ދިވެހިރާއްޖެ
ނޫސް ބަޔާން
އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލުން
އައްޑޫސިޓީގެ ތަރައްގީގެ ޕްލޭންގެ ޑްރާފްޓް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ރަށްވެހިންނާއި، ވިޔަފާރިވެރިންނާއި، ޖަމްއިއްޔާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދިވެހި ދައުލަތުގެ ވުޒާރާތަކާއި، ތަންފީޒީ އިދާރާތަކާއި، މިނިވަން މުވައްސަސާތަކުގެ ޚިޔާލާއި ލަފާ ހޯދުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭންގެ ޑްރާފްޓް އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީގޮތުން އެއްބަސްވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓޭނަބްލް ޑިވެލޮޕްމަންޓް ގޯލްސް) ހާސިލްކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއްދީގެން ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ ޕްލޭންތަކާއި އެއްގޮތްވާގޮތަށެވެ. އައްޑޫގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމަށްފަހު އައްޑޫގައި ދިރިއުޅޭ ރަށްވެހިންނަށް އެންމެ މުހިއްމު ބޭނުންތައް ދެނެގަތުމަށްޓަކައި އައްޑޫގެ ކޮންމެ 5 ގޭބިސީއަކުން އެއް ގޭބިސީއަށް ޒިޔާރަތްކޮށް ސާވޭއެއްވަނީ ނިންމާފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެގެން ޕްލޭނިންގ ވޯކްޝޮޕްތައް ބާއްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ފެނަކަ، އެމްޓީސީސީ، ވެމްކޯ، އާރުޑީސީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ގަން އެއަރޕޯޓް، އަދި އައްޑޫގައި ހިންގާ ޔުނިވަރސިޓީ ކޮލެޖްތަކާއި، އައްޑޫގައި އެކިއެކި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އައްޑޫގެ ޒުވާނުންގެ ޚިޔާލު ހޯދުމަށް މުހިއްމު މަސައްކަތްތަކެއްވަނީ ނިންމާފައެވެ. އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މީގެ ކުރިން އެކުލަވާލާފައިވާ ޕްލޭންތައް ވަޒަންކޮށް ހާސިލު ކުރެވުނު މިންވަރު ދެނެގަތުމާއި ދިމާވި ގޮންޖެހުންތައް ފާހަގަކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.
އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރާއި، ކަނޑައެޅިފައިވާ ތަރައްގީގެ 12 ލަނޑުދަނޑި ހާސިލްކުރުމަށް ރާވާފައިވާ ކަންކަމާއި އޭގެ ތެރެއިން އެންމެ އިސްކަންދޭ މުހިންމު 11 ކަމަކާ ގުޅޭގޮތުން ގިނަބައެއްގެ ޚިޔާލާއި ލަފާ ހޯދައި، ޕްލޭން ތަންފީޒުކުރުމަށް ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބޭނެގޮތަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރެވޭނީ އާންމު ރައްޔިތުންނާއި، ވިޔަފާރިތަކާއި، މަދަނީ ޖަމިއްޔާތައް އަދި ދައުލަތުގެ އެކި މުއައްސަސާތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކޮށްގެންނެވެ. އެހެންކަމުން، މި ތަރައްގީގެ ޕްލޭނާ މެދު ވީހާވެސް ގިނަ ފަރާތްތަކުން ޚިޔާލު ފާޅުކޮށް، އިސްލާހުތައް ހުށަހަޅައި، މިކަމަށް ބާއްވާ ބައްދަލުވުންތަކުގައި ފުރިހަމައަށް ބައިވެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
އައްޑޫ ސިޓީގެ ތަރައްގީ ޕްލޭންގެ ޑްރާފްޓް ތިރީގައި މިވާ ލިންކު މެދުވެރިކޮށް ވިދާޅުވެވޭނެއެވެ.
11 ރަބީޢުލްއާޚިރު 1448
22 ސެޕްޓެމްބަރ 2026