ދެންނެވުން
ނަންބަރު: 220-TP/CIR/2016/03
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:01
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް

ޓެކްސް ރޫލިންގ TR-2015/G27 (ޓެކްސް ރޫލިންގ TR-2015/G23 އަށް 1 ވަނަ އިޞްލާޙު ގެނައުން) މެދުވެރިކޮށް އިޞްލާޙުކުރެވިފައިވާ ޓެކްސް ރޫލިންގ TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) އާ ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ ޓެކްސް ރޫލިންގގެ ޕެރެގްރާފް 15 ގެ (ށ) ގައިވާ ގޮތުގެ މަތިން، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 50 މިލިއަން ރުފިޔާއަށް ވުރެ ދަށް، އަދި 30 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްނަމަ، 1 ޖަނަވަރީ 2016 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޖީ.އެސް.ޓީ ބަޔާންތަކާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހަޅަންޖެހޭނެއެވެ.

މި ޓެކްސް ރޫލިންގގެ ޕެރެގްރާފް 13 ގެ (ހ) ގެ ދަށުން، މަތީގައި ބަޔާންކޮށްފައިވާ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އިންޕުޓް ޓެކްސް ސްޓޭޓްމަންޓާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނީ މި އޮތޯރިޓީގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް ޕްލަސް' މެދުވެރިކޮށެވެ.

ޓެކްސް ދައްކާ ފަރާތުން ޕޯޓަލްއަށް ލޮގިންކުރަން ބޭނުންވާ ޔޫޒަރނޭމް އަދި ޕާސްވޯޑް، މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 ފެބުރުވަރީ 2016