ޢާންމު މަޢުލޫމާތު
ނަންބަރު: 23-MAHC/CIR/2016/20
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 31 ޖުލައި 2016 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސައިކޮލަޖިސްޓުން ރަޖިސްޓަރީކުރުމާބެހޭ

އިޢުލާން

ސައިކޮލަޖިސްޓުން ރަޖިސްޓަރީކުރުމާބެހޭ

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ސައިކޮލަޖީގެ ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓަރީކުރުމުގައި މިކައުންސިލުން ގެންގުޅޭ އުސޫލު ރައްޔިތުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް ބައެއްފަރާތްތަކުން ސޯޝަލް މީޑިއާއާއި ނޫސްތަކުގައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

މި ކައުންސިލުގައި ސައިކޮލަޖީގެ ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓަރީކުރުމުގައި ގެންގުޅޭ އުސޫލުގެ ދަށުން،  ކުރީގެ މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވާ، ބެޗްލަރ އޮފް ސައިކޮލަޖީ ހަދާފައިވާ އެންމެހައި ފަރާތްތަކަށް، 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 އަހަރުދުވަހުގެ ކޮންޑިޝަނަލް ރަޖިސްޓަރޭޝަންއެއް ސައިކޮލޮޖިސްޓްސް އެސިސްޓެންޓުންގެ ނަމުގައި ވާނީ ދޫކުރަން ފަށާފައެވެ.

ބެޗްލަރ އޮފް ސައިކޮލަޖީ ހަދާފައި ތިބި ކުރީގެ ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީނުވެ ތިބި އެންމެހައި ފަރާތްތަކާއި، އަދި ކުރިއަށް އޮތްތާގައިވެސް ސައިކޮލަޖީ އިން ބެޗްލަރ ޑިގްރީ ކިޔަވައިގެން އަންނަ ދަރިވަރުންނަށް، މި ކައުންސިލުން ރިވިއުކުރަމުންދާ ބިހޭވަރަލް ސައިންސް ޕާތުވޭ ނިމުމުން، ރަޖިސްޓަރޭޝަން ދޫކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ބެޗްލަރ އޮފް ސައިކޮލަޖީ ހަދައިގެން ރަޖިސްޓަރީ ނުވެވޭކަމުގެ ވާހަކަތަކެއް އާންމުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް ދެކެވެމުންދާތީ، ޙަޤީޤަތް އޮޅުންނުފިލުވައި މިފަދަ ވާހަކަތައް ނުދެއްކުމަކީ ކައުންސިލުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް ދަންނަވަމެވެ.

އެލައިޑް ހެލްތުގެ ދާއިރާގެ އެންމެހައި ޚިދުމްތްތެރިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ފެންވަރުގައި ދެވޭ ޚިދުމަތެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ ޤާނޫނީ ހައިސިއްޔަތުން އުފުލަންޖެހޭ އެންމެ އިސްފަރާތަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްކަމަށްވުމާއެކު، މި ދެންނެވި ޚިދުމަތުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މި ކަންސިލުން އަޅަމުން ގެންދާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ. 

05 ޖުލައި 2016