ޢާންމު މަޢުލޫމާތު
ނަންބަރު: 198-B/2016/91
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 04 ޖުލައި 2016 17:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދުބެލުން

އިޢުލާން

1437 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ބެލުން

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ.

ޝައްވާލްމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ރަމަޟާން 1437 ( 04 ޖުލައި 2016 ) ވާ ހޯމަ ދުވަހުގެ ހަވީރު 5:30 ން ފެށިގެން މި ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލުގެ އިދާރާތަކާއި، އަތޮޅު ކައުންސިލުގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ވީމާ، މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީޚަރަދު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަނދާ ބެހޭގޮތުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއްވާނަމަ މި ޑިޕާޓްމަންޓުގެ ނަންބަރު 3006246 3006245 ފޯނަށް ގުޅުއްވުން އެދެމެވެ. ރަށްރަށުގައިނަމަ ގުޅުއްވާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. މެޖިސްޓްރޭޓް ނެތް ރަށެއްގައިނަމަ ގުޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ރަމަޟާން 1437

26 ޖޫން 2016