ދިވެހިރާއްޖެ
ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ އިސްތިސްނާއަށް އެދި ހުށައެޅުން
މިއީ ޤާނޫނު ނަންބަރު 14/2011މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 2010/3 )ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު( ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގއަކީ، ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެ ފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭ ފަރާތަކުން ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ އިސްތިސްނާއަށް އެދި ހުށައަޅާނެ ގޮތް ބަޔާންކޮށް، 29 ނޮވެންބަރު 2012 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2012/B24 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ އިސްތިސްނާއަށް އެދި ހުށަހެޅުން) އުވައިލުމަށްފަހު އޭގެ ބަދަލުގައި ނެރޭ ރޫލިންގއެކެވެ.
2. ޤާނޫނުގެ 16 ވަނަ މާއްދާގައި ވަނީ:
"(ހ) ޓެކްސް އަހަރެއްގައި ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް، އެފަދަ ވެރިއެއް ނުވަތަ ޗާޓަރކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކުރާ އެފަދަ ވިޔަފާރިއެއްގެ ފައިދާއަކުން؛ އެމީހާ،
(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާނަމަ؛ އަދި
(2) އެހެން އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛
އެފަދަ މީހަކު ވަޒަންވެރިވެފައިވާ ޤައުމަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއިން ނުވަތަ އެފަދަ އެހެން ޓެކްސްއަކުން އެފަދަ އިސްތިސްނާއެއް ދީފައިވާކަމަށް ކޮމިޝަނަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ، ޓެކްސް ދެއްކުމުން އިސްތިސްނާވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ކުންފުންޏެއް ޤައުމެއްގައި ވަޒަންވެރިވެފައިވާ ކަމަށް ބެލެވޭނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތް ކޮންޓްރޯލް ކުރެވޭ ޤައުމެއްގައެވެ."
ރޫލިންގ
3. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކުން ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއްގެ ގޮތުގައި ނުވަތަ އެ ފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭ ފަރާތެއްގެ ގޮތުގައި ވިޔަފާރިކުރާނަމަ، ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ އިސްތިސްނާއަށް އެދި މި ރޫލިންގއާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިޔުމުން ހުށައެޅިދާނެއެވެ.
4. ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް، "ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް ... ކުރާ ... ވިޔަފާރި" ގެ ތެރޭގައި އަންނަނިވި ތަކެތި ކުއްޔަށް ދޫކުރުން ހިމެނެއެވެ.
(ހ) މަތިންދާބޯޓެއް ނުވަތަ ކަނޑުބޯޓެއް؛ ނުވަތަ
(ށ) މަތިންދާބޯޓުގެ ނުވަތަ ކަނޑުބޯޓުގެ އިންޖީނު؛ ނުވަތަ
(ނ) ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ނުވަތަ ކަނޑު ދަތުރުފަތުރާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނަކާ ގުޅިގެން މަތިންދާބޯޓެއްގެ އެއަރވަރދިނަސްއަށް ނުވަތަ ކަނޑުބޯޓެއްގެ ސީވަރދިނަސްއަށް ކޮންމެހެން ބޭނުންވާ ސްޕެއަރ ޕާޓްސް.
5. ޤާނޫނުގެ 16 ވަނަ މާއްދާއަށް ޢަމަލުކުރެވޭނީ އަންނަނިވި ހުރިހައި ޝަރުތުތަކެއް ފުރިހަމަވާނަމައެވެ.
