ދިވެހިރާއްޖެ
އިޢުލާން
ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ރެޕްރެސެންޓޭޓިވުންނަށް ތަމްރީނު ޕްރޮގްރާމް ހިންގައިދިނުމާ ބެހޭ
ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާބެހޭ ގަވާއިދު (ނަންބަރު 2016/R-21) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، އޭޖެންސީ ތަމްސީލުކުރުމަށްޓަކައި ޢައްޔަންކުރާ ރެޕްރެޒެންޓެޓިވުންނަށް މިނިސްޓްރީން ހުއްދަ ދޭ ތަމްރީނު ޕްރޮގްރާމް ހިންގުމުގެ ފުރުޞަތު، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ރަޖިސްޓަރީކޮށްގެން ހިންގާ މުއައްސަސާތަކަށް މި މިނިސްޓްރީން ހުޅުވާލާފައިވާތީ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
މިނިސްޓްރީން ހުއްދަދޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމާއި، އޭޖެންސީތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތައް، ކަމާގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމެވެ.
ވީމާ، ތިރީގައި ބަޔާންކުރާ މައިގަނޑު ބައިތައް ކަރިކިއުލަމްގައި ހިމެނޭގޮތުގެ މަތިން، ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ތަމްރީނު ޕްރޮގްރާމުގައި ހިމަނައި ކިޔަވައިދޭންޖެހޭ މައިގަނޑު ބައިތައް
- ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ވަޒީފާއާ ގުޅުންހުރި ބައިނަލްއަޤްވާމީ މުޢާހަދާތައް
- ވަޒީފާއާ ބެހޭ ޤާނޫނާއި އެ ޤާނޫނޫގެ ދަށުން ޢަމަލުކުރަމުންދާ ގަވާއިދުތައް
- ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާބެހޭ ގަވާއިދު
- މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު
ޕްރޮޕޯޒަލް އެކުލަވާލުމުގައި ސަމާލުވާންވީ ބައެއް ނުކުތާތައް
- މި ތަމްރީނު ޕްރޮގްރާމް ތައްޔާރުކޮށް ކުރިއަށް ގެންދާނެ ގޮތާއި، ތަމްރީނު ޕްރޮގްރާމް ގިނަވެގެން ހިންގާނެ މުއްދަތު ކަނޑައަޅާނީ ޕްރޮގްރާމް ހިންގާ ފަރާތުންނެވެ. ނަމަވެސް، ތަމްރީނު ޕްރޮގްރާމަކީ މަދުވެގެން 40 ގަޑިއިރުގެ "ކޮންޓެކްޓް އަވަރސް" ފުރިހަމަކުރާ ޕްރޮގްރާމަކަށް ވާންވާނެއެވެ.
- ތަމްރީނު ހިންގަން ހުށަހަޅާ ފަރާތަކީ، މިފަދަ ތަމްރީނުތައް އެހެން އިދާރާތަކަށް ހިންގައިދީފައިވާ ނުވަތަ މިފަދަ ތަމްރީނުތައް ހިންގުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ވާންވާނެއެވެ.
- ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވާ ފަރާތްތަކަކީ، ކަމާ ގުޅުންހުރި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ނުވަތަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައިވާންޖެހޭނެއެވެ.
- ތަމްރީނު ހިންގާނެ ކްލާސްރޫމާއި ޕްރޮޖެކްޓަރ އަދި ޕްރޮގްރާމާ ގުޅޭ އެހެނިހެން އިދާރީ ކަންތައްތަކުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުރިހާ ޚަރަދުތަކަށް ޒިންމާވާނީ ތަމްރީނު ޕްރޮގްރާމް ހިންގާ ފަރާތުންނެވެ.
- މަތީގައި ލިސްޓުކޮށްފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް، ތަމްރީނުގައި ބައިވެރިވާ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް އިމްތިޙާނެއް ބާއްވަންވާނެއެވެ. މި އިމްތިޙާނަކީ "މަލްޓިޕަލް ޗޮއިސް" ސުވާލުތަކެއް ހިމަނައިގެން ހިންގިދާނެ އިމްތިޙާނަކަށް ހެދިދާނެއެވެ.
- ތަމްރީނުގައި ބައިވެރިވެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ސެޓުފިކެޓެއް ދިނުން.
ޕްރޮޕޯޒަލްގައި ހިމަނަންޖެހޭނެ ބައިތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް
- ތަމްރީނު ޕްރޮގްރާމްގެ ކަރިކިއުލަމް - %30
- ތަމްރީނު ހިންގާ ފަރާތުގެ ކޮލިފިކޭޝަނާއި ތަޖުރިބާ - %30
- ތަމްރީނުގެ ބައިވެރިން އިމްތިޙާނު ކުރުމަށް ހުށަހަޅާގޮތް - % 15
- ތަމްރީނު ހިންގުމަށް ބޮލަކަށް ހުށަހަޅާ ފީ - % 15
- ތަމްރީނު ހިންގަން ފެށުމަށް ހުށަހަޅާ ތާރީޚު - % 10
ކޯސް ހިންގައިދޭނެ ފަރާތްތައް ހޮވުން
ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލް، މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުން އިވެލުއޭޓްކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 3 ފަރާތަކަށް ކޯސް ހިންގުމުގެ ހުއްދަ މިނިސްޓްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ސެޝަން
މިކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ (ވެލާނާގޭގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސްރޫމުގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެނިހެން ދުވަސްތަކުގެ ހެނދުނު 08:00 އިން 14:00 އަށް، އަލްފާޟިލް ޢަބްދުﷲ ރަޝީދު، ފޯނު (7800395) ނުވަތަ އީމެއިލް [email protected] މެދުވެރިކޮށެވެ.
ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑި
މި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ސިޓީއުރައެއްގައި "އެމްޕްލޯއިމަންޓް އޭޖޭންޓްސް ޓްރޭނިންގ" މިފަދައިން ޖެއްސެވުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށެވެ. ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިނިސްޓްރީގެ (ވެލާނާގޭގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސްރޫމުގައެވެ.
29 ޖުމާދަލްއާޚިރާ 1437