ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-B3/30/2016/83
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 31 ޑިސެންބަރު 2016 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ފަސޭހައާއި ލާބަޔަށް ހަރުކޮށްފައިވާ ކަނދުފަތިތަކަށް ގެއްލުންވާ ފަދަ ޢަމަލުތައް ގިނަވެ އާންމުވުން

ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ފަސޭހައާއި ލާބަޔަށް ހަރުކޮށްފައިވާ ކަނދުފަތިތަކަށް ގެއްލުންވާ ފަދަ ޢަމަލުތައް ގިނަވެ އާންމުވުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހިންގަމުންގެންދާ އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި 54 ކަނދުފަތީގެ ވިޔުގައެއް ވަނީ ޤާއިމުކޮށްފައެވެ. މިއީ ރާއްޖޭގައި ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ފަސޭހައާއި ލާބައަށްޓަކައި ސަރުކާރުން ވަރަށްބޮޑު ހޭދައެއްކުރައްވައިގެން ޤާއިމުކޮށްދީފައިވާ ކަނދުފަތިތަކެކެވެ. ނަމަވެސް، މިހާރު އޮއިވާލި ކަނދުފަތިތައް ހަރުކުރުމުގެ މަޤުޞަދު ގެއްލޭގޮތަށް އޮއިވާލިކަނދުފަތިތަކުގައި ވައު އައްސައިގެން ރޭގަނޑު މަސްވެރިކަން ކުރުމާއި، ކަނދުފަތީގެ އޮންނަ ބޮއިފަތި ކެޑުމާއި، އޮއިވާލިކަނދުފަތިތަކުގެ ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމުގެ ރިޕޯޓު މި މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. މިފަދަ ޢަމަލުތަކުގެ ތެރެއިން ބައެއް ޢަމަލުތަކަކީ މިފަހަކަށް އައިސް ގިނަ އަދަކަށް ކަނދުފަތި ކަނޑައިގެންދާދިއުމާ ވަރަށްބޮޑަށް ގުޅިފައިވާ ކަމެއްކަން މި މިނިސްޓްރީއަށް ވަނީ ކަށަވަރުވެފައެވެ. އަދި ދަންނަވަމެވެ. ކަނދުފަތިތަކުގެ ކައިރިން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާއި ކަނދުފަތިތަކުގެ ކައިރިއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކުން ފީނަމުންދާކަމުގެ ޝަކުވާވެސް މި މިނިސްޓްރީއަށް ގިނަ އަދަދަކަށް ދަނީ ލިބެމުންނެވެ.

ކަނދުފަތިތަކުގެ 3 މޭލު ކައިރީގައި ދިރޭ އެންޖަހައިގެން އަޑިއަށް ފެއްތުމާއި މިޔަރުނެގުމާއި ވަދުއެޅުމާއި އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމާއި ކަނދުފަތީގެ ބޮޔަށް ވައު އައްސައި އޭގައި ދޯނިފަހަރު އަޅައިގެން ތިބުން ފަދަ އޮއިވާލި ކަނދުފައްޗަށާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް ޢަމަލެއް ހިންގުމަކީ ޤާނޫން ނަންބަރު 5/87 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 3 ވަނަމާއްދާގެ ދަށުން ބާރު ލިބިގެން ހަދާފައިވާ މަސްވެރިކަމުގެ ގަވާއިދުގެ 17 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެކެވެ.

ވީމާ، އޮއިވާލި ކަނދުފައްޗަށާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ޤާނޫނު ނަންބަރު  5/87 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ލިބިދޭ އިޚުތިޔާރުގެ މަތިން ހަދާފައިވާ މަސްވެރިކަމުގެ ގަވާއިދުގެ ދަށުން މަނާކަމެއްކަން އެންމެހައި ފަރާތްތަކަށް ތަކުރާރުކޮށް ހަނދުމަފުޅުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން މި ފުރުޞަތުގައި ހަދުމަފުޅުކޮށް އަރުވަމެވެ. އަދި ގަވާއިދާ ޚިލާފަށް އޮއިވާލިކަނދުފަތިތަކަށް ގެއްލުން ލިބޭގޮތަށް ނުވަތަ އޮއިވާލިކަނދުފަތިތަކުގެ ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތަށް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން، އެ ސަރަޙައްދެއްގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް ސާބިތުކުރެވޭ ފަދަ ހެތްކާއެކު މައްސަލަ ހުށަހެޅުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

 

06 ސެޕްޓެންބަރު 2016