(ހ) އެ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށްނުވުން؛
(ށ) އެ ފަރާތަކީ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއަކަށް ނުވަތަ އެ ފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭ ފަރާތަކަށް ނުވަތަ އެފަދަ އުޅަނދެއް ކުއްޔަށް ދޫކުރާ ފަރާތަކަށްވުން؛
(ނ) އެ ފަރާތުން ވިޔަފާރި ކުރަނީ އެ އުޅަނދުގެ ވެރިފަރާތުގެ ގޮތުގައި ނުވަތަ ޗާޓަރުކޮށްގެން އުޅޭ ފަރާތުގެ ގޮތުގައި ނުވަތަ ކުއްޔަށް ދޫކުރާ ފަރާތުގެ ގޮތުގައި ކަމަށްވުން؛
(ރ) އެ ފަރާތުން ދިވެހިރާއްޖޭގައި އެހެން އެއްވެސް ވިޔަފާރިއެއް ނުކުރުން؛ އަދި
(ބ) އެ ފަރާތެއްގެ ވިޔަފާރި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ޤައުމަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއްގެ ގޮތުގައި ނުވަތަ އެ ފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭ ފަރާތެއްގެ ގޮތުގައި ނުވަތަ އެފަދަ އުޅަނދެއް ކުއްޔަށް ދޫކުރާ ފަރާތެއްގެ ގޮތުގައި ކުރާ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހުން އެ ފަދަ އިސްތިސްނާއެއް ދޭނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ގަބޫލުކުރެވުން. މި ތަނުގައި "އެ ފަދަ އިސްތިސްނާ" ކަމަށް ބުނެފައި އެ ވަނީ، އެ ފަރާތް ހިންގުމުގެ މައިގަނޑު މަސައްކަތް ކޮންޓްރޯލްކުރާ ޤައުމަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ، ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއަކަށް ނުވަތަ އެ ފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭ ފަރާތަކަށް ނުވަތަ އެފަދަ އުޅަނދެއް ކުއްޔަށް ދޫކުރާ ފަރާތަކަށް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހުން ނުވަތަ އެ ފަދަ އެހެން ޓެކުހަކުން އިސްތިސްނާ ދިނުމަށެވެ.
6. އިސްތިސްނާއަށް އެދި ހުށައަޅާ ފަރާތަކުން އެ ހުށައެޅުމާއެކު އަންނަނިވި މަޢުލޫމާތު ހުށައަޅަންވާނެއެވެ.
(ހ) އެ ފަރާތުގެ އެއްވެސް ޑިވިޜަނަކުން، މި ރޫލިންގގެ 4 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ވިޔަފާރިކުރުން ފިޔަވައި (ކަނޑުބޯޓު ނުވަތަ މަތިންދާބޯޓުގެ މެއިންޓެނަންސް، ނުވަތަ އެހެން އެއަރލައިންތަކަށް ފްލައިޓް ކޭޓަރިންގ ޚިދުމަތް ނުވަތަ ގްރައުންޑް ހޭންޑްލިންގ ޚިދުމަތް ދިނުން ފަދަ) އެހެން އެއްވެސް ވިޔަފާރިއެއް ދިވެހިރާއްޖޭގައި ނުކުރާ ކަން ޔަޤީންކޮށްދޭ، އެ ފަރާތުގެ އެކްސްޓަރނަލް އޮޑިޓަރުގެ ލިޔުމެއް؛
(ށ) އެ ފަރާތުގެ ވިޔަފާރި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތީ ކޮން ތަނެއްގައިކަން ބަޔާންކޮށްދޭ، އެ ފަރާތުގެ އެކްސްޓަރނަލް އޮޑިޓަރުގެ ލިޔުމެއް؛
(ނ) ޓެކުހުގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ތަން ބަޔާންކޮށް، އެ ފަރާތް ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ޤައުމެއްގެ ޓެކްސް އިދާރާއިން ދޫކޮށްފައިވާ ސެޓްފިކެޓެއް؛
(ރ) އެ ފަރާތުން ޤާނޫނުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނަމަ، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުޢާމަލާތާ ގުޅޭ އެއްބަސްވުންތަކާއި އެހެނިހެން ލިޔެކިޔުންތައް.
7. ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިސްނާ އެއްވެސް ފަރާތަކަށް ދެވުނު ކަމަށް ބެލެވޭނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ ފަރާތަކަށް ލިޔުމުން އެކަން އެންގުމުންނެވެ.
ޢަމަލުކުރަން ފެށުން
8. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.