ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:00
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަރކިއުލަރ

ހުއްދަ ދޫކުރާ އިދާރާތަކަށް ހުށައަޅާ ކުރެހުންތައް ޗެކްކޮށް ހުއްދަތައް ދިނުމާ ގުޅޭ

ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގެ (ގަވާއިދު ނަންބަރު: 2019/R-1004) ދަށުން ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމަށްޓަކައި، އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ކުރެހުން ފާސްކުރުމަށާއި އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބާވަތް 1 ގެ އިމާރާތެއް ނުވަތަ ތަނެއްގެ ކުރެހުން ތައްޔާރުކޮށްފައިވަނީ އިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތައްތޯ ބަލައި ޗެކްކުރުމަކީ ހުއްދަދޫކުރާ އިދާރާގެ ޒިންމާއެއްކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ (ގަވާއިދު ނަންބަރު: 2019/R-1010) 49 ވަނަ މާއްދާ އާއި 50 ވަނަ މާއްދާގައިވާ ފަދައިން އިމާރާތް ޑިޒައިންކުރާ ފަރާތްތަކާއި ޗެކުކުރާ ފަރާތްތަކުން ހުއްދައަށް އެދި ހުއްދަދޫކުރާ އިދާރާތަކަށް ހުށަހަޅާ ކުރެންހުންތައް ފަރުމާކޮށްފައި ހުންނަންވާނީ އިމާރާތްކުރުމުގެ ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްފަދައިންނެވެ. އަދި މިކުރެހުންތަކަށް ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެ ފަރާތްތަކުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މިހާރުވެސް އަމަލުކުރަމުންދާގޮތަށް އިމާރާތްކުރުމުގެ އިދާރީ ގަވާއިދުގައި (ގަވާއިދު ނަންބަރު: 2019/R-1004) ބަޔާންކޮށްފައިވާ ފަދައިން، އިމާރާތްކުރުމާ ގުޅިގެން ހުށަހަޅާ ކުރެހުންތައް ޗެކްކޮށް، ކުރެހުން ފާސްކުރިކަމުގެ ހުއްދައާއި އިމާރާތްކުރުމުގެ ހުއްދަތައް ދޫކުރާނީ (ސަރުކާރުން ވަކިގޮތަކަށް އަމަލުކުރަން އަންގަވާފައި ނުވާހިނދަކު) ހުއްދަދޫކުރާ އިދާރާތަކުންނެވެ. އަދި ހުއްދަދޫކުރާ އިދާރާގައި ކުރެހުން ޗެކްކުރާނެ ދާއިމީ ފަންނީ މުވައްޒަފުން ނެތްނަމަ، މި މަސައްކަތްކުރުމަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ (ގަވާއިދު ނަންބަރު: 2024/R-54) 13 ވަނަ މާއްދާގައި ވާފަދައިން ކޮންޓްރެކްޓް މުވައްޒަފުން ނުވަތަ ކޮންސަލްޓަންޓުން ހުއްދަދޫކުރާ އިދާރާއަކުން ހަމަޖެއްސިދާނެއެވެ. ހަމައެހެންމެ ހުއްދަދޫކުރާ އިދާރާތަކަށް ފަންނީ މުވައްޒަފުން ހޯދުމުގައި ދަތިތައް ހުރުމުން އެ އިދާރާތަކަށް ފަންނީ އެހީތެރިކަން މިހާތަނަށް މިނިސްޓްރީން ދަނީ ފޯރުކޮށްދެމުންނެވެ. ނަމަވެސް، މި މަރުހަލާއަށް ގިނަ ވަގުތު ހޭދަވާތީ، މި ހިދުމަތް އަވަސްކުރުމަށްޓަކައި، އިމާރާތްކުރުމުގެ އިދާރީ ގަވާއިދުގައި ބަޔާންކުރާގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. އެހެންކަމުން މި މިނިސްޓްރީއިން ހުއްދަދޫކުރާ އިދާރާތަކަށް މިހާރު ފޯރުކޮށްދެމުންދާ ކުރެހުން ޗެކްކޮށްދިނުމުގެ މަސައްކަތް 2026 ނޮވެންބަރު 15 އިން ފެށިގެން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

ހުއްދަ ދޫކުރާ އިދާރާތަކުން ދޫކުރަންޖެހޭ ހުއްދަތައް ދިނުމަށްފަހު ގަވާއިދު ނަންބަރު: 2019/R-999 އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) އަދި (ދ) ގައިވާ ފަދައިން ހުއްދަ ދޫކުރާ އިދާރާތަކުން އެ އިދާރާއަކަށް ހުށަހަޅައި ހުށަހެޅުންތައް އިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބަލައި ޗެކްކުރުމަށްފަހު ހުއްދަތައް ދިނުމާއެކު، ކޮންމެ މަހެއް ނިމުމުން، އެ މަހެއްގައި ހުށަހަޅައި ފާސްކޮށްފައިވާ ލިޔެކިޔުމުގެ ކޮޕީ، މަސް ނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މިފަދައިން ނުފޮނުވާ ކުރެހުންތަކާއި ގުޅިގެން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ (ގަވާއިދު ނަންބަރު  (2019/R-101922 ވަނަ މާއްދާގައި ވާފަދައިން ނަގަންޖެހޭ ޕްރޮޖެކްޓް ލައިސަންސް ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ.

2026 ނޮވެންބަރު 15 އިން ފެށިގެން ގަވާއިދު ނަންބަރު: 2019/R-1002 ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތްކުރަންވީ ގޮތުގެ ގަވާއިދާ ހިލާފަށް ކުރަހާފައިވާ ކުރެހުންތައް ފަރުމާކޮށްފައިވާ ފަންނުވެރިންނަށް އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ (ގަވާއިދު ނަންބަރު: 2019/R-1010) ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ. އަދި ކުރެހުންތައް ޗެކުކުރުމަށްފަހު ގަވާއިދާއި ހިލާފަށް ހުއްދަ ދޫކުރާ އިދާރާއަކުން ހުއްދައެއް ދޫކޮށްފައިވާކަން މި މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ (ގަވާއިދު ނަންބަރު: 2019/R-999) ދަށުން އެ އިދާރާއަކާ މެދު ފިޔަވަޅު އެޅާނެ ކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މި މިނިސްޓްރީއަށް މިހާރު ޗެކްކުރުމަށްޓަކައި ހުއްދަދޫކުރާ އިދާރާތަކުން ފޮނުވަމުންދާ ކުރެހުންތައް ޗެކް ކުރުމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2026 ނޮވެންބަރު 14 ވަނަ ދުވަހެވެ. މި މުއްދަތުގެ ފަހުން 2026 ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީއަށް ހުއްދަ ދޫކުރާ އިދާރާތަކުން ކުރެހުންތައް ފޮނުވަންވާނީ، ކުރެހުންތައް ޗެކްކުރުމަށްފަހު ދޭންވާ ހުއްދަތައް ދިނުމަށްފަހު ކަމުގައި ދަންނަވަމެވެ.

އަދި މިފައިން ފޮނުވާ ކުރެހުންތަކާއި ހުއްދަތައް ފޮނުވާނީ [email protected] މި އީމެއިލް އަށެވެ.

02 ނޮވެންބަރު 2026