ނޫސްބަޔާން
ނަންބަރު: 266-A/266/2026/13
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:06
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޤުރުއާން މުބާރާތުގައި ސްކޫލްތަކުން ވާދަކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުއްދަ ދެއްވާފައިނުވާތީ، މިއަހަރު މިމުބާރާތް ނުބޭއްވުމަށް ނިންމި ނިންމުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނެރޭ ނޫސްބަޔާން

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން 05 ނޮވެމްބަރ 2026 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448" އާއި ގުޅޭގޮތުން، ކުޅުދުއްފުށީގެ އެންމެހައި ލޮބުވެތި ރައްޔިތުންނާއި، ސްކޫލްތަކާއި، ޤުރުއާން ކްލާސްތަކުގެ އިތުރުން، މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުން ދިޔަ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 މިމުބާރާތަކީ ކުޅުދުއްފުށީގެ ސްކޫލްތަކާއި ޤުރުއާން ކްލާސްތަކަށް އަމާޒުކޮށްގެންނާއި، އަދި ޢާންމުކޮށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގައި ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް ޤާއިމުކޮށް، ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ އިތުރުން، ޤައުމީ ފެންވަރުގައި ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފައްދާ، ކީރިތި ޤުރުއާނުގެ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ހާމަކުރުމެވެ.

 ނަމަވެސް، މިއަހަރުގެ މުބާރާތުގައި ސްކޫލްތަކުން ވާދަ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ހުއްދަ ސްކޫލްތަކަށް ލިބިފައިނުވާތީ، ރޭވިފައިވާ ގޮތަށް މިމުބާރާތް ކުރިއަށްގެންދެވޭ ގޮތް ވަނީ ނުވެފައެވެ. އެހެނީ މިމުބާރާތުގައި މައިގަނޑު ގޮތެއްގައި ވާދަކުރާނީ ސްކޫލްތައް ތަމްޞީލުކުރާ ދަރިވަރުން ކަމަށްވެފައި، އެ ދަރިވަރުންނާއި ނުލާ މުބާރާތް ކުރިއަށް ގެންދިޔުމަކީ އެ ދަރިވަރުންގެ ހައްޤުތަކަށް އުނިކަން އަންނާނެކަމަކަށްވާތީ އަދި އެއީ އެންމެ އިންސާފުވެރިގޮތް ކަމުގައި ނުފެންނާތީ، މިއަހަރު މިމުބާރާތް ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

 މިމުބާރާތް ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރިތައްވެ، މަސައްކަތްތައް އައުޓްސޯސްކޮށްފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނުލިބުމުގެ ސަބަބުން މުބާރާތް ކުރިއަށް ގެންދެވޭގޮތް ނުވުމަކީ، މިކައުންސިލާއި ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. އަދި  ދަރިވަރުންގެ ކުރިއެރުމާއި ލާބައަށް ސްކޫލްތަކުން އެދޭ މިފަދަ ކަންކަމަށް މިނިސްޓްރީން ހުއްދަ ނުދިނުމަކީ ބަލައިގަންނަށް އުދަނގޫ ކަމެއްކަމަށާއި، މިފަދަ ކަންކަމަކީ އެ ސްކޫލެއްގެ އިޚްތިޔާރުގެ ދަށުގައި އޮންނަންޖެހޭނެ ކަންކަން ކަމުގައި ދެކެމެވެ.

 އަދި ހަމައެހެންމެ، ޤައުމީ ފެންވަރުގައި ހެދޭ އެކްޓިވިޓީ ކަލަންޑަރެއްގައި ނެތުމުންކަމަށް ވިދާޅުވެ، ސިޓީ ފެންވަރުގައި ކުރަމުންދާ މިފަދަ މަސައްކަތްތައް ހުއްޓުވުމަކީ ލާމަރުކަޒީ ނިޒާމާ ވަރަށް ބީރައްޓެހި ނިންމުމެއްކަން ފާހަގަކުރަމެވެ. އަދި މިކަމުގެ ސަބަބުން ސިޓީ ފެންވަރުގައި ދަރިވަރުންގެ ކުރިއެރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހިޔަނި އެޅިގެންދާކަމާއި މިފަދަ ސިޔާސަތުތަކަށް ބަދަލު ގެނެސް، ރަށު ފެންވަރުގައި އަދި ސިޓީ ފެންވަރުގައި ދަރިވަރުންގެ ކުރިއެރުމަށް ކައުންސިލްތަކާއެކު ސްކޫލްތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

 މިމުބާރާތް ބޭއްވޭ ގޮތް ނުވުމުގެ ސަބަބުން ސްކޫލްތަކާއި، ޤުރުއާން ކްލާސްތަކާއި، ބައިވެރިންނަށާއި، ބެލެނިވެރިންނަށް އަދި ކަންކަން އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ދިމާވި ދަތިތަކަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދެމެވެ.

22 އޮކްޓޫބަރު 2026