ދިވެހިރާއްޖެ
މިހާރަކަށް އައިސް ގޭގޭގެ ފުރާޅުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހިޔާކުރުމާއި ފުރާޅުގެ ދިޔަދޮވި ހޮޅިތައް މަގުމައްޗަށް ފެންދާ ގޮތަށް ހަދަމުން ގެންދާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ގޭގޭގެ ފުރާޅާއި ދިޔަދޮވި ފެން މަގުތަކަށް އޮހޭ ގޮތަށް ދޫކޮށްލުމުން މަގުތަކުގައި ފެންބޮޑުވެ، ވަޅުގަނޑު ހެދި، ފެން ހިނދުން ލަސްވެ ޢާންމު ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ކުރިމަތިވެ ނުރައްކާތެރި އަދި ހިތާމަވެރި ޙާދިސާތައް ހިނގުމަށް މަގު ފަހިވެގެން ދެއެވެ. މިހެންކަމުން ގޯތިތެރެއަށް ފެން ހިނދޭނެ އިންތިޒާމުތައް ހަމަޖައްސައިފިނަމަ ގޯތިތެރެއަށް ފެންހިދުން އަވަސްވެ، މަގުތަކަށް އެޅޭ ފެނުގެ މިންވަރު މަދުވެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ކުޑަކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ގަވާއިދު ނަންބަރު 2013/R-757 ގެ 4 ވަނަ މާއްދާގެ (ހ) ގައި އިމުގެ މަގުމައްޗާވީ ފަޅިން ޢިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފައިބާ ގޮތަށް ހިޔާކުރާނަމަ ފުރާޅުގައި ދިޔަދޮވި ލައި ހޮޅި ގުޅައި މަގުމައްޗަށް ފުރާޅުން ފެން ނުފައިބާ ގޮތަށް ހަދަންވާނެ ކަމަށާއި، ދިޔަދޮވިން މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރެގެން ނުވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި މި ގަވާއިދުގެ 5 ވަނަ މާއްދާގައި ޢިމާރާތުގެ ޓެރަސް، ބެލްކަނިފަދަ ތަންތަނަށް ޖަމާވާ ފެނާއި އެއަރކޯނު ފަދަ ތަކެތިން މަގުމައްޗަށް ފެން ފައިބާ ގޮތަށް ނުވަތަ މަގު މައްޗަށް ފެން އޮހޭ ގޮތަށް ބެހެއްޓުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. މިފަދަ ގޮތަކަށް ހުރިތަންތަން މަގުމައްޗަށް ފެން ނުފައިބާ ގޮތަށް ހޮޅިލައި އެހޮޅިން ފައިބައި ފެން ބިމަށް ހިނދޭގޮތަށް ހަދަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.
ވީމާ، 10 އޮގަސްޓް 2026 ގެ ކުރިން ގަވާއިދާ ޚިލާފަށް މަގުމައްޗަށް ފެން އޮހޭ ގޮތަށް ހުރި ފުރާޅުތަކާއި ދިޔަދޮވި ހޮޅިތައް، މަގުމައްޗަށް ފެން ނުފައިބާ ގޮތަށް ގޯތިތެރެއަށް ބަދަލުކުރުމާއި، ދިޔަދޮވި ނުވަތަ ދިޔަދޮވި ހޮޅި މަގުމައްޗަށް ފެންދާ ގޮތަށް ހުރި ތަންތަނުގެ ހޮޅިތައް ގޯތިތެރެއަށް ބަދަލުކުރުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.