ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2017/5
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 06 ފެބުރުވަރީ 2017 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 14 ޖަނަވަރީ 2017 ގައި ބޭއްވުމަށް އިޢުލާންކޮށްފައިވަނިކޮށް ސިވިލްކޯޓުގެ ނަންބަރު: 2515/Cv-C/2016 ޙުކުމުން، އިންތިޚާބު ބާއްވާ ތާރީޚު 14 ޖަނަވަރީ 2017 އިން ފެށިގެން މަދުވެގެން 2 މަސްދުވަސް ލިބޭ ގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާތީ، އެ ޙުކުމާ އެއްގޮތަށް އިންތިޚާބުގެ ކަންކަން އަލުން ކުރިއަށް ގެންދިއުމަށް، 2017 އެޕްރީލް 8 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން، 2016 އޮކްޓޫބަރު 23 ވީ އާދީއްތަ ދުވަހު ކޮށްފައިވާ ނަންބަރު: (A)CA-2016/116 އިޢުލާނުގައިވާ ކައުންސިލްތަކަށް، އެ އިޢުލާނުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައި އިޢުލާން ކުރަމެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2017 ފެބުރުވަރީ 6 ވާ ހޯމަދުވަހުގެ މެންދުރުފަހު 03:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.

1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(1) ދިވެހިރައްޔިތަކަށްވުން.

(2) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.

(3) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(4) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(5) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(6) ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުން.

2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހިރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި، އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާނަމައެވެ.

3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

(1) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހެއް ކަމުގައިވުން.

(2) އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޛުކުރަމުންދާ މީހެއް ކަމުގައިވުން.

(3) މި މާއްދާގެ (4) އަދި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހެއް ކަމުގައިވުން.

(4) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.

(5) ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން.

(6) އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.

4. އަދި ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާއާ އެއްގޮތަށް މި އިންތިޚާބުގެ ޓިކެޓް ހޯދުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، މި އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދައެއް ނުކުރެވޭނެއެވެ.

5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

(1) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފުރިހަމަ ކޮށްފައިވާ ފޯމު.

(2) މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކުރާ ފޯމު.

(3) މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

(4) ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.

(5) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/1500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާގެ ޑިޕޮޒިޓް ފައިސާ. (ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީކޮށްފައިވާ ޗެކެއް)

(6) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާނުލާ ނަމަ (އަމިއްލަގޮތުންނަމަ)، އެ މީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ކައުންސިލެއްގެ ދާއިރާއެއްގެ ތެރޭގައި ހިމެނޭ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން.

(7) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެ މީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީއެއްގެ ޤަރާރު.

(8) އެ މީހަކު އެ އިންތިޚާބުގައި ހާއްސަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ، އެ ނިޝާނާއި އޭގެސޮފްޓް ކޮޕީ JPEG ފޯމެޓުގައި.

(9) އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯގެ ސޮފްޓް ކޮޕީ JPEG ފޯމެޓުގައި.  

(10) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤްރާރުވެ، އެ އިޤްރާރު.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ އެންމެހައި ފަރާތްތަކުން އިސްވެ ބުނެވުނު މަޢުލޫމާތުތައް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާ (ބައު ޖަމާލުއްދީނުގައި ޤާއިމު ކުރެވިފައިވާ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒު) އަށެވެ. އަދި މިނޫން އެއްވެސް ތަނަކުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ އެންމެހާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ 2017 ޖަނަވަރީ 9 ވާ ހޯމަދުވަހުން ފެށިގެން 2017 ފެބުރުވަރީ 6 ވާ ހޯމަދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހު 03:00 އާ ހަމައަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 03:00 އާ ހަމައަށް،  އަދި ހުކުރުދުވަހު މެންދުރުފަހު 03:00 ން ހަވީރު 05:00 އަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2017 އެޕްރީލް 8 ވާ ހޮނިހިރުދުވަހުގެ ހެނދުނު 08:00 ން ހަވީރު 04:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ހަވީރު 04:30 ގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާނީ 2017 އެޕްރީލް 17 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 02:30 ގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ރަށު، އަތޮޅު އަދި ސިޓީ އިލެކްޝަންސް ފޯކަލް ޕޮއިންޓުންނާއި، މި ކޮމިޝަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އަދި ދަންނަވަމެވެ. މި އިއުލާން ޢާންމުކުރުމާއެކު މި ކޮމިޝަނުގެ އިޢުލާނު ނަންބަރު (A)CA-2016/146 (26 އޮކްޓޫބަރު 2016) އަދި އިޢުލާން ނަންބަރު (A)CA-2016/191 (6 ނޮވެންބަރު 2016) ބާޠިލުވީއެވެ. އެހެންކަމުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރަން ކުރިން ފޯމު ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނެއެވެ. މިގޮތުން އެޕްލިކޭޝަން ހުށަހެޅުމުގައި އެފަރާތްތަކަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

  • މި އިންތިޚާބަށް ކުރިމަތިލުމަށް ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފަރާތްތަކުން، ރެކޯޑު ސާފުކުރިތާ 3 (ތިނެއް) މަސްދުވަސް ހަމަނުވާނަމަ، އަލުން ރެކޯޑު ސާފުކުރާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ކުރިން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ފޯމުގެ ޞައްޙަ ކޮޕީއެއް މި ކޮމިޝަނުން ހޯއްދަވައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭނެއެވެ.

  • މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ކުރިން އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ "ދާއިރާއެއްގެ ތެރޭގައި ހިމެނޭ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުންގެ ސޮއި" އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް، ކޮމިޝަނަށް ކުރިން ހުށަހަޅާފައިވާ "ދާއިރާއެއްގެ ތެރޭގައި ހިމެނޭ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުންގެ ސޮއި" ގެ ޞައްޙަ ކޮޕީއެއް މި ކޮމިޝަނުން ހޯދައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން އިންތިޚާބަށް ކުރިމަތިލައްވާ ހުރިހާ ފަރާތްތަކުންވެސް، އިންތިޚާބަށް ކުރިމަތިލުމަށް ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ ދައްކަންވާނެއެވެ. ކުރިން އިންތިޚާބަށް ކުރިމަތިލުމަށް ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެފަރާތުން ދައްކާފައިވާ ފައިސާ އަލުން އަނބުރާ ރައްދުކުރުމުގެ އިންތިޒާމު މި ކޮމިޝަނުން މި މުއްދަތުގެ ތެރޭގައި ހަމަޖައްސާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

10 ރަބީޢުލްއާޚިރު 1438

08 ޖަނަވަރީ 2017