ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2016/146
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 15 ނޮވެންބަރު 2016 00:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

އިޢުލާން         

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، 2017 ޖަނަވަރީ 14 ވާ ހޮނިހިރުދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން، 2016 އޮކްޓޫބަރު 23 ވީ އާދީއްތަދުވަހު ކޮށްފައިވާ ނަންބަރު: (A)CA-2016/116  އިޢުލާނުގައިވާ ކައުންސިލްތަކަށް، އެ އިޢުލާނުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައި، އިޢުލާން ކުރަމެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 3:00 އާ ހަމައަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(1) ދިވެހިރައްޔިތަކަށްވުން.

(2) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.

(3) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(4) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(5) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(6) ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުން.

2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި، އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައިވާނަމައެވެ.

3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

  (1) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހެއް ކަމުގައިވުން.

  (2) އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޛުކުރަމުންދާ މީހެއް ކަމުގައިވުން.

  (3) މި މާއްދާގެ (4) އަދި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހެއް ކަމުގައިވުން.

  (4) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.

  (5) ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.

  (6) އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

  1) ފުރިހަމަ ނަން.

  2) އުފަން ތާރީޚު.

  3) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު. (ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާއެކު)

  4) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)

  5) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)

  6) އިންތިޚާބަށް ކުރިމަތިލާ ކައުންސިލް.

  7) ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި، މަޤާމުތަކުގެ ނަން.

  8) އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު (ލިޔެކިޔުމާއި އެންގުންތައް ފޮނުވަންވީ އީމެއިލުންނަމަ، އީމެއިލް އެޑްރެސް އަދި ޕޯސްޓުންނަމަ، ޕޯސްޓަލް އެޑްރެސް)

  9) ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާނަމަ އެކަން.

  10) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.

  11) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/1500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީކޮށްފައިވާ ޗެކެއް)

  12) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުންނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ކައުންސިލެއްގެ ދާއިރާއެއްގެ ތެރޭގައި ހިމެނޭ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން.

  13) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީއެއްގެ ޤަރާރު.

  14) އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ، އެކަން ބަޔާންކޮށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އެ މީހާ ހުށަހަޅާ އިޤްރާރު.  

  15) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ، އެ ނިޝާން.

  16) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤްރާރުވެ، އެ އިޤްރާރު.

  17) މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކުރާ ފޯމު.

  18) މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

  19) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ، އެ ނިޝާނާއި އޭގެ ސޮފްޓްކޮޕީ JPEG ފޯމެޓުގައި. އަދި އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓްސައިޒްގެ ކުލަފޮޓޯ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިސްވެބުނެވުނު މައުލޫމާތުތައް ހުށަހަޅުއްވާނީ ރަށެއް/އަވަށެއް/އަތޮޅެއް/ސިޓީއެއްނަމަ، އެ ތަނެއްގެ ކައުންސިލް އިދާރާގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ ފޯކަލް ޕޮއިންޓަށެވެ. މާލޭގައިނަމަ، އިލެކްޝަންސް ކޮމިޝަނުގެ އިދާރާ (މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 5 ވަނަ ފަންގިފިލާ) އަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުން ފެށިގެން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 3:00 އާ ހަމައަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހުގެ 3:00 އާ ހަމައަށް، އަދި ހުކުރުދުވަހުގެ މެންދުރުފަހުގެ 3:00 ން ހަވީރު 5:00 އަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންނަން ވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 14 ވާ ހޮނިހިރުދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ހަވީރު 4:30 ގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރާނީ 2017 ޖަނަވަރީ 23 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:30 ގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ، ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓުންނާއި، އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓުންނާއި، ސިޓީ ކައުންސިލް އިލެކްޝަންސް ފޯކަލް ޕޮއިންޓުންނާއި، މި ކޮމިޝަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

25 މުޙައްރަމް 1438

27 އޮކްޓޫބަރު 2016