ދިވެހިރާއްޖެ
އަތޮޅުތެރޭގައި ބޭނުންކުރާބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުން ދާކަން މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން އުޅަނދުތައް ރަޖިސްޓްރީކުރުމަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
އެގޮތުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިން ފުރޮޅުލީ އުޅަނދުތަކަކީ، ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކުރެވިފައެވެ. ވީމާ، މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި މިހާރު ރަޖިސްޓަރީކޮށްދެވޭނެކަމާއި، އަދި މީގެ ކުރިން ހަމަޖެހިފައިވާގޮތަށް، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދެވޭނެ ކަމުގައި އިޢުލާން ކުރީމެވެ.
އަދި މީގެ އިތުރުން އިމްޕޯރޓް ކުރިތާ ގިނަދުވަސްވުމުގެ ސަބަބުން، ނުވަތަ ރަޖިސްޓްރީކުރުމަށް ލާޒިމް ކުރުމުގެކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ އުޅަނދުތައް، ރަޖިސްޓަރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިފަދަ އުޅަނދުތައް އެ އުޅަނދެއްގެ ރޯޑްވާރދިނަސް ލިޔުމަށްބަލައި ރަޖިސްޓްރީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އާންމުކޮން އަންގައި އިޢުލާން ކުރީމެވެ.