ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)457-AIT/1/2016/8
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:24
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016

އިޢުލާން

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016

މިބިއުރޯގެ ފަރާތުން 2016 ގައި ކުރުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މި ދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހު މާލޭގައި ވަނީ ފެށިފައެވެ. އަތޮޅުތަކުގެ ތެރެއިން ފ.އަތޮޅުގެ ހުރިހާ ރަށެއްގައި އެޕްރީލް 9 އިން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މި ސަރވޭ ކުރިޔަށްގެންދެވޭނެއެވެ. މީގެ އިތުރުން ޅ. އަތޮޅުގެ ނައިފަރު އަދި ހިންނަވަރުގައި އެޕްރީލް 9 އިން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް އަދި އެޕްރީލް 22 ން 30 ވަނަދުވަހުގެ ނިޔަލަށް ޅ.ކުރެންދޫ އަދި ޅ.އޮޅުވެލިފުށީގައި މިސަރވޭ ކުރިޔަށްދާނެ ވާހަކަވެސް ދަންނަވަމެވެ.

މިބިޔުރޯއިން ތަމްރީނުކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ކުރިން ދެންނެވިފައިވާ މުއްދަތުގައި ޒިޔާރަތްކުރާނެއެވެ. މިމަޢުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިކެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެއެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 18:00 އާ ދެމެދު ބިއުރޯގެ ޓީމުތައް ހަރަކާތްތެރިވާނެއެވެ. އަދި ހުކުރުދުވަސްތަކުގައި ހެނދުނު 9:00 އިން 10:30 އަށް އަދި 14:00 އިން 18:00 އަށް މަސައްކަތް ކުރިޔަށްގެން ދެވޭނެއެވެ.  

މިސަރވޭއަކީ ގަވާއިދު ނަންބަރު: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަ ލިބިގެން ކުރެވޭ ސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މަޢުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ޤައުމީ ބޮޑުމަސައްކަތަކަށް ވުމާއެކު، ޢާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މިސަރވޭ އާގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރު 3349496 ނުވަތަ 3349494 ފޯނާ ގުޅުއްވުމުން އަދި ސަރވޭޓީމުތައް މަސައްކަތުގައި ހަރަކާތްތެރިވާ އެހެން ގަޑިތަކުގައި ނަމަ 7965935 އިން ސާފުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

3 ރަޖަބު 1437

10 އޭޕްރިލް 2016