޓް ވައުޗަރުގައި ތައްގަނޑު ޖެހުން

މި އޮތޯރިޓީގެ ކައުންޓަރުތަކުން ދޭ ޚިދުމަތްތައް މިހާރަށްވުރެ ހަލުވިކުރުމުގެ ގޮތުން، މި އޮތޯރިޓީއަށް ފައިސާ ދައްކަވާ ފަރާތްތަކުން ގެންނަވާ ފައިސާ ދެއްކި ކަމުގެ ލިޔުން، ޕޭމަންޓް ވައުޗަރު ނުވަތަ އެ ނޫން ވެސް އެފަދަ ލިޔެކިޔުންތަކުގައި މި އޮތޯރިޓީގެ ފަރާތުން ތައްގަނޑު ޖަހައިދިނުމާއި ސޮއިކޮށްދިނުން 1 އޮކްޓޫބަރު 2013 އިން ފެށިގެން ހުއްޓައިލުމަށް ނިންމައިފީމެވެ. މި އޮތޯރިޓީއަށް ފައިސާ ދައްކަވާ ފަރާތްތަކަށް ދޫކުރާ ރަސީދުތައް ބޭނުންވެއްޖެ ހިނދެއްގައި ސިސްޓަމްތަކުން އަލުން ޕްރިންޓްކުރެވޭނެއެވެ. އަދި މި ސިސްޓަމްތަކަކީ ގަވާއިދުން ބެކަޕް ކުރެވޭ، އަދި އެއްވެސް މަޢުލޫމާތަކަށް ބަދަލެއް ގެނެސްފިނަމަ އެ ކަން އެނގި، އޮޑިޓް ޓްރަޔަލުން އެ ކަން ބެލޭނެފަދަ ނިޒާމެއް އެކުލެވިގެންވާ ސިސްޓަމްތަކެވެ.

މި ގޮތަށް ހަމަޖެހުނު ކަމުގައި ވިޔަސް ކުރިއެކޭވެސް އެއް ފަދައިން، މި އޮތޯރިޓީއަށް ބަލައިގަންނަ ފައިސާއާ ގުޅިގެން ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ފައިސާ ދައްކަވާ ފަރާތްތަކަށް ދޫކުރަމުންދާނެ ކަމުގައި ދެންނެވީމެވެ. އަދި އެއްވެސް ސަބަބަކާހުރެ އެ ފަދަ ރަސީދެއްގެ ކޮޕީއެއްބޭނުންވެއްޖެ ހިނދެއްގައި "ފައިސާ ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެދޭ ފޯމު" (MIRA403) ހުށައެޅުއްވުމުން އެ ފަދަ ލިޔުމެއް ލިބޭނެ ވާހަކަ ވެސް ދެންނެވީމެވެ.

18 ޛުލްޤަޢިދާ 1434

24 ސެޕްޓެންބަރު 2013