ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި އިޢުލާނާއެކު ޢާންމުކޮށް ހުޅުވާލަމެވެ.
ކުންފުނީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތް ބަޔާންކޮށްފައިވެއެވެ. އަދި، ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލައި، ޑިރެކްޓަރުންގެ ބޯޑަށް މައި ޙިއްޞާދާރުގެ ޙައިޘިއްޔަތުން ސަރުކާރުގެ ފަރާތުން 05 (ފަހެއް) ޑިރެކްޓަރުން ޢައްޔަނު ކުރަން ޖެހެއެވެ. އަދި ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 (ދޭއް) ޑިރެކްޓަރުން އިންތިޚާބު ކުރަން ޖެހެއެވެ. ހަމަމިއާއެކު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ މަޤާމަށް، ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލައްވާ އިންތިޚާބުގައި ވާދަކުރެއްވުމަކީ، މި ކުންފުނިން ނުހަނު ބާރުއަޅާކަމެއްކަމުގައި ދެންނެވީމެވެ.
ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މިކުންފުނީގެ ހިންގާ ޤަވާއިދުގެ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދި ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ.
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- ކުންފުނީގެ ޙިއްޞާދާރެއްކަމުގައިވުން، ނުވަތަ ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން (މިގޮތުން، ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތެއްނަމަ، އެފަރާތަކީ އެކުންފުންޏެއްގެ ބޯޑުން ފާސްކޮށްފައިވާ ބޯޑު ޤަރާރަކުން ހުއްދަދީފައިވާ ފަރާތަކަށްވުން).
- އުމުރުން 30 (ތިރީސް) އަހަރު ވެފައިވުން.
- އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ "ރިކޯޑު ބަލާ ފޯމު" ސާފު ފަރާތެއްކަމުގައިވުން.
- ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.
- މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ޤާބިލުކަން ލިބިފައިހުރި ފަރާތަކަށްވުން.
- ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން.
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި، ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް "ޑިސްކޮލިފައިޑް" ނުވަތަ "ސަސްޕެނޑް" ކޮށްފައިވާ ފަރާތަކަށް ނުވުން.
- · މި އިޢުލާން ޢާންމުކުރާ ތާރީޚާ ހަމައަށް، ކުންފުނީގެ އެއްވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށް ނުވުން.
- ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކޮށްފައިވާ ނުވަތަ ޝަތުރު ފުރިހަމަ ނުވާ ފަރާތެއްކަމުގައި ނުވުން.
- އެ ޑިރެކްޓަރަކު ނުވަތަ ޢާއިލާގެ މެންބަރަކު (ބޯޑު ކެންޑިޑަސީ ޕޮލިސީގައި އާއިލާ މެމްބަރުންގެ ގޮތުގައި ބަޔާންކޮށްފައިވާ) ކުންފުނީގައި ވަޒީފާ އަދާކުރަމުން ނުދިޔުމާއި، ފާއިތުވި 01 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަން ނުވަތަ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނޭ މަޤާމެއް ފުރާފައި ނުވުން.
- އެ ޑިރެކްޓަރަކު ނުވަތަ އޭނާގެ ޢާއިލާގެ އެއްވެސް މެންބަރަކު (ބޯޑު ކެންޑިޑަސީ ޕޮލިސީގައި އާއިލާ މެމްބަރުންގެ ގޮތުގައި ބަޔާންކޮށްފައިވާ)، ފާއިތުވި 01 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، ކުންފުންޏާއެކު ފާހަގަ ކުރެވޭފަދަ ބޮޑު ފައިސާގެ މުޢާމަލާތެއް ކޮށްފައި ނުވުން (މީގެ ތެރޭގައި ކުންފުނިން ހޯދާފައިވާ މުސާރަ ނުވަތަ އެއްވެސް ބާވަތެއްގެ ކޮމިޝަނެއް ނުވަތަ މަސައްކަތެއްގެ ފީ ނުވަތަ ކުންފުންޏާއެކު ކޮށްފައިވާ ވިޔަފާރިއަކުން ލިބިފައިވާ މަންފާ ހިމެނެއެވެ).
- ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ "އިންޑިޕެންޑެޓް ޑިރެކްޓަރ" ގެ ޝަރުތު ފުރިހަމަވާ ފަރާތަކަށްވުން.
- ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ މާއްދާތަކުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވުމާއެކު، އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.
- ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 (ދޭއް) ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތެއް ކަމުގައި ނުވުން.
- ކުންފުނީގެ ވިޔަފާރިއާއި މަސްލަހަތު ފުށުއަރާ މަސައްކަތެއްގައި ޝާމިލުވާ ފަރާތެއްކަމުގައި ނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑުގެ ޑިރެކްޓަރުކަން ނުވަތަ މުވައްޒަފެއްގެ ގޮތުގައި ވޭތުވެދިޔަ 01 (އެކެއް) އަހަރު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.
- ޕަބްލިކް ނުވަތަ ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވުން ނުވަތަ ޕަބްލިކް/ސަރުކާރު/ޕްރައިވެޓް ކުންފުންޏެއްގެ މެނޭޖްމަންޓް ލެވެލްގައި ނުވަތަ އެއަށްވުރެމަތީ ފެންވަރުގެ މަގާމެއްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 05 (ފަހެއް) އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 (ދިހައެއް) އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
މިމަޤާމަށް ހޮވުމުގައި ކޯޕަރޭޓް ގަވަރނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނު، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާއި ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމާއި ތަޖުރިބާ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް، ކުންފުނީގެ ބޯޑު ކެނޑިޑެންސީ ޕޮލިސީ އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓިވް ގަވަރނަންސް ކޯޑާއި ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންއާއި އެއްގޮތަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރައްވާނެއެވެ.
ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު، އަހަރީ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރާނެއެވެ. މި 02 (ދޭއް) މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ.
މިއިޢުލާނާއި ގުޅޭ ލިންކުތައް:
- މިކުންފުނީގެ ވެބްސައިޓް mtcc.mv
- ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް https://sop.mtcc.com.mv
- އަސާސީ ޤަވާއިދު Memorandum of Association
- ހިންގާ ޤަވާއިދު Articles of Association
- ބޯޑު ކެނޑިޑެންސީ ޕޮލިސީ Board Candidacy Policy
- ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމާއި ގުޅޭ އިރުޝާދުApplication Guide
- ކުންފުނީގެ ގާނޫނުCompanies Act 7/2023
- ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑު CMDA CG Code
- ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން Fit & Proper Guideline
މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން މިކުންފުނީގެ ޝެއަރހޯލޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް 2026 ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކުންފުނީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ 3001107 / 3001106 އަށް ގުޅުއްވުން އެދެމެވެ.