ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2026/38
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:21
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާ ގުޅޭ

މި ރަށުން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގިނަ ފަރާތްތަކަކުން ގޯތީގެ ރަޖިސްޓްރީ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް ހުށަހަޅާފައި ނުވާކަމާއި، އަދި ހަދާ ނިމިފައިވާ ބައެއް ގޯތީގެ ރަޖިސްޓްރީތަކާވެސް ހަވާލުނުވެ ހުރިކަން މި އިދާރާގެ ރެކޯޑުތަކުން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2001/01) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ރިޢާޔަތްކުރާއިރު، ކޮންމެ ގޯއްޗަކީވެސް އެ ގޯއްޗެއް ލިބޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ތަނަކަށް ވާންޖެހެއެވެ. އަދި ގޯތީގައި އިމާރާތެއް ފުރިހަމަކުރުމަށްފަހު، އެ އިމާރާތެއް ހިމެނޭހެން "އިމާރާތާއި ގޯތީގެ ރަޖިސްޓްރީ" ހެދުމަކީ އެ ގޯއްޗެއްގެ މިލްކުވެރިކަން ގާނޫނީގޮތުން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރަޖިސްޓްރީ ނުހަދައި ގިނަ ދުވަސްތަކެއް ވުމަކީ، ގޯތި ބޭނުންކުރުމުގައާއި، ބިމާ ގުޅޭ އެކި މުއާމަލާތްތައް ހިންގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ވީމާ، މިހާތަނަށް ގޯތީގެ ރަޖިސްޓްރީ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް ހުށަހަޅާފައިނުވާ ފަރާތްތަކުން، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ މަސައްކަތް ފުރިހަމަކުރުމަށާއި، އަދި ރަޖިސްޓްރީ ހަދައި ނިމި، މި އިދާރާއިން ދޫކުރުމަށް ތައްޔާރުވެފައިވާ ރަޖިސްޓްރީތަކާ ހަވާލުނުވެ ހުރި ފަރާތްތަކުންވެސް ލަސްނުކުރައްވައި ރަޖިސްޓްރީތަކާ ހަވާލުވެލެއްވުމަށް އިލްތިމާސްކުރަމެވެ.

ރަޖިސްޓްރީ ހެދުމަށް ބޭނުންވާ ފޯމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު (6840004) އަށް ގުޅުއްވުން އެދެމެވެ.

01 ޖުލައި 2026